އިދިކޮޅު ފަރާތްތައް ރާއްޖެ ވަޑައިގަތުމަށް މަރުހަބާ ކިޔަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއިން ބޭރުގައި ތިއްބެވި އިދިކޮޅު ފަރާތްތަކުން އެނބުރި ރާއްޖެ ވަޑައިގަތުމަށް މަރުހަބާ ކިޔާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ކ. ހިންމަފުށީ ބިންހިއްކުމުގެ މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން އިއްޔެ ވިދާޅުވީ ރާއްޖެ ވަޑައިގެންނެގުމާ އެކު ހުކުމްތަކެއް ހުރި ނަމަ ވަޑައިގަންނަވަން ޖެހޭނީ ގެއަށްތޯ ނުވަތަ އެހެންތަނަކަށްތޯ އެއީ އެބޭފުޅުން އަމިއްލައަށް ނިންމަން ޖެހޭ ކަމެއް ކަމަށެވެ.

"ބޭރުގައި ތިއްބެވި ބޭފުޅުން ވެސް އަދި ވެސް ރާއްޖެއަށް ޒިޔާރަތް ކުރައްވަންވީ. އެކަމަކު އެބޭފުޅުން އިޚްރިޔާރުކުރައްވަންވާނެ، ރާއްޖެއަށް ޒިޔާރަތްކުރައްވާ އިރު އެބޭފުޅުންގެ ހުކުމްތަކެއް ހުރެއްޖެއްޔާ ތިމަންނަ ދާނީ ގެއަށްތޯ ނުވަތަ އެހެން ތަނަކަށްތޯ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސިޔާސީ ވާދަވެރިއަކު ވެސް ސިޔާސީ ޕާޓީއެއްގެ މީހަކު ކަމުގައި ވިޔަސް ގާނޫނާއި ޝަރީއަތުގެ ބޭރުން މި ސަރުކާރުން ބަންދު ނުކުރާނެ ކަމަށެވެ.

ޑިމޮކްރެސީއެއްގައި އޮންނަ ހުރިހާ ހައްގެއް ރާއްޖެއިން ލިބޭ ކަމަށް ވިދާޅުވެ އެކަން އޮޅުވާލުމުގެ ޖާގަ ނުދެއްވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވައިފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވަމުން އެމަނިކުފާނު ވިދާޅުވީ ރައީސް ނަޝީދުގެ ދައުރު ކުރުވެގެން ދިޔައީ އަމިއްލަ ސަބަބަކުން ކަމަށާއި އެހެން ބަޔަކު އެމަނިކުފާނަށް ފުރުސަތު ނުދިނީ ނޫން ކަމަށެވެ.

"....ހަމަ މި އިލްތިމާސް އަޅުގަނޑުމެންނަށް އެނބުރި އެބަ އާދޭ. ކީއްވެގެންތޯ ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅަކަށް އެ ފުރުސަތުު ލިބިވަޑައިނުގަތީ. ނޫން ފުރުސަތު ލިބިވަޑައިގެންނެވި އެކަމަކު އެ ލިބިވަޑައިގެންނެވި ފުރުސަތު އަޅުގަނޑު މިދެންނެވި ގޮތަށް ކަން ހިނގާމަގު ނޫން އެހެން ގޮތަކަށް ކަންތައް ކުރަން ނިންމި ހިސާބުން އޭގެ ޖަވާބުދާރީވާން ޖެހުނީމާ ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީ ނުވެވުނީމަ އަމިއްލަފުޅު ނިންމެވުމަކުން ދައުރު ކުރުވެގެން ދިޔައީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނު ފާސްކުރުމުގެ މިނިވަންކަމުގެ ގާނޫނު ފާސްކުރުމުގެ ކުރިން ދުނިޔޭގައި ވެސް އެންމެ ގިނައިން ބެހިފައި ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަބުރާ ކަމަށެވެ.

comment ކޮމެންޓް