ސިނގިރެޓު ޑިއުޓީއާ ގުޅޭގޮތުން މަޝްވަރާކުރަން ތިން މުއައްސަސާއެއް ކޮމިޓީއަށް

މިއަދު އިގްތިސާދީ ކޮމިޓީގައި ކުރިއަށްދިޔަ ބައްދަލުވުމުގެ ތެރެއިން --- ސަންފޮޓޯ// ފަޔާޒު މޫސާ

ސިނގިރެޓާއި އެނާޖީ ޑްރިންކް އަދި ސޮފްޓް ޑްރިންކުން ނަގާ ޑިއުޓީ ބޮޑުކުރުމާ ބެހޭގޮތުން މަޝްވަރާކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް އަދި ޓޮބާކޯ ކޮންޓްރޯލް ބޯޑު މަޖިލީހުގެ ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ސިނގިރެޓް ސްޓިކަކުން ނަގާ ޑިއުޓީ 1 ރުފިޔާ 25 ލާރިން ދެރުފިޔާއަށް ބޮޑުކުރާށެވެ. އަދި މިހާރު 15 ޕަސެންޓް ނަގާ އެނާޖީ ޑްރިންކާ ސޮފްޓް ޑްރިންކުގެ ޑިއުޓީން ލިޓަރަކަށް 4 ރުފިޔާ 60 ލާރިއަށް ބަދަލުކުރަން ވަނީ ހުށަހަޅާފަ އެވެ.

އެ އިސްލާހު ދިރާސާ ކުރުމަށް މިއަދު ބޭއްވި އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުން މަޝްވަރާކުރުމަށް ފަހު ނިންމީ އެޗްޕީއޭ، ކަސްޓަމްސް އަދި ޓޮބާކޯ ކޮންޓްރޯލް ބޯޑު ކޮމިޓީއަށް ހާޒިރު ކުރާށެވެ.

އެފަރާތްތަކާ މަޝްވަރާ ކުރުމަށް ފަހު މިމަހުގެ ނިޔަލަށް ކޮމެޓީން ބިލު ފާސްކުރަން ވަނީ ނިންމާފަ އެވެ.

އެ މުއައްސަސާތައް ކޮމެޓީއަށް ހާޒިރުކުރަން ހުށަހެޅުއްވީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މެމްބަރުންނެވެ.

"އެހެންވީމަ މިއަދު ޚާއްސަކޮށް މިހާ ބޮޑު ބަދަލެއް ގެނެވޭއިރު ކޮމެޓީގެ މެމްބަރުންގެ ހިތުގައި ސުވާލު އުފެދޭއިރު ކަސްޓަމްސްގެ ބޭފުޅުން ގެންނަވައިގެން އެ ސާފުނުކުރައްވާ ސަބަބެއް އަޅުގަނޑަކަށް ނުވިސްނުނު،" ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވިއެވެ.

ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ އެ ބިލް މިހާރު އޮތްގޮތުން ސޮފްޓް ޑްރިކްސް އިން ޑިއުޓީ ނަގާނެތޯ ނުވަތަ ނޫންތޯ ސާފުވާންޖެހޭ ކަމަށެވެ.

"އެހެންވީމަ ސާފުކޮށްލަން އެބަޖެހޭ ހެން އަޅުގަނޑަށް ހީވަނީ. މައިލޯ ޑްރިންކަކީ އަދި ސިއްހަތަށް ގެއްލުންހުރި އެއްޗެއްކަން އަދި މުޅިއަކުން ކަނޑައެޅިގެން ނުދޭ. އެހެންވީމަ އެއްކަލަ މަގްސަދާ އެބަ ކޮންމެވެސް ވަރަކަށް ފުށުއަރާ. މީހުންނަށް ހަމަ މީހުންގެ ޖީބުތަކަށް އިތުރުވެގެންދާނެ. ޚާއްސަކޮށް ކުޑަކުދިންނަށް މައިލޯ ޕެކެޓުތަކާ އެއްޗިހި ދިނުމުގައި. އެހެންވީމަ އޭތި ކޮންމެވެސް ވަރަކަށް ސާފުވުމަކީ މުހިންމު ކަމެއް ހެން،" ފައްޔާޒު ވިދާޅުވިއެވެ.

ބިލް ހުށަހެޅުއްވި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ އެންމެ ބޮޑަށް ސުވާލު އުފެދިފައި ވަނީ ސޮފްޓް ޑްރިކްކުގެ ބާވަތްތަކުން ޑިއުޓީ ބޮޑުވޭތޯ ކަމަށާއި އެއިން ޑިއުޓީ ބޮޑު ނުވާ ކަމަށެވެ.

"އަސްލު އަމަލުކުރަމުން މިދާ ގާނޫނަށް ބަލާއިރު ބިއުމަށް ބޭނުންކުރާ ބާވަތްތަކުގެ ތައްޔާރީ ދިޔާ އެއްޗިއްސާއި ރާހުތް އޭގެތެރޭގައި ކަސްޓަމްސްގެ އެބަ އެނގޭ. ދެން މި ގާނޫނުގެ ހ. ގައި ބަޔާންކުރާ އެއްޗިހިއްސަކީ ސުން ޕަސެންޓް. ދެން ސޮފްޓް ޑްރިކްގެ ތެރޭގައި ހިމެނޭ ބާވަތްތައް މިވަނީ ވަކި ކުރެވިފައި. އެހެންވީމަ އަޅުގަނޑުމެންގެ ހިތްތަކުގައި އެންމެ ބޮޑަށް ސުވާލު އުފެދުނީ ޖޫސްޕެކެޓް ކަހަލަ އެއްޗިހިން ޑިއުޓީ ބޮޑުވޭތޯ. ނުވޭ،" އާމިރު ވިދާޅުވިއެވެ.

comment ކޮމެންޓް