މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކެޕްޓަނަކަށް އަނެއްކާ ވެސް އަސަދުﷲ އަބްދުﷲ (އަސައްކޮ) ހަމަޖައްސައިފިއެވެ.
މާޒިޔާގެ ކެޕްޓަން ބޭންޑް އަޅައިގެން މިދިޔަ އަހަރުގެ ސީޒަންގައި ވެސް އަސައްކޮ ފެނިގެންދިޔައިރު، އޭނާ އެންމެ ފުރަތަމަ އެކްލަބުގެ ކެޕްޓަން ބޭންޑާ ހަވާލުވެފައިވަނީ 2014 ވަނަ އަހަރުގައެވެ.
މާޒިޔާގެ ވައިސް ކެޕްޓަނުންގެ ގޮތުގައި މިސީޒަނުގައި ފެނިގެންދާނީ ޑިފެންޑަރު އަމްދާން އަލީ (އެންޑީ) އަދި މުހައްމަދު އުމައިރެވެ. އޭގެ ތެރެއިން އެންޑީއަކީ މިދިޔަ އަހަރު ވެސް މާޒިޔާގެ ވައިސް ކެޕްޓަނުންގެ ތެރޭގައި ހިމެނުނު ކުޅުންތެރިއެކެވެ.
މާޒިޔާގެ ފުޓްބޯޅަ ތާރީހުގެ އެންމެ ކާމިޔާބު ދުވަސްތައް ގުނަމުންދިޔައީ 2012 ވަނަ އަހަރުން ފެށިގެންނެވެ. މާޒިޔާއިން 2014 ވަނަ އަހަރުގެ އެފްއޭ ކަޕާއި، 2015 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ހޯދިއިރު އެކްލަބުގެ ކެޕްޓަނަކީ އަސައްކޮއެވެ. އޭގެ އިތުރުން މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ތަށި ވެސް އެކްލަބުން ހޯދީ އަސައްކޮގެ ކެޕްޓަންކަމުގެ ދަށުންނެވެ. އެއީ މާޒިޔާގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެކްލަބުން ލީގު ހޯދި ފުރަތަމަ ފަހަރެވެ.
އދ. މަހިބަދުއަށް އުފަން އަސައްކޮއަކީ އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އިން ވިދާލި ކުޅުންތެރިއެކެވެ. މާޒިޔާއަށް 2014 ވަނަ އަހަރު ގުޅުނު އަސައްކޮ ދަނީ އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.
އަސައްކޮ މާޒިޔާއަށް ކުޅުނު ފުރަތަމަ އަހަރު އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ރަން ބޫޓު ވެސް އޭނާ ވަނީ ހޯދައިފައެވެ. އޭގެ އިތުރުން 2015 ވަނަ އަހަރު މޮޅު ކުޅުންތެރިޔާގެ މަގާމު އޭނާ ދިފާއުކުރިއިރު، މިދިޔަ ސީޒަންގެ އެންމެ މޮޅު ތިން ކުޅުންތެރީންގެ ތެރޭގައި އޭނާ ހިމެނުނެވެ.