ސާކްގެ ސެކްރެޓަރީ ޖެނެރަލްއާ ރައީސް ބައްދަލުކުރައްވައިފި

ސައުތު އޭޝިއަން އެސޯސިއޭޝަން ފޮ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ ސެކްރެޓަރީ ޖެނެރަލް އަރުޖުން ބަހާދުރު ތާޕާ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ އަރިހަށް މިއަދު ވަދާޢީ ޒިޔާރަތް ކުރައްވައިފި އެވެ. އެ ބައްދަލުކުރެއްވުން އޮތީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިއަދުގެ ބައްދަލުކުރެއްވުމުގައި ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ ދައުރުގައި ރާއްޖޭގެ ސަރުކާރާ އެކު އެމަނިކުފާނު ބާއްވަވާފައިވާ ގާތްގުޅުން ފާހަގަ ކުރައްވައި ޝުކުރު އަދާކުރައްވައި އެމަނިކުފާނަށް ފާގަތި މުސްތަގުބަލަކަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި ކަމަށެވެ. އަދި، މިހާރު އުފައްދާފައިވާ ސައުތު އޭޝިއަން ފްރީ ޓްރޭޑް އޭރިއާ (ސަފްޓާ) އެގްރިމަންޓްގެ ސަބަބުން ދެކުނު އޭޝިއާ ޞަރަޙައްދުގެ ގައުމުތައް އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުން ތަރައްގީވެގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި މި ޞަރަޙައްދުގެ ގައުމުތަކުގެ ދެމެދުގައިވާ ޚާރިޖީ ގުޅުން އިތުރަށް ބަދަހި ކުރުމަކީ މުހިންމު ކަމެކެވެ.

comment ކޮމެންޓް