19 އަހަރަށް ފަހު "އަމާނާތް" އަނެއްކާވެސް މިރޭ އޮލިމްޕަހަށް

"އަމާނާތް" ގެ ފޯސްޓަރެއް--މި މަހުގެ 14އިން ފެށިގެން ފަސް ޝޯ ދައްކަން ވަނީ ހަމަޖައްސާފަ

ގިނަ ބައެއްގެ ތަރުހީބުު ލިބުނު ދިވެހި ފިލްމް، " އަމާނާތް"، ނަވާރަ އަހަރަށް ފަހު މިރޭ އަނެއްކާވެސް އޮލިމްޕަސް ސްކްރީންގައި އަޅުވާނެއެވެ.

ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު ނިޔާޒް (ޓެޑްރީ) "ސަން" އަށް ބުނީ 19 އަހަރަށް ފަހު ފިލްމު މިރޭ އަޅުވާ ގޮތަށް ހަމަޖެހިފައިވާއިރު ބެލުންތެރީންގެ ތަރުހީބު ހީކުރި ވަރަށް ވުރެބޮޑަށްވެސް ރަނގަޅު ކަމަށެވެ.

އިޓާނަލް ޕިކްޗާސްގެ " އަމާނާތް" ، މި ފިލްމުގެ ފަސް ޝޯ ދައްކާގޮތަށް ވަނީ ހަމަޖައްސާފައެވެ. މިރޭ ދައްކާ ޝޯގެ ޓިކެޓް އެއްކޮށްވަނީ ފުލްވެފައެވެ.

މިހާ ދުވަހަށްފަހު ފިލްމު އަޅުވަން ބޭނުންވީ ބެލުންތެރީންގެ އެދުމުގެ މަތިން ކަމަށް ޓެޑްރީ ބުންޏެވެ. އަދި އެ ފިލްމުގެ ޑީވީޑީ ނެރުމުގެ ހިޔާލެއް ނުގެންގުޅޭތީ ކަމަށްވެސް އެނާ ބުންޏެވެ.

" އަޅުގަނޑު އެއްވެސް ގޮތަކަށް އާ ފިލްމެއް އުފައްދަން ބޭނުން ނުވާތީ އެއް ނޫން މިހާ ދުވަހަށް ފަހުވެސް 'އަމާނާތް' އަޅުވަން މި ނިންމީ. އެއީ ބެލުންތެރިންގެ އެދުމުގެ މަތިން އަޅުވަން ހަމަޖެއްސީ،" ޓެޑްރީ ބުންޏެވެ.

ޖަމްޝިދާ--

މަހުދީ އަހުމަދު ޑައިރެކްޓު ކުރި އެ ފިލްމަކީ 1983 ވަނަ އަހަރު ރިލީޒު ކުރި ހިންދީ ފިލްމު "މާސޫމް" އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ. ޓެޑްރީ ބުނީ ފިލްމުގެ ޓިކެޓް ވިއްކަނީ ދިވެހި އެހެން ފިލްމުތަކުގެ ޓިކެޓް ވިއްކާ އަގަށް ކަމަށެވެ.

"ޓިކެޓް އަގު ހެޔޮކުރަން ވިސްނިން. އެކަމު މިހާރުގެ ފިލްމީ ދާއިރާގަ ތިބި ބޭފުޅުންގެވެސް ހިޔާލުގެ މަތިން އެހެން ދިވެހި ފިލްމުތަކުގެ ޓިކެޓް ވިއްކާ އަގުން ވިއްކަން ނިންމީ،" ޓެޑްރީ ބުންޏެވެ.

ޓެޑްރީ ބުނީ ފިލްމުގެ ކާސްޓުން މިރޭ ފިލްމު އަޅުވާއިރު ފެނިގެން ނުދާނެ ކަމަށާއި އެއީ ބައެއް ތަރިން ރައްޖޭގައި ނެތީމަކަމަށެވެ. އަދި އެ ތަރިންނާ ނުލައި އެކަހަލަ ފަންކްޝަނެއް ބޭއްވުން އެއީ އެންމެ ރަނގަޅު ގޮތް ނޫންވީމަކަށްވެސް އޭނާ ބުންޏެވެ.

" އަމާނާތް" އަތޮޅުތެރޭގައިވެސް އަޅުވަން ހަމަޖެހިފައިވާ ކަމަށާއި ވަރަށް ގިނަ ރަށްރަށުން ނޯޓު ކޮށްފައިވާކަމަށްވެސް ޓެޑްރީ ބުންޏެވެ. ރަށްރަށުގައި ފިލްމު އަޅުވަން ބޭނުންވާނަމަ އިޓާނަލް ޕިކްޗަރސްގެ ފޭސްބުކް ޕޭޖަށް މެސެޖް ކޮށް ނޯޓް ކުރުމަށް ވަނީ އޭނާ ބުނެފައެވެ.

އަލީ ހާލިދު--

ފިލްމު "އަމާނާތް" ގެ ލީޑުރޯލުން ފެނިގެންދަނީ، "ދެރިޔާ" ގެ ވެސް ލީޑު ރޯލު ކުޅުނު އަލީ ހާލިދު އާއި ޖަމްޝީދާ އަހުމަދުގެ އިތުރުން ފާތިމަތު ރަމީޒާ އެވެ. ނަވާރަ ސަތޭކަ ނުވަދިހަ އަށެއްގައި ރިލީޒު ކުރި ފިލްމު "އަމާނާތް" އަކީ ވަރަށް ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ފިލްމެކެވެ. ދެހާސް ހަތްވަނަ އަހަރު ބޭއްވި ފިލްމު ފެއާ އެވޯޑުގައިވެސް އެ ފިލްމަށް ވަނީ 12 އެވޯޑު ލިބިފައެވެ.

comment ކޮމެންޓް