ބެޓެރިތަކެއް ގޮވައި، ސެމްސަންގު ފެކްޓަރީއެއްގައި ރޯވެއްޖެ

ބެޓެރީގެ ދޮން ބޮޑުވެ ގޮވައި ސްމާޓްފޯނުތައް އަނދައި ހުލިވާ ވާހަކައަކީ މީޑިއާތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯދި ވާހަކަތަކެކެވެ. އެކަމުގެ އެންމެ ކުރީގައި އޮތީ ކޮރެއާގެ މަޝްހޫރު ކުންފުނި، ސެމްސަންގެވެ. އެ ކުންފުނިން ނެރުނު ނޯޓް 7ގެ ފޯނުތަކުގެ އިތުރުން އުފެއްދި ބައެއް ދޮންނަ މެޝިންތައް ވެސް ވަނީ ގޮވާފަ އެވެ.

އަނެއްކާވެސް މިއޮތީ ސެމްސަން ކުންފުނީގެ ވާހަކައެކެވެ. މިފަހަރުވެސް ގޮވުމެކެވެ. ބެޓަރީ ވޭސްޓާއި ނައްތާލަން ބަހައްޓާފައި ހުރި ބެޓެރީތަކެއް ގޮވައި، ޗައިނާގެ ޓިއަންޖިންގައި ހުންނަ ސެމްސަންގު ބެޓަރީ ފެކްޓަރީއެއްގައި ވަނީ ރޯވެފައެވެ. މިދިޔަ ބުދަ ދުވަހު ހިނގި އެ އަލިފާނުގެ ހާދިސާގައި ފެކްޓަރީން އުފައްދަމުންދިޔަ އެއްވެސް ބެޓެރީއަކަށް ގެއްލުމެއް ނުވަތަ އަލިފާން ރޯވެފައެއް ނުވެއެވެ.

ސެމްސަންގެ ތަރުޖަމާނަކު ވިދާޅުވީ، އަލިފާނުގެ ހާދިސާގެ ސަބަބުން މީހަކަށް އަނިޔާއެއް ލިބިފައިނުވާއިރު، ފެކްޓަރީގެ މަސައްކަތްތަކަށް ވެސް ބުރޫ އަރާފައެއް ނުވެއެވެ. އަދި އަލިފާން ރޯވީ މައްސަލަ ޖެހިގެން ނައްތާލަން ބަހައްޓާފައި ހުރި ބެޓަރިތަކެއްގައި ކަމަށް ތަރުޖަމާން ވިދާޅުވިއެވެ.

ނަމަވެސް ފެކްޓަރީގައި އަލިފާން ނިއްވަން ހަރަކާތްތެރިވި ޓިއަންޖިން ފަޔާ ޑިޕާޓްމަންޓުގެ މީހުން ބުނި ގޮތުގައި އަލިފާން ރޯވެފައިވަނީ ހިފާފައި ވަނީ ބެޓެރީ އުފައްދާ ފެކްޓަރީގައި ކަމަށާއި އަނދައިގެން ދިއަ ބެޓެރީތަކުގެ ތެރޭގައި މުޅިން ނުނިމޭ ބެޓެރީ ވެސް ހުރި ކަމަށެވެ.

ފެކްޓަރީގައި ރޯވި އަލިފާން ނިއްވުމަށްޓަކައި 110 އަލިފާން ނިއްވާ މީހުންނާއި 19 ފެން ލޮރީ ހަރަކާތްތެރިވި ކަމަށް އެ ޑިޕާޓްމަންޓުން ބުނެއެވެ.

ސެމްސަންގުން އެންމެ ފަހުން އުފެއްދި ގެލެކްސީ ނޯޓް 7 އަށް ދިމާވި ޓެކްނިކަލް މައްސަލައާ ގުޅިގެން އެ ސީރީސްގެ ފޯނުތައް ވިއްކުން ހުއްޓާލައި، އަނބުރާ ގެންނަން ފެށުމާ ގުޅިގެން ނިމިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި އެ ކުންފުނީގެ އޮޕަރޭޓިން ޕްރޮފިޓްގެ މިންވަރު 30 ޕަސެންޓު ދަށަށް ދިޔައެވެ.

comment ކޮމެންޓް