އޮފްޝޯރ ކުންފުނިތައް ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ ގޮތް ހަދަނީ

ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް -- ސަން ފައިލް ފޮޓޯ

ރާއްޖެއިން ބޭރުގެ އޮފްޝޯ ކުންފުނިތައް ރާއްޖޭގައި ރަޖިސްޓްރީކުރެވޭ މަގު ފަހިވާ އިސްލާހެއް، ކުންފުންޏާ ބެހޭ ގާނޫނަށް އިކޮނޮމިކް މިނިސްޓްރީން ހުށަހަޅައިފިއެވެ.

ކުންފުންޏާ ބެހޭ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ޑްރާފްޓުކޮށް، އިކޮނޮމިކް މިނިސްޓްރީން ވަނީ ބަންޑާރަނައިބުގެ ލަފާ ހޯދުމަށް ފޮނުވައިފައެވެ.

ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް މިއަދު ވިދާޅުވި ގޮތުގައި، މި އިސްލާހުތަކުގެ ތެރޭގައި، އޮފްޝޯ ކުންފުނިތަކުން ރާއްޖޭގައި ވިޔަފާރި ރަޖިސްޓްރީކުރެވޭ މަގު ފަހިކޮށްދޭ އިސްލާހެއް ހިމެނެއެވެ.

އޮފްޝޯ ކުންފުނިތަކަކީ އެހެން ގައުމެއްގެ ދަށް ޓެކްސް ރޭޓުތަކުގެ ފައިދާ ހޯދުމަށް، އެ ގައުމެއްގައި ވިޔަފާރި ރެޖިސްޓްރީކުރާ ބޭރުގެ ކުންފުނިތަކެވެ.

ވިސާމް ވިދާޅުވީ، ރާއްޖޭގައި މިވަގުތު އަމަލުކުރާ ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން އޮފްޝޯ ކުންފުނިތައް ރާއްޖޭގައި ރެޖިސްޓްރީކުރުމުގެ ޖާގައެއް ނެތް ކަމަށެވެ.

"މި އިސްލާހު ފާސްވެއްޖެ ނަމަ އެކުންފުނިތަކަށް ލިބޭނެ ލޯ ކޮސްޓެއްގައި ކުންފުނި ސެޓްއަޕް ކުރުމުގެ ފުރުސަތު. އެގޮތަށް ކުންފުނިތައް އައިސް ރެޖިސްޓްރީކުރަނީ އެ ގައުމެއްގެ ޓެކްސް ބެނެފިޓުތައް ނެގުމަށް،" ވިސާމް ވިދާޅުވިއެވެ.

ވިސާމް ވިދާޅުވީ، އެ ކުންފުނި ރާއްޖޭގައި ރެޖިސްޓްރީކުރާ ނަމަވެސް، ކުންފުނީގެ ހިންގުންތައް ހިންގާނީ ރާއްޖެއިން ބޭރުގައި ކަމަށެވެ.

އެހެން ނަމަވެސް، އެ ކުންފުނި ރަޖިސްޓްރީކޮށްފައި އޮތީ ރާއްޖޭގައި ކަމުން، އެ ކުންފުނި އޮންނާނީ ރާއްޖޭގެ ގާނޫނުތަކުގެ އިހްތިސާސްގެ ދަށުގައި ކަމަށް ވިސާމް ވިދާޅުވިއެވެ.

"މިކަމުން ރާއްޖެއަށާއި ރާއްޖޭގެ އިގްތިސާދަށް ވެސް ފައިދާ ކުރާނެ،"

ކުންފުންޏާ ބެހޭ ގާނޫނަށް ހުށަހަޅާ މުހިންމު އިސްލާހުތައް

  • ބޯޑުގެ ޑިރެކްޓަރުންގެ ފުރިހަމަ ޒިންމާ އަދި މަސްއޫލިއްޔަތު ތަފްސީލުކުރުން.
  • ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރުގެ މަސްއޫލިއްޔަތު ސާފުކޮށް، ތަފްސީލުކުރުން.
  • ކުންފުނި ރެޖިސްޓަރކުރި އެޑްރެހާއި، ހިއްސާއާއި، މަގްސަދުތަކާއި ލިޔެކިޔުމަށް އަންނަ ބަދަލުތައް މިނިސްޓްރީގައި ދަފްތަރުކުރަން ޖެހުން.
  • ހިއްސާދާރުންގެ ހައްގުތައް ރައްކާކުރުމަށް ޗެކް އެންޑް ބެލެންސް ނިޒާމެއް ގާއިމުކުރުން.
  • އެންމެ ފަރުދަކަށް ކުންފުނި ރެޖިސްޓްރީކުރެވޭ ގޮތް ހެދުން.
  • އޮފްޝޯރ ކުންފުނިތައް ރެޖިސްޓްރީކުރެވޭނެ މަގު ފަހިކޮށްދިނުން.
  • ކުންފުނި އުވާލުމުގެ މަސައްކަތް ކުރާ ލިކުއިޑޭޓަރުން ރެގިއުލޭޓުކުރުން.
  • އަމިއްލަ ކުންފުނިތަކާއި، ޕަބްލިކް ކުންފުނިތަކާއި، ސަރުކާރުގެ ކުންފުނިތައް ހިމެނޭ ގޮތަށް، ހުރިހާ ކުންފުންޏެއްގެ ވަކި ކަންތައްތަކެއް ސްޓޭންޑަޑައިޒްކުރުން.
  • ކުންފުނީގެ ތަރައްގީއަށް ހިޔަނި ނޭޅޭނެ ގޮތަކަށް ގާނޫނީ ކަންކަން ބައްޓަންކުރުން.
  • ފަންނީ ތަޖުރިބާ ލިބިފައިވާ ޑިރެކްޓަރުން ބޯޑަށް އައްޔަނުކުރުމުގެ މުހިންމުކަން ބަޔާންކުރުން، އަދި ޑިރެކްޓަރުންނަކީ އެކި ކުންފުނިތަކަށް ޕްރޮފެޝަނަލް ޚިދުމަތެއް ދޭ ބައެއްކަމުގައި ހެދުމަށް ބާރުއެޅުން.
  • ކޮމްޕެނީ ސެކްރެޓަރީގެ ދައުރު ފުޅާކުރުން.

"އަޅުގަނޑުމެން ހުށަހަޅާފައިވާނީ [ކުންފުންޏާ ބެހޭ ގާނޫނުގެ] މިހާރު އޮތް ގާނޫނުގެ ބައެއް ބައިތައް ހިމެނޭ ގޮތަށް އާ ގާނޫނެއް. އެހެންވީމަ ރީސްޓޭޓް ކުރެވިގެން ދާނީ މިހާރު އޮތް ގާނޫނު،" ވިސާމް ވިދާޅުވިއެވެ.

ވިސާމް ވިދާޅުވީ މިއަހަރުގެ ތެރޭގައި މި ގާނޫނަށް އަމަލުކުރެވެން ފެށޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

comment ކޮމެންޓް