ގެއްލުންވަނީ ހަކުރު ހުންނަ ބުއިންތަކުން، ޑިއުޓީ ނަގަނީ ފިޒީ ޑްރިންކްްސުން!؟

އެޗްޕީއޭ އަދި ޓޯބާކޯ ކޮންޓްރޯލް ބޯޑު މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ --- ސަން ފޮޓޯ// ފަޔާޒު މޫސާ

ގެއްލުން ހުރި ބުއިންތަކަކީ ހަކުރު ހުންނަ ބުއިންތަކުން ކަމަށް އެޗްޕީއޭއިން ބުނާއިރު، މިހުރިހާ ދުވަހު ޑިއުޓީ ނަގަމުން ދިޔައީ ފިޒީ ޑްރިންކްސްއިން ކަން ހާމަވެއްޖެ އެވެ.

ސިނގިރެޓާއި އެނާޖީ ޑްރިންކް އަދި ސޮފްޓް ޑްރިންކުން ނަގާ ޑިއުޓީ ބޮޑުކުރަން މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހު ދިރާސާކުރާ މަރުހަލާގައި މިއަދު މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ވަނީ ތިން މުއައްސަސާއަކާ ބައްދަލުކޮށްފައެވެ.

މިއަދު މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ކަސްޓަމްސްގެ އިސްބޭފުޅުން ހާޒިރުކޮށް ސުވާލު ކުރުމުން އެބޭފުޅުން ވިދާޅުވީ ސޮފްޓް ޑްރިންކްސްގެ ގޮތުގައި އެ ބޭފުޅުން ބަލަނީ ފިޒީ ޑްރިކްސް ކަމަށެވެ.

"ކާބޮނޭޓެޑް ވޯޓާ ހުރީމަ ސޮފްޓް ޑްރީންކްސް ގޮތަަށް ކަސްޓަމްސްއިން މާނަކުރަނީ، އެހެންވީމަ ކާބޮނޭޓެޑް ނޫން ހުރިހާ އެއްޗަކަށް މިހާރުވެސް ނަގާނީ ސުން ޕަސެންޓް ޑިއުޓީ ޗާޖް،" ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފު ވިދާޅުވި އެވެ.

އެޗްޕީއޭ އަދި ޓޯބާކޯ ކޮންޓްރޯލް ބޯޑު މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ --- ސަން ފޮޓޯ// ފަޔާޒު މޫސާ

ޓޮބާކޯ ކޮންޓްރޯލް ބޯޑު އަދި އެޗްޕީއޭ ކޮމެޓީއަށް ހާޒިރުކޮށް މެމްބަރުން ސުވާލު ކުރުމުން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ވިދާޅުވީ ސިއްހަތަށް ގެއްލުންވާނީ ހަކުރު ހުންނަ ބުއިންތަކުން ކަމަށެވެ. އެބޭފުޅުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީވެސް ހަކުރު ހުންނަ ބުއިންތައް ގިނަވުންކަމަށް ރަމީލާ ވިދާޅުވި އެވެ.

"ފިޒީ ޑްރިންކެއް ވެސް ހުރެދާނެ ޒީރޯ ޝުގާ ހުންނަ ޑްރިންކްސް. އާދައިގެ ފުރުޓް ޖޫހެއް ވެސް ފިޒީކޮށްލެވިދާނެ. ސްޕާކްލޮންގް ވޯޓާވެސް ފިޒީ ދެއްތޯ. އޭގެން ސިއްހީ ގެއްލުމެއް ނެތް،" ރަމީލާ ވިދާޅުވި އެވެ.

ކާބަނޭޓެޑް ވޯޓާ އަޅައިގެން ފިޒީކޮށްފައި ހުންނަ ބުއިންތަކަކީ ވަކި ކެޓަގަރީއެއްގެ ބުއިންތަކެއްކަން ރަމީލާ ވަނީ ފާހަގަކޮށްފަ އެވެ.

"އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ ހަކުރު ބުއިންތަކުގައި ހުރުން" ރަމީލާ ވިދާޅުވި އެވެ.

އެނާޖީ ޑްރިންކާއި ސޮފްޓް ޑްރިންކަކީ ގެއްލުން ހުރި ދޭތި ކަމަށާއި ނަމަވެސް އެނާޖީ ޑްރިންކުގެ ގެއްލުން އިތުރަށް ބޮޑު ކަމަށް ރަމީލާ ވިދާޅުވި އެވެ. އެއީ އެނާޖީ ޑްރިންކުގައި ކެފެއިން އިތުރުވުމުން ކަމަށް ރަމީލާ ވިދާޅުވި އެވެ.

"އެކްސަސައިޒް ކުރަން ނުވަތަ ދުވަން ދިއުމުގެ ކުރިން އެނާޖީ ޑްރިންކެއް ބޯލައިގެން ދިޔައިމަ ކުއްލިއަކަށް ހާޓްއެޓޭކެއް ޖެހޭނީ،" ރަމީލާ ވިދާޅުވި އެވެ.

ެއެނާޖީ ޑްރިންކާއި ސޮފްޓް ޑްރިންކުން އެއްވެސް ފައިދާއެއް ނުވާނެކަން ތަކުރާރުކޮށް ރަމީލާ ފާހަގަކުރި އެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ މިހުރިހާ ދުވަހު ކަސްޓަމްސްއިން ޑިއުޓީ ނަގަމުންދިޔައީ ސިއްހަތަށް ގެއްލުމެއް ނުވާ އަދި ސޮފްޓް ޑްރިންކްސްގެ ތެރޭގައި ވެސް ނުހިމެނޭ ފިޒީ ޑްރިންކްސްއިން ކަމެވެ.

އެނާޖީ ޑްރިންކާއި ސޮފްޓް ޑްރިންކުން ނަގާ ޑިއުޓީ ހަތަރު ރުފިޔާ 60 ލާރިއަށް ބޮޑުކުރަން މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ. އަދި ސިނގިރެޓުން ނަގާ ޑިއުޓީ ދެރުފިޔާއަށް ބޮޑުކުރަން ވެސް މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ.

comment ކޮމެންޓް