ބާސާއަށް ކުޅެން ބޭނުން ނުވާނޭ ކުޅުންތެރިއަކު ނުހުންނާނެ: ވެރާޓީ

ޕީސްއެސްޖީގެ މިޑްފީލްޑަރު މާކޯ ވެރާޓީ ބުނީ، ބާސެލޯނާއަކީ ފުރަގަސްދެވޭ ވަރުގެ ކްލަބެއް ނޫންކަމަށް -- ފޮޓޯ: ގޯލް

ބާސެލޯނާއިން ހުށަހެޅުމެއް ލިބިއްޖެ ނަމަ އެއަށް ނޫނެކޭ ބުނުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނޭ ކަމަށް ޕީސްއެސްޖީގެ އިޓަލީ މިޑްފީލްޑަރު މާކޯ ވެރާޓީ ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ބާސާ ބަލިކުރަން އަންގާރަ ދުވަހުގެ ރޭ ޕީއެސްޖީ، އެޓީމުގެ އަމިއްލަ ދަނޑުގައި ނުކުންނައިރު އެ މެޗުގައި ވެރާޓީ ކުޅޭނެއެވެ.

ފްރާންސްގެ ޗެމްޕިއަނުންނާ އެކު ވަރަށް އުފަލުގައި ދުވަސްތައް ގުނަމުންއަންނަ ވެރާޓީ ބުނީ، ބާސެލޯނާއަކީ އަދިވެސް ދުނިޔޭގެ އެއްވަނަ ޓީމު ކަމަށާއި އަދި އެޓީމުން ހުށަހެޅުމެއް ލިބިއްޖެ ނަމަ އެއަށް ނޫނެކޭ ބުނުމަކީ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއަކަށް ވަރަށް ދަތިވާނޭ ކަމެއް ކަމަށެވެ. މީގެ އިތުރުން ބާސާއަށް ދެކޮޅަށް ޕީއެސްޖީން ކުރިމަތިލާއިރު ބާސާ ބަލިކުރުމަކީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނޭކަމަށްވެސް އޭނާ ބުންޏެވެ.

"އަހަރެން މިހާރު މިހުރީ ވަރަށް އުފަލުން މި ޓީމު [ޕީއެސްޖީ]ގައި. ކޮންމެ ކުޅުންތެރިއަކުވެސް ބޭނުންވާނެ ބާސެލޯނާއަށް ކުޅެން،" އޭއެސްއަށް ދިން އިންޓަވިއުއެއްގައި ވެރާޓީ ބުންޏެވެ.

"ބާސާ އަކީ އަދިވެސް ދުނިޔޭގެ އެއްވަނަ. އެޓީމުގެ އެޓޭކިންގައި ތިބީ އެންމެ މޮޅު ތިން ކުޅުންތެރީން. އިނިއެސްޓާ، މެސީ އަދި ނޭމާއަކީ ސިކުންތުކޮޅެއްގެ ތެރޭގައިވެސް ފުރުސަތުތަކެއް ތަނަވަސްކޮށްލާނޭ ކުޅުންތެރީން."

ވެރާޓީއަކީ މިޑްފީލްޑްގައި ބާސާގެ ކުރީގެ ތަރި ޒަވީ ހެނާންޑޭޒްފަދަ ކުޅުންތެރިއެއްގެ ގޮތުގައި ފުޓްބޯޅައިގެ ތަޖްރިބާކާރުން ސިފަކުރާތީ އެއީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށްވެސް ވެރާޓީ ބުންޏެވެ.

ވެރާޓީ ބުނީ، ބާސާގެ މިހާރުގެ ސްކޮޑަކީ ވަރަށް ވަރުގަދަ ސްކޮޑެއް ކަމަށެވެ. އެހެން ނަމަވެސް ޕީއެސްޖީއަށް ވެސް އެޓީމު ބަލި ނުކުރެވެންވީ ސަބަބެއް ނެތްކަމަށެވެ.

ގަތަރު އިންވެސްޓްމަންޓް އޮތޯރިޓީން ބޮޑު ހޭދަތަކެއްކޮށް، ޕީއެސްޖީގައި މިވަގުތު ވަރުގަދަ ސްކޮޑެއް އޮތް ނަމަވެސް، ނާސިރު އަލް ޚެލައިފީގެ ޗެއާމަން ކަމުގެ ދަށުން އެޓީމަށް އަދި މިހާތަނަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފަހަނައަޅައި ދެވިފައެއް ނުވެއެވެ. 2012-13 ސީޒަންގެ ފަހުން ދެފަހަ އެޓީމު ކުއާޓާއާ ހަމައަށް ދިޔަ ނަމަވެސް އެ ދެފަހަރުވެސް ޕީއެސްޖީއަށް ކުއާޓާއާ ހަމައިން މުބާރާތަށް އަލްވަދާއުކިޔަން ޖެއްސީ ބާސާއެވެ.

ވެރާޓީ ބުނީ، ބާސާއާ ކުރިމަތިލާން ޖެހޭނީ އެއީ ޔޫރަޕް ފުޓްބޯޅައިގެ ރަސްގެފާނުކަމަށް ގަބޫލުކޮށްގެން ތިބެ ކަމަށާއި، އެހެން ނަމަވެސް އެ މެޗު ޑްރޯއަކުން ފުއްދާލުމުގެ ބަދަލުގައި، ޕީއެސްޖީއަށް ބާސާ ބަލިކޮށްލަން ލިބޭ މި ރަނުގެ ފުރުސަތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފަން ޖެހޭނޭ ކަމަށެވެ.

"އަހަރެމެންވެސް މިތިބީ ވަރަށް ރަނގަޅު ފޯމެއްގައި. ވޭތުވެދިޔަ އަހަރުތަކުގައި އަހަރެމެންނަށް ބާސާއާ ދެކޮޅަށް މެޗުތަކެއް ކުޅެވިއްޖެ. އެއީ އުނދަގޫ މެޗުތަކެއްކަން އެނގޭ،" ވެރާޓީ ބުންޏެވެ.

"ފުރަތަމަ ލެގުގައި އަވޭ ގޯލެއް ވަނަ ނުދީ ހިފެހެއްޓުން އެއީ ވަރަށް މުހިއްމުކަމެއް. އެކަން ކާމިޔާބުކުރެވޭތޯ ބަލަމާ ހިނގާ."

comment ކޮމެންޓް