ބީއެމްއެލްގެ މުވައްޒަފުން ހުޅުމާލެ ބީޗް ސާފުކޮށްފި

ބީއެމްއެލް އިން ކުރިއަށް ގެންދިޔަ ސާފު ކުރުމުގެ ހަރަކާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުން ނުކުމެ ހުޅުމާލޭ ގޮނޑު ދޮށް ސާފުކޮށްފި އެވެ.

މިއަދު ހަވީރު ބީއެމްއެލްގެ 200 އެއްހާ މުވައްޒަފުން ވަނީ ހުޅުމާލޭ ނިރޮޅުމަގުން ފެށިގެން ބާބެކިއު އޭރިއާ އާ ހަމައަށް އޮންނަ ގޮނޑުދޮށާއި މަގު ސާފުކޮށްފަ އެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ، އެ ހަރަކާތަކީ "އަހަރެންގެ ބޭންކް، ދިވެހިންގެ ބޭންކް" ކެމްޕެއިންގެ ދަށުން ހިންގި ހަރަކާތެއް ކަމަށެވެ.

ސާފު ކުރުމުގެ ހަރަކާތާ ބެހޭ ގޮތުން ސައީދު މީޑިއާއަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

"މައިގަނޑު ގޮތެއްގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުން ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން އަޅުގަނޑުމެންނަށް، ސްޓާފުންނަށް އަދި އޭގެ އިތުރުން ބެންކަށްވެސް މުޖުތަމައުއަށް ދެވޭނެ އެހީތެރިކަން ފޯރުކޮށް ދިނުން. އެގޮތުގެ މަތިން އަޅުގަނޑުމެން މިއަދު މި ހަރަކާތް ކުރިއަށް މި ގެންދަނީ،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ކެމްޕެއިން ކުރިއަށް ގެންދިއުމުގެ މަގުސަދަކީ، ބޭންކާއި މުޖުތަމައުއާއި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ބޭންކުގެ ފަރާތުން މުޖުތަމައުއަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

އޭނާ ވިދާޅުވީ، އެ ކެމްޕެއިންގެ ދަށުން މިއަހަރު ތެރޭގައި އެފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

comment ކޮމެންޓް