އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތުގެ ކޮންކްރީޓް ސެޕްޓެމްބަރަށް ނިމޭނެ: މިނިސްޓަރު

އައިޖީއެމްއެޗްގެ 25 ބުރީގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށްދަނީ: އިމާރާތުގެ މަސައްކަތްދަނީ ޝެޑިއުލްއަށް ވުރެ އަވަހަށް ކަމަށް އައިޖީއެމްއެޗުން ބުނޭ --- ސަން ފައިލް ފޮޓޯ

ރާއްޖޭގެ މައި ހޮސްޕިޓަލް ކަމަށްވާ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ދެކުނަށް އޮންނަ ބިމުގައި އަޅާ އެ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތުގެ ކޮންކްރީޓް މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހަށް ނިމޭނެ ކަމަށް ހެލްތް މިނިސްޓަރު ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗްގެ އާ އިމާރާތް ބައްލަވައިލަށްވައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، މިހާރު އެ އިމާރާތުގެ ހަ ފްލޯގެ ޝީޓް ނިމިފައިވާއިރު އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ އިމާރާތުގެ ކޮންކްރީޓުގެ ހުރިހާ މަސައްކަތެއް ނިމިގެންދާނެ ކަމަށެވެ.

"މަސައްކަތް ކުރިއަށް ދަނީ ﷲ އިރާދަފުޅުން ޝެޑިއުލްއަށްވުރެ ބާރަށް. މިއަންނަ މަހުން ފެށިގެން ގްރައުންޑް ފުލޯއިން ފެށިގެން އިންޓީރިއާ މަސައްކަތްތައް ފަށައިގަނެވޭނެ ކަމަށް އެބޭފުޅުން ވިދާޅުވަނީ. އޭގެ މާނައަކީ މިހުރިހާ މަސައްކަތެއް އެކީގައި ކުރިއަށްދާނޭ. މަތީގައި ކޮންކްރީޓް އަޅަމުންދާއިރު ތިރީގެ ގްރައުންޑް ފުލޯގެ އިންޓީރިއާ މަސައްކަތްތައް ކުރިއަށްދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

އަލަށް ހަދާ އިމާރާތުން އައިޖީއެމްއެޗްގެ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ގެނެސްދޭނެއިރު، ކުޅިވަރު ކުޅެގެން ގެއްލުންވާފަރާތްތަކަށް ފަރުވާ ދިނުން ފަދަ އިތުރު ހިދުމަތްތައްވެސް އެއިމާރާތުން ދެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަންނަ އަހަރުގެ މެދުތެރޭގައި މުޅި އިމާރާތް ނިމި އާ ހިދުމަތްތަކާއެކު ބޭނުން ކުރެވެން ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޖުމްލަ 140 މިލިއަން ޑޮލަރު (2.1 ބިލިއަން ދިވެހި ރުފިޔާ) ހަރަދުކޮށްގެން ހަދާ އެ އިމާރާތް ހަދާ ސްޕީޑާއި ކޮލިޓީއަށް ބަލާއިރު އަގު ބޮޑު ނޫންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ދުއިސައްތަ މުވައްޒަފުންނާއެކު މިހާރު އެ އިމާރާތުގެ މަސައްކަތް ކުރެވެމުންދާއިރު ޓެކްނިކަލް ބޭފުޅުންނާއެކު އެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެމަސައްކަތް ކުރަމުންދަނީ ސިންގަޕޫރުގެ ޝެންހުއާ ކުންފުނިންނެވެ.

އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް ނިމުމުން އެތަން ވެގެންދާނީ 500 އެނދުގެ ޒަމާނީ ސްޕެޝަލިސްޓް ހޮސްޕިޓަލަކަށެވެ. ނޭޝަނަލް ޑައިގްނޯސްޓިކް ފެސިލިޓީއަށް ހަ ބުރިއެއް ހާއްސަކޮށްފައިވާ އައިޖީއެމްއެޗްގެ އާ އިމާރާތް ނިމުމުން އެތަނުން ޑޮކްޓަރަށް ދެއްކުމާއި އެކަމާ ގުޅިގެން ކުރަން ޖެހޭ ހުރިހާ ތަޙުލީލުތަކެއް ވެސް ކުރެވިގެންދާނެ އެވެ.

އޭގެ އިތުރުން ޗައިލްޑް ކެއާ ސެންޓަރަކާއި ޖިމާއި ރިހެބިލިޓޭޝަން ސުއިޓެއް ވެސް ހިމެނޭ އިރު އިމާރާތުގެ ފަސް ފަންގިފިލާއެއް ހާއްސަކޮށްފައި ވަނީ ހޮސްޕިޓަލުން ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ޕްރައިވެޓް އެކަމޮޑޭޝަން ހަމަޖެއްސުމަށް ކަމަށް އައިޖީއެމްއެޗް އިން ކުރިން ބުނެ އެވެ.

comment ކޮމެންޓް