ޔުނައިޓެޑްގެ އަރްމޭނިއާ މިޑްފީލްޑަރު ހެންރިކް މިކިތާރިޔަންގެ ފަރާތުން ފެންނަ މޮޅު ކުޅުމުގެ ފަހަތުގައި ވަނީ ލިވަޕޫލްގެ ކޯޗު ޔޫގެން ކްލޮޕް ކަމަށް މިކިތާރިޔަން ބުނެފިއެވެ.
މި ސީޒަނުގައި ޔުނައިޓެޑާ ގުޅުމުގެ ކުރިން މިކިތާރިޔަން މިދިޔަ ސީޒން ހޭދަކޮށްފައިވަނީ ކްލޮޕްގެ އިރުޝާދުގެ ދަށުން ބޮރޫޝިއާ ޑޯޓްމަންޑްގައެވެ. މިކިތާރިޔަން ޔުނައިޓެޑާ ގުޅުނީ 30 މިލިއަން ޕައުންޑްގެ ފީއަކަށެވެ.
ސީޒަނުގެ ކުރީ ކޮޅުގައި މިކިތާރިޔަންގެ ފަރާތުން ފެނުނު ދަށް ކުޅުމުގެ ސަބަބުން ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ ގިނަ މެޗުތަކެއްގައި އޭނާއަށް ފުރަސަތު ނުދީ ބެންޗުގައި ބައިންދާފައެވެ.
"ހުރިހާ ޝުކުރެއް ހައްގުވަނީ ކްލޮޕަށް. އޭނާ ވަނީ އަހަރެން ސައިކޮލަޖީއާއި ޝަހުސިއްޔަތަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އެހީތެރިވެދީފައި،" މިކިތާރިޔަން ބުންޏެވެ.
ކްލޮޕްއާ އެކު މިކިތާރިޔަން، ދެ ސީޒަން ޑޯޓްމަންޑްގައި ހޭދަކޮށްފައިވާއިރު މިދިޔަ ސީޒަނުގައި ޔުނައިޓެޑުން މިކިތާރިޔަން ގަތީ އޭނާގެ ފަރާތުން ފެނުނު މޮޅު ކުޅުމުގެ ސަބަބުންނެވެ. ނަމަވެސް ޔުނައިޓެޑް 2-1ގެ ނަތީޖާ އަކުން މެންޗަސްޓާ ސިޓީ އަތުން ސެޕްޓެމްބަރު މަހު ބަލިވި މެޗަށްފަހު މިކިތާރިޔަން އަށް ކުޅުމުގެ ފުރުސަތު ލިބުނީ ނޮވެމްބަރު ފަހުކޮޅުގައެވެ.
"ޑޯޓްމަންޑްގައި ވެސް ދަށް ކުޅުމެއް ދެއްކުމުން އަހަރެން ވަރަށް ބޮޑަށް މާޔޫސްވެގެން ދިޔަ. ނަމަވެސް ކްލޮޕް އަހަރެންނަށް ވަރަށް ބޮޑަށް ވިސްނައިދިިން އަދި ހިތްވަރު ވެސް ދިން. މިއަދު މިފެންނަ ކުޅުމުގެ ހުރިހާ ޝުކުރެއް ހައްގު ވަނީ އޭނާއަށް،" މިކިތާރިޔަން ބުންޏެވެ.
މިކިތާރިޔަން ވަނީ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުތަކުގައި ތަފާތު މޮޅު ކުޅުމެއް ދައްކައި ފަސް ގޯލު ކާމިޔާބުކޮށް ޔުނައިޓެޑްގެ މިވަގުތު ތިބި އެންމެ ނުފޫޒް ގަދަ ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ.