އެންމެ މީހެއްގެ ނަމުގައި ކުންފުނި ރެޖިސްޓަރުކުރެވޭ ގޮތް ހަދަނީ

ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެންމެ މީހެއްގެ ނަމުގައި ކުންފުނި ރެޖިސްޓްރީކުރެވޭ ގޮތަށް، ކުންފުންޏާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ކުރަމުން އެބަ ދެއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިޔަފާރިއާއި ކުންފުނިތައް ރެޖިސްޓްރީކުރުމަށް ކުރާ މަސައްކަތްތަކާ ބެހޭގޮތުން މީޑިއާގެ ފަރާތްތަކަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ސެޝަނެއްގައި މައުލޫމާތު ދެއްވަމުން، އިކޮނޮމިކް މިނިސްޓްރީގެ ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ، ރާއްޖޭގައި މިހާރު އަމަލުކުރަމުން އަންނަ ކުންފުންޏާ ބެހޭ ގާނޫނުގެ ބައިތައް ހިމެނޭ ގޮތަށް، ކުންފުންޏާ ބެހޭ މުޅިން އާ ގާނޫނެއް އިކޮނޮމިކް މިނިސްޓްރީން އެކުލަވާލާފައިވާ ކަމަށެވެ.

ވިސާމް ވިދާޅުވީ އެ ގާނޫނު ޑްރާފްޓުކޮށް، ބަންޑާރަނައިބުގެ އޮފީހަށް ފޮނުވާފައިވާ ކަމަށާއި، މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި މަޖިލީހަށް އެ ބިލު ހުށަހަޅާނެ ކަމަށެވެ.

ވިސާމް ވިދާޅުވީ، އާ ގާނޫނުގެ ދަށުން، އެންމެ މީހެއްގެ ނަމުގައި ކުންފުނި ރެޖިސްޓްރީ ކުރެވޭނެ ގޮތަށް ލިޔެފައިވާ ކަމަށެވެ. މިހާރު ރާއްޖޭގައި އަމަލުކުރާ، ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ކުންފުންޏެއް ރެޖިސްޓްރީ ކުރެވޭނީ ދެ މީހެއްގެ ނަމުގައެވެ.

"މިހާރު އެބަ ޖެހޭ ދެ ހިއްސާދާރުން ޝާމިލުވާން [ކުންފުނި ރެޖިސްޓްރީކުރަން]. މާނައަކީ ދެވަނަ މީހަކު މި އެރޭންޖްމެންޓުގެ ތެރެއަށް ވައްދަން އެބަ ޖެހެއޭ،" ވިސާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ހުށަހަޅާ އިސްލާހުގެ ނަތީޖާއެއްގެ ގޮތުން، މިހާރު ޑްރާފްޓުގައި ހިމަނާފައިވާނެ ވަކި ފަރުދަކަށްވެސް ކުންފުންޏެއް އުފެއްދޭނެއޭ. ކުންފުންޏެއް އުފައްދައިގެން، އެކުންފުނި މެދުވެރިކޮށް ވިޔަފާރި ކުރެވެނެ އިންތިޒާމު ހަމަޖެހިގެން ދާނެއޭ،" ވިސާމް ވިދާޅުވިއެވެ.

މިވަގުތު ވަކި ފަރުދަކަށް ރެޖިސްޓްރީކުރެވޭނީ ސޯލް ޕްރޮޕްރެއިޓާޝިޕެއް، ނުވަތަ ދެވަނަ މީހެއް ނުވަތަ އެހެން ކުންފުންޏެއް ޝާމިލުވާ ކުންފުންޏެކެވެ.

ނަމަވެސް އިސްލާހާ ގުޅިގެން އަމިއްލަ މީހެއްގެ ނަމުގައި ކުންފުންޏެއްގެ ގޮތުގައި މިނިވަން ގާނޫނީ ޝަޚުސެއް އުފެދޭނެ ކަމަށާއި، އެކަމާ ގުޅިގެން ކުންފުނިން ކުރާ ކަންކަމުގެ ޒިންމާ އިތުރު މީހުންގެ ބޮލުގައި ނޭޅޭނެ ކަމަށެވެ.

"މިސާލަކަށް ދެ ހިއްސާދާރުން ތިބެގެން، އެކަކު ބޭނުންވަނީ ބޭންކުން ކުންފުނީގެ ނަމުގައި ލޯނެއް ނަގަން. މާނައަކީ ކުންފުނީގެ ދެ ހިއްސާދާރުންވެސް ލޯނަށް ޒިންމާ ވާންޖެހޭނެއޭ. އެކަމަކު އަޅުގަނޑު މިސާލަކަށް ބޭނުން ނުވަނީ އެ ލޯނުގެ ޒިންމާ އެހެން މީހެއްގެ ބޮލު އަޅަން. މި އިސްލާހު ފާސްވެއްޖެ ނަމަ އެފަދަ ހާލަތްތަކުގައި ފައިދާ ކުރާނެ،"

ވިސާމް ވިދާޅުވީ މި އިސްލާހު ފާސްވެ، ގާނޫނަކަށް ވެއްޖެ ނަމަ، މިހާރު ހުރި ކުންފުނިތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި، ނަމަވެސް އެފަދަ ކުންފުންޏަކުން އަނެއް ހިއްސާދާރުގެ ހުރިހާ ހިއްސާއެއް ގަތުމުގެ އިޚްތިޔާރު އޮންނާނެ ކަމަށެވެ.

ކުންފުންޏާ ބެހޭ ގާނޫނަށް ހުށަހަޅާ މުހިންމު އިސްލާހުތައް

  • ބޯޑުގެ ޑިރެކްޓަރުންގެ ފުރިހަމަ ޒިންމާ އަދި މަސްއޫލިއްޔަތު ތަފްސީލުކުރުން.
  • ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރުގެ މަސްއޫލިއްޔަތު ސާފުކޮށް، ތަފްސީލުކުރުން.
  • ކުންފުނި ރެޖިސްޓަރކުރި އެޑްރެހާއި، ހިއްސާއާއި، މަގްސަދުތަކާއި ލިޔެކިޔުމަށް އަންނަ ބަދަލުތައް މިނިސްޓްރީގައި ދަފްތަރުކުރަން ޖެހުން.
  • ހިއްސާދާރުންގެ ހައްގުތައް ރައްކާކުރުމަށް ޗެކް އެންޑް ބެލެންސް ނިޒާމެއް ގާއިމުކުރުން.
  • އެންމެ ފަރުދަކަށް ކުންފުނި ރެޖިސްޓްރީކުރެވޭ ގޮތް ހެދުން.
  • އޮފްޝޯރ ކުންފުނިތައް ރެޖިސްޓްރީކުރެވޭނެ މަގު ފަހިކޮށްދިނުން.
  • ކުންފުނި އުވާލުމުގެ މަސައްކަތް ކުރާ ލިކުއިޑޭޓަރުން ރެގިއުލޭޓުކުރުން.
  • އަމިއްލަ ކުންފުނިތަކާއި، ޕަބްލިްކ ކުންފުނިތަކާއި، ސަރުކާރުގެ ކުންފުނިތައް ހިމެނޭ ގޮތަށް، ހުރިހާ ކުންފުންޏެއްގެ ވަކި ކަންތައްތަކެއް ސްޓޭންޑަޑައިޒްކުރުން.
  • ކުންފުނީގެ ތަރައްގީއަށް ހިޔަނި ނޭޅޭނެ ގޮތަކަށް ގާނޫނީ ކަންކަން ބައްޓަންކުރުން.
  • ފަންނީ ތަޖުރިބާ ލިބިފައިވާ ޑިރެކްޓަރުން ބޯޑަށް އައްޔަނުކުރުމުގެ މުހިންމުކަން ބަޔާންކުރުން، އަދި ޑިރެކްޓަރުންނަކީ އެކި ކުންފުނިތަކަށް ޕްރޮފެޝަނަލް ޚިދުމަތެއް ދޭ ބައެއްކަމުގައި ހެދުމަށް ބާރުއެޅުން.
  • ކޮމްޕެނީ ސެކްރެޓަރީގެ ދައުރު ފުޅާކުރުން.
comment ކޮމެންޓް