ފިނޭންސް އިމާރާތުގެ ބިމަށް ހަދާނެ ގޮތެއް އަދި ނޭނގޭ: މިނިސްޓްރީ

ފިނޭންސުން އަލަށް ހަދާ އިމާރާތުގެ ނަކަލެއް: އެ އިމާރާތް ހުޅުމާލޭގައި އަޅާ ގޮތަށް ވަނީ ހަމަޖައްސާފައި -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ފިނޭންސް މިނިސްޓްރީ ކުރިން ހިންގި އިމާރާތް ހުރި ބިމަށް ހަދާނެ ގޮތެއް އަދި ނޭނގޭ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ކުރިން އެމިނިސްޓްރީން ނިންމީ އެ ބިމުގައި 25 ބުރީގެ އިމާރާތެއް އަޅައި، މިނިސްޓްރީގެ ބޭނުމަށް ބޭނުން ކުރުމަށެވެ. ނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި އެ އިމާރާތް ހުޅުމާޅޭގައި އަޅާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ހުޅުމާލޭގައި އެ އިމާރާތް އެޅުމަށް ހަމަޖެއްސީ ކުރިން އެ މިނިސްޓްރީ ހިންގަމުން އައި އިމާރާތްތައް ތަޅާލައި، އެތަނުގެ ބިން ސާފު ކުރި ފަހުންނެވެ.

ފިނޭންސް މިނިސްޓްރީގެ ޑިރެކްޓަރު އަހްމަދު އައިމަން "ސަން" އަށް ވިދާޅުވީ އެ ބިމުގެ ބޭނުން ކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި މިހާރު ކުރިއަށް ދަނީ ބިން ސާފު ކުރުމުގެ ކަންކަން ކަމަށެވެ.

"އެ ބިމުން ކުރާނެ ކަމަކާ މެދު މަޝްވަރާ ކުރަމުން އަންނަނީ. އަދި ފައިނަލައިޒް ނުވޭ،" އައިމަން ވިދާޅުވިއެވެ.

މީގެ ކުރިން އޭނާ ވިދާޅުވެފައިވަނީ މާލޭގައި އެ އިމާރާތް އެޅުމަށްވުރެ ހުރިހާ ގޮތަކުން ވެސް ރަނގަޅީ ހުޅުމާލޭގައި އެޅުން ކަމަށް ވާތީ، އިމާރާތް އަޅާ ފަރާތާ ވާހަކަ ދައްކައިގެން ހުޅުމާލެއަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ.

ފިނޭންސްގެ އިމާރާތް މާލޭގައި އަޅަން ނިންމީ ކުރިން އެ މިނިސްޓްރީ ހިންގަމުން އައި ބިމުގައެވެ. އެ މަސައްކަތް ކުރަން ހަވާލު ކުރީ މެލޭޝިއާގެ "ޑަބްލިޔް ޒެޑް އާރު ޕުރޮޕަޓީ" އާ އެވެ.

ފިނޭންސް މިނިސްޓްރީ މިހާރު ހުރި ބިމުގައި 25 ބުރިއަށް ހަދާ 32500 އަކަފޫޓުގެ އެ އިމާރާތަކީ ކޮންޓެކްޓަރު ފައިނޭންސްކުރާ ގޮތަށް އިމާރާތްކުރާ 123 މިލިއަން ޑޮލަރުގެ އިމާރާތެކެވެ. އެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައި ވަނީ 36 މަސް ނުވަތަ ތިން އަހަރު ތެރޭގައެވެ.

ކޮންޓެކްޓަރު ފައިނޭންސް ކުރާ ގޮތަށް އިމާރާތްކުރާ އެ އިމާރާތަށް ސަރުކާރުން އެ ކޮންޓްރެކްޓަރަށް ފައިސާ ދެއްކުމަށް 23 އަހަރު ލިބޭނެ ކަމަށް މީގެ ކުރިން ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

comment ކޮމެންޓް