ޖެނީވާ ސަމިޓުގެ ހިތްވަރުގަދަ އެވޯޑު މިފަހަރު ނަޝީދަށް

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ލަންކާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ/ އޭޕީ

ޖެނީވާ ސަމިޓް ފޯ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީން ދޭ ހިތްވަރުގަދަ ކަމުގެ އެވޯޑު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދޭން ނިންމައިފި އެވެ.

އިންސާނީ ހައްގުތަކާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށް ޔޫއެން ވޮޗް ފަދަ 25 ޖަމްއިއްޔާއަކުން ސްޕޮންސާކޮށްގެން ކުރިއަށްގެންދާ ޖެނީވާ ސަމިޓު ބާއްވަން ހަމަޖެހިފައި ވަނީ މިމަހުގެ 21 ވަނަ ދުވަހެވެ. ނަޝީދަށް އެއެވޯޑު ހަވާލު ކުރާނީ އެދުވަހެވެ.

ސުވިޒަލޭންޑުގެ ޖެނީވާގައި ބާއްވަން ހަމަޖެހިފައިވާ އެސަމިޓުގައި އަލިއަޅުވާލާނެ މައްސަލަތަކުގެ ތެރޭގައި އަންހެނުންނާ މެދު ގެންގުޅޭ ތަފާތުކުރުންތަކާއި، ނޫސްވެރިން ޖަލަށްލުމާއި، އިންޓަނެޓު ބޭނުންކުރުމުގައި އޮންނަ މިނިވަންކަމާއި، ތަފާތު ދީންތަަކަށް އިހުތިރާމު ނުކުރުމާއި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކަށް އަދަބު ދިނުން ހިމެނެ އެވެ.

ހިތްވަރުގަދަކަމުގެ އެވޯޑުގެ އިތުރުން ޖެނީވާ ސަމިޓުންދޭ އިންޓަނޭޝަނަލް ވިމެންސް ރައިޓްސް އެވޯޑް މިފަހަރު ދޭން ހަމަޖެހިފައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ޖިންސީ އަޅުވެތިކަމުން ސަލާމަތްވި ޔަޒީދީ ދަރިކޮޅުގެ އަންހެނެއް ކަމަށްވާ ޝީރީންއަށެވެ.

މިދިޔަ އަހަރު ޖެނީވާ ސަމިޓުގެ ހިތްވަރުގަދަ ކަމުގެ އެވޯޑު ދީފައި ވަނީ ވެނެޒުއޭލާގެ ސިޔާސީ ހައްޔަރީން ކަމަށްވާ އެންޓޯނިއޯ ލެޑެޒްމާ އާއި ލިއޮޕޮލްޑޯ ލޯޕޭޒް އަށެވެ.

comment ކޮމެންޓް