ފީވަކު ދަނޑުތައް ލޮނުގަނޑު ތެރޭގައި

ފީވަކު ދަނޑުބިންތަކަށް ލޮނު އަރާފައި-- ސަން ފޮޓޯ: ކިޔުންތެރިއެއް

ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ށ. ފީވަކަށް އުދަ އަރައި ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މިދިޔަ ހޯމަ ދުވަހުގެ ރެއާއި އިއްޔެ ހަވީރުގެ އިތުރުން ރޭވެސް ވަނީ އެރަށަށް އުދަ އަރައިފައެވެ.

ފީވަކު ކައުންސިލްގެ ރައީސް އަލީ ރަޝީދު ހަސަން މިއަދު ސަން އަށް ވިދާޅުވީ 84 ހެކްޓަރުގެ އެރަށުގެ ތިންބައި ކުޅަ އެއްބަޔަށް ލޮނުގަނޑު ފެތުރި ދަނޑުބިންތަކަށް އޭގެ އަސަރުކޮށްފައިވާ ކަމަށެވެ.

"މިރަށުގައި މީހުން އުޅެނީ ވަރަށް ކުޑަ ސަރަހައްދެއްގައި، ބޮޑު ބައެއްގަ އޮންނަނީ ދަނޑުބިން. އުދަ އެރުމުގެ ސަބަބުން ދަނޑު ބިމުގައި އަށް އިންޗިއާއި ހަމައަށް ލޮނު ހުރި،" އަލީ ވިދާޅުވިއެވެ.

ދަނޑުބިމަށް އެވަރަށް ލޮނު އެރުމުން، ކުރިއަށްއޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެތައް ގެއްލުމެއްވާނޭކަމަށް އޭނާ ލަފާކުރެއްވިއެވެ. ލިބޭނެ ގެއްލުން އަދި އަންދާޒާއެއް ނުކުރެވެއެވެ.

"ލޮނަކީ އަރާތަނާ ގެއްލުން އެނގޭނެ އެއްޗެއްނޫން. ހަފްތާއެއްހާ ދުވަސްވީމަ އެނގޭނެ ގަސްތައް މަރުވާވަރު،" ކައުންސިލް ރައީސް ވިދާޅުވިއެވެ.

އެރަށުގައި މިހާރު ގިނައިން ހައްދާފައި ހުރީ ފަތްކޭލާއި އަނބާއި މިރުސްފަދަ ތަކެއްޗެވެ.

އުދަ އަރައިގެން ފީވަކު ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއްވެފައިވާއިރު މީގެކުރިން ވަނީ އެރަށުން ދަނޑުވެރިކަމަށް ބޮޑު ގެއްލުމެއްދޭ ސޫތްޕެއް ކަމަށްވާ ފުރުޓް ފްލައިގެ ސަބަބުން ވެސް ބޮޑެތި ގެއްލުންތަކެއް ލިބުފައެވެ. ނަމަވެސް މިހާރުވަނީ އެ ސޫފި ކޮންޓްރޯލްކޮށްފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދޭގޮތުގައި މާދަމާގެ ނިޔަލަށް މެދުރާއްޖެ ތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް އުދަ އެރުން އެކަށީގެންނެވެ. ސަބަބަކީ އެ ސަރަހައްދުތަކުގައި ދިޔަވަރު ބޮޑުވުމެވެ.

comment ކޮމެންޓް