ތައުލީމީ ގާނޫނާ އެކު ހުރިހާ ޓީޗަރުން ކައުންސިލެއްގައި ރެޖިސްޓްރީކުރަން ޖެހޭ

ބޭރު ޓީޗަރަކު ދިވެހި ކުދިންތަކަކަށް ކިޔަވައިދެނީ ---

ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ޓީޗަރުން "ޓީޗާސް ރެޖިސްޓްރޭޝަން ކައުންސިލް"ގައި ރެޖިސްޓްރީ ވާން ޖެހޭ ގޮތަށް ތައުލީމާ ބެހޭ ބިލު ފަރުމާކޮށް މަޖިލީހަށް ހުށަހަޅައިފި އެވެ.

މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމް ހުށަހަޅުއްވާފައިވާ އެބިލުގެ ފުރަތަމަ ކިޔުން މިއަދު ވަނީ މަޖިލީހުގައި އިއްވައިފައެވެ.

ބިލުގެ 41 އެއްވަނަ މާއްދާގައި ބުނެފައިވަނީ ރާއްޖޭގެ އެއްވެސް ސްކޫލެއްގައި ވެސް އަދި ކިޔަވައިދޭ ތަނެއްގައި ވެސް ރެޖިސްޓްރީ ނުކޮށް ކިޔަވައި ނުދެވޭނެ ކަމަށެވެ. އަދި އެ ކައުންސިލުގައި ރެޖިސްޓްރީ ނުވާ އެއްވެސް ޓީޗަރަކަށް ސުކޫލަކުން ވަޒީފާ ދީގެން ނުވާނެ ކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

މިތަންތަނުގައި ޓީޗަރެއްގެ ގޮތުން ލައިސަންސް ހޯދަންޖެހޭ

  • ޑޭކެއާ ސެންޓަރުތައް
  • ބޭބީ ނާސަރީ އަދި ނާސަރީ
  • ޕްރީ ސްކޫލް އަދި ޅަފަތުގެ ތައުލީމުގެ ބޭނުމަށް ހިންގާ ތަންތަން
  • ރެޖިސްޓްރީކޮށްގެން ހިންގާ ޓިއުޝަން ކްލާސްތައް
  • ދަަރިވަރުންނަށް ތަމްރީނާއި ކަސްރަތު ދޭން ހިންގޭ ތަންތަން
  • ރާއްޖޭގެ ސުކޫލްތައް

ތައުލީމީ ބިލު މަޖިލީހުން ފާސްވާތާ މަސްދުވަހުގެ ތެރޭގައި "ޓީޗާސް ރެޖިސްޓްރޭޝަން ކައުންސިލް"ގެ ނަމުގައި ކައުންސިލެއް އުފައްދަންވާނެ ކަމަށް ބިލުގައި ވަނީ ބުނެފައެވެ. އަދި ކައުންސިލް އެކުލަވައިލާތާ މަސްދުވަހުގެ ތެރޭގައި ޓީޗަރުންނަށް ލައިސަންސް ދިނުމުގެ އުސޫލެއް އެކުލަވާލައި އާންމުކުރަން ވާނެ ކަމަށް ވެސް ބިލުގައި ވަނީ ބުނެފައެވެ.

ކައުންސިލް އެކުލެވިގެން ވާން ވަނީ ކޮލިފިކޭޝަން އޮތޯރިޓީ އާއި، ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނާއި މިނިސްްޓްރީގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމެންޓާއި ހިޔުމަން ރިސޯސް ޑިވިޝަންގެ އިތުރުން ޓީޗަރުން ތަމްރީންކުރާ މުއައްސަސާއެއް އަދި ސިވިލް ސާވިސް ކޮމިޝަނުން ވެސް މެމްބަރެއް ހިމެނޭ ގޮތަށް ކަމަށް ބިލުގައިވެ އެވެ. އަދި އުނގަންނައިދިނުމުގެ ފަންނީ މުވައްޒަފުން ތަމްސީލުކުރާ ޖަމިއްޔާގެ މެމްބަރެއް ވެސް ހިމެނެންވާނެ ކަމަށް ބިލުގައި ވަނީ ބުނެފައެވެ.

އެ ކައުންސިލަށް މެމްބަރުން އައްޔަން ކުރުމުގެ ބިލުން ވަނީ އެޑިއުކޭޝަން މިނިސްޓަރަށް ދީފައެވެ.

ކައުންސިލުގެ މަސްއޫލިއްޔަތުތައް

  • ޓީޗަރުންގެ ޕްރޮފެޝަނަލް ސްޓެންޑަޑް ހިމާޔަތްކޮށް މޮނިޓަ ކުރެވޭނެ ނިޒާމެއް އެކުލަވާލައި އަމަލުކުރުން
  • ރާއްޖޭގައި ކިޔަވައިދިނުމުގެ ފަންނުގެ ފެންވަރު ހިފައްހައްޓައި މަތިކުރުން
  • ޓީޗަރުންގެ ފަންނީ އަދި ތައުލީމީ ސެޓްފިކެޓްތައް ހިފަހައްޓައި ބެލެހެއްޓުން
  • ޓީޗަރުންގެ ފަންނީ ތައްރަގީ ލިބުމަށް ކޮންމެ އަހަރަކު ލާޒިމް ކުރާ މިންވަރަށް އެކަން ކުރަމުންދާކަން ކަށަވަރު ކުރުން
  • ޓީޗަރުންނަކީ ކިޔަވައިދިނުމުގެ ހުނަރު ހުރި މުޖުތަމައު ގަބޫލުކުރާ ފެންވަރުގެ ސުލޫކެއް ދަމަހައްޓާ ބައެއްކަން ކަށަވަރު ކުރުން

ހުރިހާ ޓީޗަރުން ރެޖިސްޓްރީކުރަން ރެޖިސްޓްރޭޝަން ކައުންސިލެއް އެކުލަވާލަން ބިލުގައި ލާޒިމު ކޮށްފައިވީ ނަމަވެސް އެ ކައުންސިލަށް ލިބިދޭ ބާރުތަކެއް ބިލުގައި ބަޔާންކޮށްފައެއް ނުވެއެވެ. މަސްއޫލިއްޔަތުތަކުގެ ގޮތުގައި ޓީޗަރުންގެ ސްޓޭންޑަޑެށް ހިފެހެއްޓުމާއި ފެންވަރު ބެލުން ހިމަނާފައިވީ ނަމަވެސް އެ ފެންވަރު ނެތް ނަމަ ދެން އަމަލުކުރާނެ ގޮތެއް ބަޔާންކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް