ހެއްކާ ބެހޭ ބިލު މަޖިލީހަށް ބަލައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން ---- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ހުށަހަޅުއްވާފައިވާ ހެއްކާ ބެހޭ ބިލުގެ މަޖިލީހަށް ބަލައިގެންފި އެވެ.

މިއަދު ބިލު ބަލައިގަތުމާ މެދު މަޖިލީހުގައި ނެގި ވޯޓުގައި ބަލައިގެނަން ފެންނަ ކަމަށް 59 މެމްބަރުން ވަނީ ވޯޓު ދީފަ އެވެ. އަދި އެއްވެސް ކޮޅަކަށް ވޯޓު ނުދޭ ފަސް މެމްބަރުން ތިބި އިރު ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދިނީ އެންމެ މެމްބަރެކެވެ.

ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ދިޔަ މަރުހަލާގައި ބައެއް މެމްބަރުން ބިލަށް ތާއީދުކޮށް ފާހަކަފުޅު ދައްކަވާފައިވާ އިރު އަނެއްބައި މެމްބަރުން ވިދާޅުވީ ބިލުގައި ރަނގަޅުކުރަން ޖެހޭ ވަރަށް ގިނަ ކަންކަން ހުރި ކަމަށެވެ.

މަޖިލީހަށް ބިލު ބަލައިގަތުމުން ގައުމީ ސަލާމަތުގެ ކޮމިޓީއަށް ބިލު ވަނީ ދިރާސާކުރަން ފޮނުވައިފަ އެވެ. އަދި ބިލު ފާސްކުރަން ކޮމިޓީން ނިންމައިފި ނަމަ ތަޅުމުގައި އަލުން ވޯޓަކަށް އަހާނެ އެވެ.

ބިލު ހުށަހަޅުއްވަމުން މެމްބަރު ޝާހު ވިދާޅުވީ ހެކި ވަޒަން ކުރުމުގައި އަމަލު ކުރަން ޖެހޭ އުސޫލުތައް ބިލުގައި ވަރަށް ފުރިހަމައަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ހެކިތައް ނަގަން ޖެހޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭ ގޮތްވެސް ބިލުގައި ބަޔާންކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ބިލްގެ ކޮމިޓީ މަރުހަލާގައި މަދު ބަދަލުތަކެއް ގެންނަން ޖެހުނު ނަމަވެސް ޖުމްލަކޮށް އެ ބިލު ރަނގަޅު ކަމަށް ޝާހު ވަނީ ވިދާޅުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް