ފަހުމީއަށް ދައުލަތުން ދޭން ޖެހޭ ބަދަލުން ދެބައިކުޅައެއްބައި ކުޑަކޮށްފި

މުހައްމަދު ފަހުމީ ހަސަން ----

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުކަމުން ފަހުމީ ވަކިކުރަން ގާނޫނު އަސާސީއާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި މައްސަލާގައި ދައުލަތުން އޭނާ އަށް ދޭން ޖެހޭ ގެއްލުމުގެ ބަދަލު ދެ ގުނަ ކުޑަކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުކަމުން ފަހުމީ ވަކިކުރަން ގާނޫނު އަސާސީއާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ހުކުމަށް ރިއާޔަތްކޮށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ފަހުމީއަށް ދިނުމަށް ސިވިލް ކޯޓުން ކަނޑައެޅީ ޖުމްލަ 421،733.33 ރުފިޔާ އެވެ.

ސިވިލް ކޯޓުން ކަނޑައަޅާފައި ވަނީ ސީއެސްސީގެ މެންބަރުކަމުން ލިބެންވާ ދެ އަހަރާއި ހަ މަސް ދުވަހުގެ މުސާރަ އާއި ފަހުމީ އަށް ލިބިވަޑައިގެންނެވި ގެއްލުމުގެ ބަދަލެއްގެ ގޮތުން، މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގެ ޑެޕިއުޓީ ހައި ކޮމިޝަނަރުގެ މަގާމަށް 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ހަމަޖައްސައި އެ އަހަރުގެ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މުސާރަ ހިނގަން ފެށުމާ ހަމަޔަށް މަހަކު 51،400 ރުފިޔާގެ ގެ މަގުން 171،333.33 ރުފިޔާ ފަހުމީއަށް ލިބެންޖެހޭ ކަމަށެވެ.

އަދި ޑެޕިއުޓީ ހައި ކޮމިޝަނަރެއްގެ އަސާސީ މުސާރަ އަކީ 18،000 ރުފިޔާ ކަމަށް ވެފައި ކުރީގެ މަގާމުގެ މުސާރަ އަކީ 30،000 ރުފިޔާ ކަމަށް ވާތީ އެ ދެ މުސާރައިގެ ތަފާތު ކަމަށްވާ 12،000 ރުފިޔާގެ މަގުން ޑެޕިއުޓީ ހައި ކޮމިޝަނަރެއްގެ މުސާރަ ހިނގަން ފެށި ދުވަހާ ހަމަޔަށް ހިނގާފައިވާ 20 މަހާއި 26 ދުވަހަށް 250،400 ރުފިޔާ ދޭންޖެހޭ ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.

ނަމަވެސް ހައިކޯޓުން މިއަދު އިއްވި ހުކުމްގައި ވަނީ ސިވިލް ސާވިސް ކޮމިޝަނުން ފަހުމީ އަށް ލިބެމުންދިޔަ އަސާސީ މުސާރައާއި ޑެޕިއުޓީ ހައިކޮމިޝަނަރުގެ އަސާސީ މުސާރައިގެ ތަފާތު ކަމުގައިވާ 12،000 ރުފިޔާގެ މަގުން 250،400 ރުފިޔާ ނަގައިދިނުމަށް ކަނޑައަޅާފައިވާ އަދަދު ފަހުމީއަށް ދޭން ނުޖެހޭ ކަމަށް ނިންމައި ސިވިލް ކޯޓުގެ ހުކުމުގެ އެބައި ބާތިލްކޮށްފަ އެވެ.

އެބައި ހައިކޯޓުން ބާތިލްކުރީ، މެލޭޝިޔާގެ ޑެޕިއުޓީ ހައިކޮމިޝަންގެ މަގާމަށް ހަމަޖެއްސުމުން އެ ވަޒީފާ ގަބޫލުކޮށް ވަޒީފާ އަށް ނުކުންނަން ފަށާފައި ވަނީ އަމިއްލަ އިޚްތިޔާރުގައި ނޫން ކަމަށް ބެލެވެން ނެތުމުންނެވެ.

comment ކޮމެންޓް