އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލެއް ޓެސްޓުކޮށްފި: ދެކުނު ކޮރެއާ

އުތުރު ކޮރެއާގެ މިސައިލް ޓެސްޓުތަކުގެ ސަބަބުން އެސަރަހައްދުގެ އެހެން ގައުމުތައް ވަނީ ރުޅިގަދަވެފައި -- ފޮޓޯ: ރޮއިޓާސް

ސޯލް (ފެބްރުއަރީ 12): އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލެއް ޓެސްޓުކޮށްފި ކަމަށް ދެކުނު ކޮރެއާގެ އަސްކަރިއްޔާ އިން ބުނެފި އެވެ.

އުތުރު ކޮރެއާގެ ޕްޔޮންގަން ޕްރޮވިންސުން އިއްޔެ ލޯންޗު ކުރި އެމިސައިލް ވަނީ އެގައުމުގެ އިރަށް 500 ކިލޯ މީޓަރަށް ދަތުރުކޮށްފައި ކަމަށް ދެކުނު ކޮރެއާ އިން ބުނެ އެވެ.

އެމެރިކާގެ ޑިފެންސް އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްގައިވާ ގޮތުން އުތުރު ކޮރެއާއިން މިސައިލެއް ލޯންޗު ކުރިކަން އެމެރިކާއަށް އެނގިފައިވެ އެވެ. އަދި އެކަމާ ބެހޭ މައުލޫމާތު ރައީސް ޑޮނަލްޑް ޓްރަމްޕަށް ފޯރުކޮށްދީފައިވާ ކަމަށް ވައިޓް ހައުސްއިން ބުނެ އެވެ. އެއީ ރައީސް ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވި ފަހުން އުތުރު ކޮރެއާއިން މިސައިލެއް ޓެސްޓު ކުރި ފުރަތަމަ ފަހަރެވެ.

ދެކުނު ކޮރެއާގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އުތުރު ކޮރެއާގެ އަމަލުތަކުން ހާމަވެގެން ދަނީ އެ ގައުމުގެ ލީޑަރު ކިމް ޖޮންގް އުންގެ ވެރިކަމަކީ ނިއުކްލިއާ ހަތިޔާރާއި މިސައިލް އުފެއްދުމަށް 'މޮޔަވެފައިވާ' ވެރިކަމެއް ކަމެވެ.

އަދި ޖަޕާނުން ވަނީ އެމިސައިލް އެގައުމުގެ ކަނޑުގެ ސަރަހައްދަށް ނުފޯރާ ކަމަށާއި އެ މައްސަލައާ ގުޅިގެން ހިތްހަމަނުޖެހުން ފާޅު ކުރާނެ ކަމަށް ބުނެފަ އެވެ.

އެމިސައިލް ޓެސްޓާ ބެހޭ ގޮތުން އުތުރު ކޮރެއާ އިން އަދި ވަކި އެއްޗެކޭ ބުނެފައެއް ނުވެ އެވެ.

މިދިޔަ މަހު އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވަނީ ނިއުކްލިއާ ހަމަލާއެއް ދެވޭ ފަދަ ދިގު ރާސްތާ މިސައިލެއް ޓެސްޓެއް ކުރަން އެގައުމުން ތައްޔާރުވަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖޭމްސް މެޓިސް މިދިޔަ ހަފްތާ ތެރޭގައި ދެކުނު ކޮރެއާއަށް ކުރެއްވި ދަތުރުފުޅެއްގައި ވަނީ އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރެއް ބޭނުންކޮށްފި ނަމަ އެމެރިކާ އިން އެއަށް ރައްދު ދޭނެ ކަމަށް ވިދާޅުވެފަ އެވެ.

އަދި ޔޫއެސް މިސައިލް ޑިފެންސް ސިސްޓަމެއް ދެކުނު ކޮރެއާގައި ބެހެއްޓުމަށް ރާވަމުންދާ ކަމަށް ވެސް މެޓިސް ވިދާޅުވި އެވެ.

މިދިޔަ އަހަރު އުތުރު ކޮރެއާއިން ވަނީ އެގައުމުގެ ފަސް ވަނަ ނިއުކްލިއާ ހަތިޔާރު ޓެސްޓުކޮށްފަ އެވެ. އެގައުމުން ބުނާ ގޮތުގައި އޭގެއިން އެމެރިކާއަށް ހަމަލާދެވޭނެ އެވެ. ނަމަވެސް ކަމާ ބެހޭ މާހިރުން ވަނީ އުތުރު ކޮރެއާގެ ޓެކްނޮލޮޖީ އެހާ ކުރިއަރާފައިވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ވެސް އުތުރު ކޮރެއާއިން ވަނީ އެއް ބައްރުން އަނެއް ބައްރަށް ދަތުރުކުރެވޭ ފަދަ ބެލިސްޓިކް މިސައިލެއް ޓެސްޓެއް ކުރަން ތައްޔާރުވަމުންދާ ކަމަށް ފާއިތުވި ހަފްތާތަކުގެ ތެރޭގައި ބުނެފަ އެވެ. (ބީބީސީ)

comment ކޮމެންޓް