އއ. ރަސްދޫ ލުނބޯގަސްދަށުގޭގެ އެއްބަޔާއި ޑައިވިން ސުކޫލަކާއި ފިހާރައެއްގައި ރޯވެ ވަނީ އަދައި ހުލިވެފައެވެ. ގާތްނގަޑަކަށް ހަތަރު ގަޑިއިރުގެ ތެރޭގައި އަލިފާންގަނޑު ނިއްވާލެވުނުއިރު، އެ ހާދިސާގައި މިލިއަނެއްހާ ރުފިޔާގެ ބޮޑު ގެއްލުމެއް ވަނީ ވެފައެވެ. ނަމަވެސް، އަދައި ހުލިވި ގޭ ތެރޭގައި ހުރި މުސްހަފުތައް އަނދާފައެއް ނުވެއެވެ.

ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ތަނެއް-- ފޮޓޯ/ފޭސްބުކް
އަލިފާނުގެ ހާދިސާ ހިނގި ލުނބޯގަސްދަށުގޭ އަބްދުއް ރަޝީދު އާދަމް ސަން އަށް ކިޔައިދިން ގޮތުގައި ހާދިސާ ހިނގިއިރު އޭނާގެ އެއްބަނޑުއެއްބަފާ ކޮއްކޮގެ ދަރިއެއްގެ ފޮތް ފޮށިގަނޑެއް އެގޭގައި ހުއްޓެވެ. ގްރޭޑް 10 ނިންމި އެ ކުއްޖާގެ އެ ފޮތް ފޮށިގަނޑުގައި ސްކޫލް ފޮތްތަކާއި ޤުރުއާން މުބާރާތްތަކުން ވަނައަށް ގޮސްގެން ލިބުނު ތިން މުސްހަފް އޮތް ކަމަށް އޭނާ ބުންޏެވެ.
"ފޮތް ފޮށިގަނޑު ހުރީ އަނދައިގެން ދިޔަ ގޭގެ ތެރޭގައި. ފޮށިގަނޑުގައި ހުރި ހުރިހާ ފޮތްތައް އަދައިގެން ދިޔައިރުވެސް މުސްހަފްތަށް އަނދައިގެން ނުދޭ. މުސްހަފްތަކުގެ ބަނޑޭރިގަނޑު އެކަނި އަދާފައިވަނީ. އަކުރު ތަކަކަށްވެސް އަސަރެއް ނުކުރޭ. އަޅުނގަޑަށް ވެސް ލިބުނު ހައިރާންކަމެއް،" އަބްދުއް ރަޝީދު އާދަމް

އޭނާ ބުނީ، ފޮތްތައް ނެގީ އެގެއަށް ވަދެގެން އުޅުނު ބަޔަކު ކަމަށެވެ. އަދި ފޮތްތައް މިހާރު ހުރީ އެއްބަނޑުއެއްބަފާ ކޮއްކޮގެ ދަރިފުޅު އަތުގައި ކަމަށް އަބްދުއް ރަޝީދު އާދަމް ބުންޏެވެ.
ރަސްދޫގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާއިރު، ރޯވެ އަދާފައިވަނީ އެއް އާއިލާއަކަށް ނިސްބަތްވާ ތަންތަނެވެ. ރޯވި ފިހާރައަކީ ޑައިވިން ސުކޫލާއި އެ އާއިލާގެ މީހުން އަލަށް ހުޅުވަން އުޅޭ ގެސްޓު ހައުސްތަކަށް ގެނެސްފައި ހުރި މުދާތައް ލާފައި ހުރި ފިހާރައެކެވެ.