މަޝްހޫރު ބޮޑު ކާސްޓަކާ އެކު "ނޯޓީ 40" ލޯންޗުކޮށްފި

ފިލްމު "ނޯޓީ 40" ގައި ނިއުމާ ވަރަށް ހާއްސަ ރޯލަކުން ފެނިގެންދާނެ--

ކުޅަދާނަ ބަތަލާ ނިއުމާ މުހައްމަދާއި އިސްމާއިލް ޝަފީގް ޕްރޮޑިއުސްކޮށް، މިދިޔަ އަހަރު ފަހުކޮޅު ރިލީޒް ކުރި ކޮމެޑީ ފިލްމް "ބައިވެރިޔާ"ގެ ބޮޑު ކާމިޔާބީ އަށް ފަހު އަނެއްކާ ވެސް އެ ދެ މީހުން ޕްރޮޑިއުސްކުރާ ދެވަނަ ފިލްމް "ނޯޓީ 40" ވަރުގަދަ ކާސްޓަކާ އެކު ލޯންޗުކޮށްފި އެވެ.

ޔޫސުފް ޝަފީއު(ޔޫއްޕެ) ލިޔެ، ޑައިރެކްޓުކޮށް، އެންވިޝަން އެންޓަޓައިންމެންޓާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން އުފައްދާ އެ ފިލްމް ބެލުންތެރިންނާ ހަމައަށް އަންނާނީ މި އަހަރުގެ އޯގަސްޓު މަހުގެ 2 ވަނަ ދުވަހު އެވެ.

ފިލްމް "ނޯޓީ 40"ގެ ކާސްޓު ވަރަށް ބޮޑެވެ.

ރާއްޖޭގައި ތިބި މަޝްހޫރު އަދި ތަޖުރިބާކާރު ފަންނާނުންތަކެއް މި ފިލްމުން ފެނިގެންދާނެ އެވެ. އޭގެ ތެރޭގައި ނިއުމާ، ޔޫއްޕެ، ސައީދު، މަނިކު އަދި ސީޒަން ހިމެނެ އެވެ.

ފިލްމުގެ އެސިސްޓެންޓު ޑައިރެކްޓަރަކީ މުހައްމަދު މަނިކެވެ. އަދި ޕްރޮޑަކްޝަން މެނޭޖަރަކީ އަހުމަދު ސައީދެވެ.

ފިލްމު "ނޯޓީ 40"ގެ ކާސްޓުން: މިމަހުގެ 15 ގައި މިލަންދޫއަށް ފުރާނެ

ފިލްމް " ނޯޓީ 40" އިން، ނިއުމާ، ޔޫއްޕެ، ސައީދު، މަނިކު އަދި ސީޒަންގެ އިތުރަށް ބައެއް މަޝްހޫރު ތަރިން ވެސް ފެނިގެން ދާނެ އެވެ. އޭގެ ތެރޭގައި ދިވެހި ފިލްމީ ދާއިރާގައި މިހާރު އެންމެ ބާރަށް ފިޔަޖަހަމުން އަންނަ ތަރި މަރިޔަމް އައްޒަ، ފާތިމަތު އާޒިފާ(އަޒޫ)، އިބްރާހީމް ޖިހާދު(ޖިމީ) ފަދަ ތަރިން ފެނިގެން ދާނެ އެވެ.

މީގެ އިތުރުން އަންނަ މަހު ދެވަނަ ދުވަހު އޮލިމްޕަހުގައި އަޅުވަން ހަމަޖެހިފައިވާ "މަލިކާ" ފިލްމުން ދާއިރާއަށް އަލަށް ތައާރަފްވާ ނުޒުހަތު ޝުއައިބް(ނުޒޫ) އާއި ސޯޝަލް މީޑިއާގައި މަޝްހޫރުކަން ހޯދާފައިވާ ލިއަމް ޖޯން ވެސް ފިލްމުގެ ވަރުގަދަ ރޯލުތަކުން ފެންނާނެ އެވެ.

މި ފިލްމުގެ ޓީމުން ބުނީ "ނޯޓީ 40" އިންވެސް ފިލްމީ ދާއިރާއަށް މުޅިން އައު އެކްޓަރުންތަކެއް ތައާރަފްވެގެން ދާނެކަމަށެވެ. އޭގެ ތެރޭގައި ސަން ޓީވީގެ ބައެއް ޕްރޮގްރާމްތައް ޕުރެޒެންޓު ކޮށްފައިވާ އަހުމަދު ޝަރީފާ ގުލިސްތާނު ފާހަގަކޮށްލެވެ އެވެ.

ށ. މިލަންދޫގައި ބޮޑުބައި ޝޫޓް ކުރާގޮތަށް ހަމަޖެހިފައިވާ ފިލްމްގެ ކްރޫ ބުދަ ދުވަހު އެރަށަށް ފުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން މާލޭގައި ވެސް ފިލްމް ޝޫޓް ކުރާނެ ކަމަށް "ނޯޓީ 40"ގެ ޓީމުން ބުނެ އެވެ.

ކޮމެޑީގެ އިތުރުން ފިލްމުގައި އެހެން ރަހަތައް ވެސް އެކުލެވޭނެ މޮޅު ފިލްމް އަކަށް ވާނެ ކަމަށް ފިލްމުގެ ޓީމުން ބުންޏެވެ. އަދި ފިލްމް "ބައިވެރިޔާ" ކަހަލަ ކާމިޔާބު ފިލްމް އަކަށް ވާނެ ކަމުގެ ޔަގީންކަން ވަނީ ފިލްމުގެ ޓީމުން ދިނެވެ.

"ނޯޓީީ 40" ޕްރޮމޯޓުކުރަނީ އަހަރުގައި ނެރޭނެ އެންމެ ވަރުގަދަ ފިލްމުގެ ގޮތުގަ އެވެ. ފިލްމްގެ ހޭޝްޓެގަކީ "ބިގެސްޓް މޫވީ އޮފް ދި އިޔާ" އެވެ.

comment ކޮމެންޓް