އާ ޝަރުތުތަކާއެކު ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓު ގުނަން ތައްޔާރު ވަނީ--- ސަން ފައިލް ފޮޓޯ

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ އާ ޝަރުތުތައް ކަނޑައަޅާފައިވާ އިސްލާހަށް އަމަލު ކުރަން ފެށުމާއެކު، އެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.

ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް ކުރިން ކަނޑައަޅާފައިވާ ސުންގަޑި ހަމަވާނީ އަންނަ ހަފްތާގެ ހޯމަ ދުވަހެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

"ކުރިން ޝަރުތު ފުރިހަމަ ނުވުމުގެ ސަބަބުން ކެންޑިޑެންސީ ބާތިލުކޮށްފައިވާ ފަރާތްތައް، މި ބަލާ ގުޅިގެން ޝަރުތު ފުރިހަމަވާނަމަ އަލުން ފޯމް ހުށަހެޅުމުގެ ފުރުސަތު 28 ފެބްރުއަރީ 2017ވާ އަންގާރަ ދުވަހުގެ ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ،" އިލެކްޝަންސް ކޮމިޝަނުންކޮށްފައިވާ އިއުލާނެއްގައިވެ އެވެ.

އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ކުރިން ބުނެފައިވާ ގޮތުން ހައްދު ކަނޑައަޅާފައިވާ ކުށެއް އުމުރުގެ އެއްވެސް ހިސާބެއްގައި ކުރި މީހަކަށް ކައުންސިލް އިންތިހާބަށް ކުރިމަތި ނުލެވޭނެ އެވެ. ނަމަވެސް ސަރުކާރުގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން އެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުން ހައްދު ކަނޑައަޅާފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ ހުކުމް މައާފު ކުރެވުނުތާ ތިން އަހަރުވެފައިވާނަމަ އިންތިހާބުގައިވާދަ ކުރެވޭނެ އެވެ.

އެ ގާނޫނުގައި ކުރިން ބުނެފައިވާ ގޮތުން މަސްތުވާތަކެތި ބޭނުން ކުރުމާއި ވިޔަފާރި ކުރިކަން ސާބިތުވެފައިވާ މީހަކަށް ކައުންސިލް އިންތިހާބުފައި ވާދައެއް ނުކުރެވޭނެ އެވެ.

ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަލީ މުހައްމަދު ހުށަހަޅައި، މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފައިވާ ބިލުގައިވާ ގޮތުން މަސްތުވާތަކެތީގެ ވިޔަފާރި ކުރި މީހަކަށް ކައުންސިލް އިންތިހާބުގައި ވާދަ ކުރެވޭނެ އެވެ. ނަމަވެސް އެ މީހަކަށް އިންތިހާބުގައި ވާދަ ކުރެވޭނީ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އަދަބު މައާފު ކުރެވުނުތާ ހަތް އަހަރު ފަހުން ކަމަށް ބިލުގައިވެ އެވެ.

comment ކޮމެންޓް