ވޭތުވެދިޔަ އަހަރު ރާއްޖެއަށް 500 މިލިއަނެއްހާ ސިނގިރެޓް އެތެރެކުރި

ފިހާރައެއްގައި ވިއްކަން ހުރި ސިނގިރެޓް ފޮށިތަކެއް ---

ދެހާސް ފަނަރަވަނަ އަހަރާ އަޅާބަލާއިރު ވޭތުވެދިޔަ އަހަރު ރާއްޖެއަށް ސިނގިރެޓް ސްޓިކް އެތެރެކުރިވަރު އިތުރުވެފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ސިނގިރެޓާއި އެނާޖީ ޑްރިންކް އަދި ސޮފްޓް ޑްރިންކުން ނަގާ ޑިއުޓީ ބޮޑުކުރަން މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހު ދިރާސާކުރާ މަރުހަލާގައި މިއަދު މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ވަނީ ތިން މުއައްސަސާއަކާ ބައްދަލުކޮށްފައެވެ.

އެގޮތުން ކޮމިޓީއަށް ކަސްޓަމްސް ސާވިސް ހާޒިރުކޮށް މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ކޮމިޝަނަ ޖެނެރަލްސް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފް ވިދާޅުވީ ވޭތުވެދިޔަ އަހަރު ސިނގިރެޓް އެތެރެކުރި މިންވަރު އިތުރުވެފައިވާ ކަމަށެވެ.

އެގޮތުން 2015 އަދި 2016 ގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެއަށް ސިނގިރެޓް އެތެރެކޮށްފައިވާ މިންވަރު އިތުރުވެފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި ޑިއުޓީ ބޮޑުކޮށްގެން އެއްވެސް ބަދަލެއް އާދޭތޯ ބަލިބެލުމުން ބަދަލެއް އައިކަން ފާހަގަކުރެވިފައި ނުވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ވޭތުވެދިޔަ ދެ އަހަރު ސިނގިރެޓް ރާއްޖެ އެތެރެކުރި މިންވަރު

  • 2015 - 460 މިލިއަން ސިނގިރެޓް ސްޓިކް

  • 2016 - 500 މިލިއަން ސިނގިރެޓް ސްޓިކް

ނަމަވެސް 400 ޕަސެންޓް ޑިއުޓީއަށް ނަގާ ޕްލާސްޓިކު ކޮތަޅު އެތެރެކުރާ މިންވަރު މަދުވެ ބައޮޑިގްރޭޑަބަލް ކޮތަޅު އެތެރެކުރާ މިންވަރު އިތުރުވެފައިވާ ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ޖުމްލަކޮށް ރާއްޖެއަށް މުދާ އެތެރެކުރި އަދަދުވެސް 25 އާއި 30 ޕަސެންޓް އިތުރުވެފައިވާ ކަން ޝަރީފް ވަނީ ފާހަގަކޮށްފައެވެ.

ސިނގިރެޓުން ބޮޑު ޓެކުހެއް ނަގަން ޖެހޭ އެއް ސަބަބަކީ ސިނގިރެޓް ބޯ މީހުންނާހެދި މުޖުތަމައުގެ އެހެން މީހުންނާއި ގައުމުގެ ސިއްހީ ދާއިރާއަށް ތަކުލީފަކަށް ވާތީ ކަމަށް ޝަރީފް ވިދާޅުވި އެވެ.

" އިތުރު ހަރަދުތަކެއް ސިއްހީ ފަރުވާދޭން ކުރަން އެބަޖެހޭ ސިނގިރޭޓް ބޯ މީހުންނަށް. ކެއްސާތީ ބޭއްކުރަން ވިޔަސް އަދި އެޔައްވުރެ ބޮޑެތި ބަލިތަކަށް ބޭސްކުރަން ވިޔަސް." ޝަރީފް ވިދާޅުވި އެވެ.

ޑިއުޓީ ނަގަނީ ބައެއް ސޮފްޓް ޑްރިންކުން

ސޮފްޓް ޑްރިންކުން ނަގާ ޑިއުޓީ ބޮޑުކުރާ ވާހަކަ ދެކެވުމާއި ގުޅިގެން މަޖިލީހުގައިވެސް ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރި އެވެ. އެއީ އާންމުކޮށް ސޮފްޓް ޑްރިންކްސްގެ ތެރޭގައި ހިމެނޭ ކުދިން އިންޓަވަލްއަށް ގެންދާ ބުއިންތަކުން ޑިއުޓީ ބޮޑު ކުރާނެ ތޯ އުފެދޭ ސުވާލެވެ.

ކަސްޓަމްސްގެ ވެރިޔާ ޝަރީފް ވިދާޅުވީ ކަސްޓަމްސްއިން ހުންނަނީ ސޮފްޓް ޑްރިންކްސްވެސް ކެޓަގައިރައިޒް ކޮށްފައި ކަމަށެވެ. އެގޮތުން ސޮފްޓް ޑްރިންކުގައި " ކާބޮނޭޓެޑް ވޯޓާ އެކުލެވޭ ސޮފްޓް ޑްރިންކްސް" އިން ޑިއުޓީ ނަގާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

" ކާބޮނޭޓެޑް ވޯޓާ ހުރީމަ ސޮފްޓް ޑްރީންކްސް ގޮތަަށް ކަސްޓަމްސްއިން މާނަކުރަނީ، އެހެންވީމަ ކާބޮނޭޓެޑް ނޫން ހުރިހާ އެއްޗަކަށް މިހާރުވެސް ނަގާނީ ސުން ޕަސެންޓް ޑިއުޓީ ޗާޖް" ޝަރީފް ވިދާޅުވި އެވެ.

އޭގެ އިތުރުން ޝަރީފް އެދިވަޑައިގަތީ ގާނޫނުގައި އެނާޖީ ޑްރިންކް ސޮފްޓް ޑްރިންކްސްގެ ވާހަކަ ހިމަނާއިރު، މާނަކޮށް ދިނުމަށެވެ. އަދި ސޮފްޓް ޑްރިންކަކީ ކޮބާކަން ކަން ކޮން ބާވަތެއް އެކުލެވޭ އެއްޗެއްކަން ވަކިން ބުނެދިނުމަށް އެދި ވަޑައިގަތެވެ.

" މިސާލަކަށް ހުންނާނެ ޝުގަރީ ޑްރިންކްސް. އޭގެތެރެއިން ޝުގާ ވަކި ވަރަކަށްވުރެ މަތި އެއްޗިއްސަކީ ސޮފްޓް ޑްރިންކްސް ކަމަށް ސަރުކާރުގެ އިދާރާއަކުން ކަނޑައަޅައިފިއްޔާ ޑިއުޓީ ނަގާ ސޮފްޓް ޑްރިންކަަށް ބަދަލު އަންނާނެ" ޝަރީފް ވިދާޅުވި އެވެ.

comment ކޮމެންޓް