އައިލައިނަރ ރީތިކޮށް އެޅުމަށް އެންމެންވެސް ބޭނުންވެއެވެ. ރީތިކޮށް އައިލައިނަރ އަޅަން ދަސްވަނީ އެތައް ދުވަހެއްގެ މަސައްކަތުންނެވެ. އަދި ވަކީން ހާއްސަކޮށް ލޯމަތީގައި ވިންގް އައިލައިނަރ އަޅާއިރު އެތައް އުނދަގޫތަކެއް ދިމާވެއެވެ. ތިރީގައި އެވަނީ ވިންގް އައިލައިނަރ އަޅާއިރު ހެދޭ ބައެއް ގޯސް ތަކާއި އޭގެން ރައްކާތެރި ވެވޭނެ ބައެއް ގޮތްތަކެވެ.
ތުނޑު ތޫނު ފަންސުރެއްބޭނުން ކުރުން
އައިލައިނަރ އަޅަނީ ފަންސޫރަކުން ކަމުގައި ވާނަމަ އެ ފަންސޫރަކީ ވަރަށް ތުނޑު ތޫނު ފަންސޫރަކަށް ވާންޖެހެއެވެ. ތުނޑު ތޫނު ފަންސޫރުން ސީދާ ރޮނގު އެޅުމަށް މާބޮޑަށްވެސް ފަސޭހަވެގެންދެއެވެ.
ލޮލުގެ ރަވައިގައި ކުލަ ކުލައިގެ އައިލައިނަރ އެޅުން
ޗާލުކޮށް ނަލަކޮށް ހުންނަން ބޭނުން ނަމަ ލޮލުގެ ރަވައިގައި ކުލަ ކުލައިގެ އައިލައިނަރ ނޭޅުމަށް މޭކަޕް އާޓިސްޓުން ލަފާދެއެވެ. މާހިރުން ލަފާދެނީ ހަމަ އެކަނި ތީމް ޕާޓީ ތަކުގައި ނޫން ގޮތަކަށް ރަވައިގައި ކުލަ ކުލައިގެ އައިލައިނަރ ނޭޅުމަށެވެ.
ދެލޮލުގައި ދެވަރަށް ލައިނަރ އެޅުން
ގިނަ ފަހަރު މިއީ އެންމެނަށް ވެސް ވަރަށް އުނދަގޫވާ ކަމެކެވެ. އަދި ވަރަށް ބޮޑަށް ޕްރެކްޓިސް ކޮށްގެން ނޫނީ ދެލޮލުގައި އެއްވަރަށް ލައިނަރ ނޭޅެއެވެ. އެކަމަކު ހަނދާން ކުރަންވީ ކަމަކީ ދެލޮލުގައި ދެގޮތަށް ލައިނަރ އެޅުމުން އެއްވަރު ކުރަން އުޅެން ހަދައިގެން މާ ބޯކޮށް ލައިނަރ އެޅިދާނެ ކަމެވެ. އެހެން ކަމުން ލައިނަރ އެއްވަރަށް ނޭޅޭ ކޮންމެ ފަހަރަކު އަނެއްކާ އެލައިނަރ މަތީގައި އަނެއް ލައިނަރ އެޅުމަށްވުރެ ފުހެލުމަށްފަހު އަލުން އަޅައިލުން ރަނގަޅުވާނެ އެވެ. އެހެން ހެދުމުން ކްލީންވެސް ވާނެއެވެ. އަދި ގިނައިން ފަރިތަކުރަން ފެށުމުން ދެލޯ އެއްވަރަށް ލައިނަރ އަޅަން ދަސްވާނެ އެވެ.
ލިކުއިޑް އައިލައިނަރ އެޅުން
ލިކުއިޑް ލައިނަރ ލޮލުގެ ތިރީ ރަވައިގައި އެޅުމުން ވަރަށް ފަސޭހައިން ފޭދިގެން ދާގޮތް ދިމާވާނެއެވެ. އެހެން ކަމުން ލިކުއިޑް އައިލައިނަރ ބޭނުން ކުރުން ރަނގަޅީ ހަމައެކަނި ލޯމަތީގައި އެޅުމަށެވެ. ލޮލުގެ ތިރީ ރަވައިގައި އަޅާނީ ފަންސުރު ލައިނަރ އެވެ.
ވޯޓަރ ޕްރޫޕް އައިލައިނަރ ބޭނުންކުރުން
ލިކުއިޑް އައިލައިނަރ ލޮލުގެ ތިރީ ރަވައިގައި އެޅުމުން ފޭދޭ ގޮތަށް ވޯޓަރ ޕްރޫޕް ނޫން ލައިނަރ ބޭނުން ކުރުމުން ވެސް ލައިނަރ ފޭދިގެން ދާނެއެވެ. މިގޮތަށް ވެއްޖެ ނަމަ ކަފަބުރަކުން ލައިނަރ އެއްވަރު ކޮށްލާށެވެ. މޭކަޕް އާޓިސްޓުން ލަފާދެނީ އަބަދުވެސް ވޯޓަރ ޕްރޫފް ލައިނަރއެއް އިހްތިޔާރު ކުރުމަށެވެ.
ލޮލުގެ އެސްފިޔަ ތަކާއި ލައިނަރ އާއި ދެމެދު ގެޕެއް ހުރުން
ކުޑަކުޑަ ކަމަކުންވެސް މޭކަޕް ހުތުރުކޮށްލަފާނެ އެވެ. އެހެން ކަމުން މޭކަޕްކުރާއިރު އެންމެ ކުދި ކަންތައްތަކަށް ވެސް ފަރުވާތެރިވުން މުހިންމެވެ. ފަސޭހައިން ލައިނަރ އަޅައިލާއިރު އެސްފިޔަތަކާ ކުރެހި ލައިނަރ އާއި ދެމެދު ގެޕެއް ހުރި ނަމަ އެކަން ވަރަށް ބޮޑަށް ފާހަގަ ވާނެއެވެ. އެހެން ކަމުން ލައިނަރ އަޅާއިރު އެސްފިޔަތަކާ ވީހާވެސް ކައިރިން ލައިނަރ އެޅޭތޯ މަސައްކަތް ކުރާށެވެ. އޭރުން އަސްލުވަންތަކަން ބޮޑުވާނެ އެވެ.
ލައިނަރ ގެ ޓިޕް އަށް ފަރުވާތެރިނުވުން
ރީތިކޮށް އަޅައިފައި ހުންނަ ލައިނަރ ތަކުގައި ނިމޭބައި ނުވަތަ ޓިޕް ހުންނާނީ ޝާޕްކޮށް ކްލީންކޮށް އަދި ކުޑަކޮށް މައްޗަށް އުފުލިފައެވެ. ލައިނަރ އަޅާއިރު ޓިޕް ރީތި ކުރުމަށް މަސައްކަތް ކުރުން މުހިންމެވެ. އެހެން ނޫން ނަމަ މޭޕަކްގެ ޕްރޮފެޝެނަލްކަމެއް ނުފެންނާނެއެވެ.
ލޯދަމައިގެން ލައިނަރ އެޅުން
ބައެއް މީހުން ލައިނަރ އަޅާއިރު ލޯ ދަމާލައިގެން އަޅައެވެ. ކުޑަކޮށް ލޯ ދަމައިލެވިދާނެއެވެ. ނަމަވެސް އެހާބޮޑަށް ލޯ ދަމައިގެން ލައިނަރ އަޅާކަމަށް ވާނަމަ ސީދާކޮށް ލައިނަރ އަޅަން އުނދަގޫ ވާނެ އެވެ. އަދި އެހާ ކްލީން ލުކްއެއް ނުފެންނާނެއެވެ.
ލޮލުގެ އެތެރެ ކައިރީގައި ލައިނަރ އެޅުން
މިގޮތަށް ލައިނަރ އަޅާނީ ވަރަށް ބޮޑެތި ލޯތަކުގައެވެ. ހާއްސަކޮށް ގަދަ ކުލައިގެން ލައިނަރއެއް ކުޑަލޮލެއްގެ އެތެރެ ކައިރީގައި އެޅުމުން ލޯ ކުޑަކަމަށް ދައްކާނެއެވެ. ހުދު ނުވަތަ ލައިޓް ކުލައެއް ލޮލުގެ އެތެރެ ކައިރީގައި އަޅަން ބައެއް އާޓިސްޓުން ލަފާދޭ އިރު އެންމެ ރަނގަޅު ގޮތަކީ އެއްވެސް ލައިނަރއެއް ލޮލުގެ އެތެރޭގައި ނޭޅުމެވެ.
މާގަދައަށް ލައިނަރ ބްލެންޑް ކުރުން
ބައެއް މީހުން ލައިނަރ ވަރަށް ގަދައަށް އަޅައި ބްލެންޑްކޮށް ހަދައެވެ. ކުޑަކޮށް ބްލެންޑް ކޮށްލުމުން ބައެއް މޭކަޕް ތަކާ ގުޅޭނެއެވެ. އަދި ރީތިވެސް ވާނެއެވެ. ނަމަވެސް މީގައިވެސް ހައްދެއް އޮންނަން ވާނެއެވެ. ބޮޑު ބްރަޝް އަކުން މާ ގަދައަށް ބްލެންޑް ކޮށްލައިފި ނަމަ ފެންނާނީ "ފެންޑާ އިފެކްޓް" އެވެ.