ތައުލީމީ ބިލު މަޖިލީހަށް ބަލައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ޕްރީސުކޫލް ތައުލީމާއި ސާނަވީ އަދި މަތީ ސާނަވީ ތައުލީމު ލާޒިމުކޮށް ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ތައުލީމާ ބެހޭ ބިލު މަޖިލީހަށް ބަލައިގެންފި އެވެ.

ބިލު ހުށަހެޅުއްވީ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމް އެވެ.

މިއަދު އިބްތިދާއި ބަހުސަށް ފަހު މަޖިލީހަށް ބިލު ބަލައިގަންނަން ފާސްވީ 69 މެމްބަރުންގެ ތާއީދާ އެކު އެވެ. އަދި އެއްވެސް ކޮޅަށް ވޯޓު ނުދެ އެއް މެމްބަރަކު ހިމެނޭ އިރު ބިލު ބަލައިގަންނަން ނުފެންނަ ކަމަށް ވެސް އެއް މެމްބަރަކު ވަނީ ވޯޓު ދެއްވައިފަ އެވެ.

ތައުލީމީ ދާއިރާގެ ގިނަ ކަންކަމަށް އަލިއަޅުވާލާފައިވާ އެބިލާ ބެހޭ ގޮތުން ގިނަ މެމްބަރުންތަކެއް ވަނީ ބަހުސް މަރުހަލާގައި ވާހަކަފުޅުދައްކަވައިފަ އެވެ. އެގޮތުން ބިލަށް ބައެއް ބަދަލުތައް ގެންނަން ފެންނަ ކަމަށް ބުނެ ބައެއް މެމްބަރުން ވަނީ ހިޔާލު ހުށަހަޅުއްވައިފަ އެވެ. އޭގެ ތެރޭގައި ސަރުކާރު މެމްބަރުންނާއި އިދިކޮޅު މެމްބަރުން ވެސް ހިމެނެ އެވެ.

ބިލު މިހާރު އޮތްގޮތަށް ފާސްވެގެން ގާނޫނަކަށް ވެއްޖެ ނަމަ ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ޓީޗަރުން "ޓީޗާސް ރެޖިސްޓްރޭޝަން ކައުންސިލް"ގައި ރެޖިސްޓްރީ ވާން ޖެހޭނެ އެވެ.

ބިލުގެ 41 އެއް ވަނަ މާއްދާގައި ބުނެފައި ވަނީ ރާއްޖޭގެ އެއްވެސް ސްކޫލެއްގައި ވެސް އަދި ކިޔަވައިދޭ ތަނެއްގައި ވެސް ރެޖިސްޓްރީ ނުކޮށް ކިޔަވައި ނުދެވޭނެ ކަމަށެވެ. އަދި އެ ކައުންސިލުގައި ރެޖިސްޓްރީ ނުވާ އެއްވެސް ޓީޗަރަކަށް ސުކޫލަކުން ވަޒީފާ ދީގެން ނުވާނެ ކަމަށް ވެސް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.

މިތަންތަނުގައި ޓީޗަރެއްގެ ގޮތުން ލައިސަންސް ހޯދަން ޖެހޭ

  • ޑޭކެއާ ސެންޓަރުތައް
  • ބޭބީ ނާސަރީ އަދި ނާސަރީ
  • ޕްރީ ސްކޫލް އަދި ޅަފަތުގެ ތައުލީމުގެ ބޭނުމަށް ހިންގާ ތަންތަން
  • ރެޖިސްޓްރީކޮށްގެން ހިންގާ ޓިއުޝަން ކްލާސްތައް
  • ދަަރިވަރުންނަށް ތަމްރީނާއި ކަސްރަތު ދޭން ހިންގޭ ތަންތަން
  • ރާއްޖޭގެ ސުކޫލްތައް

ތައުލީމީ ބިލު މަޖިލީހުން ފާސްވާތާ މަސްދުވަހުގެ ތެރޭގައި "ޓީޗާސް ރެޖިސްޓްރޭޝަން ކައުންސިލް"ގެ ނަމުގައި ކައުންސިލެއް އުފައްދަންވާނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އަދި ކައުންސިލް އެކުލަވައިލާތާ މަސްދުވަހުގެ ތެރޭގައި ޓީޗަރުންނަށް ލައިސަންސް ދިނުމުގެ އުސޫލެއް އެކުލަވާލައި އާންމުކުރަން ވާނެ ކަމަށް ވެސް ބިލުގައި ވަނީ ބުނެފަ އެވެ.

comment ކޮމެންޓް