19 އަހަރަށްފަހު ޓެޑްރީގެ އާ ފިލްމެއް، ނަމަކީ "ލަސްވިޔަސް"

"ލަސްވިޔަސް" ގައި ކުޑަ ކުއްޖެއްގެ ރޯލުން ފެންނަ ޒޯޔާ: އޭނާއަކީ ފިލްމީ ބަތަލާ ނިއުމާގެ ދަރިފުޅު.

މީގެ 19 އަހަރު ކުރިން މުހައްމަދު ނިޔާޒު (ޓެޑްރީ) ޕްރޮޑިއުސްކުރި ފިލްމް "އަމާނާތް" އަށް ފަހު އަންނަ މާޗު މަހު އަނެއްކާވެސް އޭނާގެ މުޅިން އާ ފިލްމެއް ލޯންކުރަން ނިންމައިފި އެވެ. ދިގު މުއްދަތަކަށް ފަހު މިފަހަރު މި ގެނެސްދެނީ "ލަސްވިޔަސް" އެވެ.

ކާމިޔާބު ފިލްމް "އަމާނާތް" ނަވާރަ އަހަރަށް ފަހު މިދިޔަ އަންގާރަ ދުވަހުގެ ރޭ ދެއްކި އިރު މިފަހަރުގެ ފިލުމް "ލަސްވިޔަސް" ޓީޒާ ވެސް މިވަނީ ދައްކާލާފައެވެ.

ފިލްމުގެ ޕްރޮޑަކްޝަންގެ މަަސައްކަތްތައް އަންނަ އެޕްރީލް މަހު ފެށޭނެ ކަމަށާއި ފިލްމުގައި ހިމެނޭނެ ކާސްޓުން މިހާރު ދަނީ ނިންމަމުން ކަމަށެވެ.

"ކާސްޓުން މިހާރު ވެސް ދަނީ ހިނގަމުން. މައިގަނޑު ޕްރައިމަރީ ކާސްޓުން މިހާރުވެސް ވަނީ ގާތްގަނޑަކަށް ނިމިފަ އެހެރީ. ދެން އޭގެ ތެރޭގަ ގިނައީ އާ ކުދިން،" ޓެޑްރީ ބުންޏެވެ.

ޓެޑްރީގެ "ލަސްވިޔަސް" ގެ ފަސްޓްލުކް

މާޗު މަހުގެ ތެރޭގައި ބާއްވާ އޮފިޝިއަލްކޮށް ފިލްމް ލޯންޗު ކުރާ ސެރަމަނީގައި ހުރިހާ ކާސްޓޫން މީޑިއާ ހަމައަށް ގެނެސްދޭނެ ކަމަށް ޓެޑްރީ ބުންޏެވެ.

"ސަން"އަށް މައުލޫމާތު ދެމުން ޓެޑްރީ ބުނީ ފިލްމްގެ ސްކްރީންޕްލޭ އާއި ބެހޭ ގޮތުން މިވަގުތު އަދި ތަފްސީލެއްް ދެވެން ނެތް ކަމަށާއި ވަކި ކަހަލަ މާކެޓިން ޕްލޭނެއްގެ ތެރޭން ޓީޒާއެއް ރިލީޒް ކުރެވިފައިވާނެ ކަމަށެވެ. އެހެންވުމުން ފިލްމުގެ ސަބްޖެކްޓާއި ބެހޭ މައުލޫމާތު ދެވޭނީ މާކެޓިން ޕްލޭންގެ ދަށުން ޕަބްލިޝްކުރެވޭ މާކެޓިން މެޓީރިއަލްއާ އެކީގަކަމަށެވެ.

"މިހާރު ޕަބްލިޝްކޮށްފަ އޭންދަ ޓީޒާ ޓުރެއިލާ އިން އެކަނި މުޅި ފިލްމުގެ ވާހަކަ އަސްލު ހަގީގަތުގައި ވާނީ ބުނެދީފަ. އޭގެން އިވޭ އަޑުތަކާއި ފެންނަ މަންޒަރު ތަކުން ފިލްމުގެ ވާހަކަ ބިނާ ކުރެވިފައިވާ ކަންތައްތައް ރަނގަޅަށް އިނގޭނެ. އެއަށްވުރެ ރަނގަޅަށް ޝައުގުވެރިކަމާ އެކު ބަލައިފިނަމަ އަންޑަސްޓޭންޑް ވާނެ،" އޭނާ ބުންޏެވެ.

"ލަސްވިޔަސް" މި ފިލްމުގެ ވާހަކަ ލިޔެ، ޑައިރެކްޓް ކުރާނީ ޓެޑްރީ އެވެ. އަދި ޕްރޮޑިއުސް ކުރުމުގައި އެގްޒެކެޓިވް ޕްރޮޑިސަރުންގެ ތެރޭގައި އޭނާ ހިމެނޭއިރު ފިލްމުގެ ގިނަ ޓެކްނިކަލް މަސައްކަތް ވެސް ޓެޑްރީ ކުރާނެއެވެ.

"ލަސްވިޔަސް" ފިލްމާ ބެހޭގޮތުން ޓެޑްރީ "ސަން" އަށް މައުލޫމާތު ދެނީ ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފިލްމުގެ ޓީޒާއިން ފެނިގެންދާ ކުޑަ ކުއްޖާގެ ރޯލުން ފެނިގެންދަނީ މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަން އިބްރާހީމެވެ. މިހާ ގިނަ ދުވަސް ވަންދެން ފިލްމީ ދާއިރާގައި މަސައްކަތް ކުރާއިރު ކަންދިމާވި ގޮތުން ނިއުމާއާ އެކު މަސައްކަތް ކުރުމަށް ފުރުސަތު ލިބިފައި ނުވާތީ އޭނާގެ ދަރިފުޅާ އެކު މަސައްކަތް ކުރުން ވެސް އެއީ އޭނާ އަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް ކަމަށް ގަބޫލޫ ކުރެވުމުން މި ރޯލު ކުޅެން ޒޯޔާ ހަމަޖެއްސީ ކަމަށްވެސް ޓެޑްރީ ބުންޏެވެ.

ފިލްމުގެ ޓީޒާ ޓްރެއިލާ ރިލީޒް ކުތިރާ މާ ގިނަ އިރު ނުވަނީސް ލިބުނު ތަރުހީބުގެ ސަބަބުން ފިލްމް ކާމިޔާބު ވާނެ ކަމުގެ ބޮޑު އިތުބާރެއް ލިބިއްޖެ ކަމަށް އޭނާ ބުންޏެވެ.

"ލަސްވިޔަސް" ގެ ހުރިހާ މަސައްކަތެއް ނިންމައި ސްކްރީނާއި ހަމައަށް އަންނާނީ 2018 ވަނަ އަހަރު އެވެ.

comment ކޮމެންޓް