މޫނުގައި ބިހި ނެގުމާއި މޫނުގައި އެކި ކަހަލަ ލައްތައް ނެގުމަކީ މީހާގެ ކޮންފިޑެންސް އަށް ބޮޑު އަސަރެއް ކުރާ ކަމެކެވެ. އެއާއެކު ހަމުގެ ރައްކާތެރިކަމަށް އެކި މަސައްކަތް ކުރަން ބޭނުން ވެފައި ތިބޭ ގިނަ ބަޔަކު ތިބެއެވެ. މި ކިޔައިދެނީ ހަމުގެ ރައްކާތެރިކަމަށް ފެށި ދާނެ ގޮތެވެ.
މީހާގެ މޫނުގައި ބިހި ނެގުމާއި އެނޫން ވެސް އެކި ކަންތައްތަކަށް ވަކި ވަކީން މަސައްކަތް ކުރާ އެކި ކަހަލަ މާއްދާތައް ހުރެއެވެ. އެގޮތުން ހަމައެކަނި ބިހި ނަގާ ނަމަ ބެންޒިލް ޕެރޮކްސައިޑް ނުވަތަ އެޒެލެއިން އެސިޑް ބޭނުން ކުރުން ހިމެނެއެވެ. ނުވަތަ މޫނުގެ ކުލަ އަލިކޮށްލައި މުޅި މޫނުގެ ކުލަ އެއްވަރެއްގައި ބަހައްޓަން ބޭނުން ނަމަ ވިޓަމިންސީ ނުވަތަ ޓްރެނެކްސެމިކް އެސިޑް ބޭނުން ކުރެވިދާނެއެވެ.
ނަމަވެސް މި ހުރިހާ މައްސަލަތަކުގެ އިތުރުން މޫނުގެ ހަންގަނޑުގެ އެކި މައްސަލަތަކަށް އެންމެ ދިގު މުއްދަތަކަށް ހައްލެއް ބޭނުންވާނަމަ އެއަށް އޮތް އެންމެ ބޮޑު ހައްލަކީ ރެޓިނޯލް އެވެ.
ވިޓަމިން އޭ ނުވަތަ ރެޓިނޮއިޑް އަކީ ހަމުގެ އެކި މައްސަލަތަކަށް އޮތް އެންމެ ބޮޑު ހައްލެވެ. ރެޓިނޯލް އަކީ ރެޓިނޮއިޑްގެ އާއިލާއަށް ނިސްބަތްވާ ގޮފިތަކުން ބައެކެވެ. ރެޓިނޯލް އަކީ މި މާއްދާއަށް ވަނުމަށްޓަކައި ފަށައިގަތުމަށް އެންމެ ރަނގަޅު އެއް މާއްދާއެވެ.
ރެޓިނޮއިޑް އާއިލާގެ އެކި އެއްޗެހި ހިމެނެއެވެ. އޭގެ ތެރޭގައި، ރެޓިނޯލް އާއި ރެޓިނަލް އަދި ޓްރެޓްނޮއިންގެ އިތުރުން އެޑެޕަލިން ވެސް ހިމެނެއެވެ. މި ހުރިހާ އެއްޗެއްސަކީ އެކި ސްޕީޑުތަކުގައި މޫނުގެ ހަމަށް އެހީތެރިކަން ފޯރުކޮށްދޭ އެއްޗެއްސެވެ. އެެގޮތުން އެންމެ ފަސޭހައިން ލިބޭނެ އެއް މާއްދާއަކީ އެކި މިންވަރުގެ ރެޓިނޯލް އެވެ.
ރެޓިނޯލް އަކީ ސްކިންކެއާ ފިހާރަކުން ވެސް ލިބޭނެ އެއްޗެކެވެ. މިއީ ކުޑަ އެތިކޮޅަކުން މޫނުމަތީގައި ހާކާލައިގެން ފުއްދާލެވޭ އެއްޗެކެވެ. އާންމުކޮށް ރެޓިނޯލްގެ ތެރެއަށް ވަންނަ އިރު 0.5 ޕަސެންޓްގެ ބާރުމިނުގެ ރެޓިނޯލް އިން ފެށިދާނެއެވެ.
މި މާއްދާތައް މަސައްކަތް ކުރާ ގޮތަކީ އިންސާނާގެ މޫނުގެ ހަންގަނޑު އަމިއްލައަށް ރިޕެއާ ކުރާ ސެލްތަކުގެ ސްޕީޑު އަވަސްކޮށްދިނުމެވެ. އެއާއެކު ހަންގަނޑުގެ މަތީ ފަށަލަ ބަދަލު ކޮށްދީ އާ ފަށަލައެއް ގެނެސްދިނުމަށް އަވަސްކޮށްދެއެވެ.
ރެޓިނޯލް ބޭނުން ކުރާއިރަށް ވަގުތުން މީހާގެ ހަންގަނޑު ރަނގަޅެއް ނުވާނެއެވެ. މިއީ ދިގުމުއްދަތަށް ހަމުގެ ދުޅަހެޔޮކަން ވަރުގަދަކޮށް ރަނގަޅު ކޮށްދޭ ކަމެކެވެ. އެއާއެކު އެއް މަސް ނުވަތަ އަދި ތިން މަސް ވާއިރުވެސް އެއްވެސް ކަހަލަ ނަތީޖާއެއް ނުފެނިއްޖެ ނަމަ ހިތްވަރު އެލުވާ ނުލާށެވެ. ބައެއް ހާލަތްތަކުގައި ނަތީޖާތައް ފެނުމަށް ހަ ވަރަކަށް މަސް ވެސް ވެދާނެއެވެ.
ރެޓިނޯލް އިން އަސަރެއް ނުކޮށް ހަމަ އެއިން ގެއްލުން ލިބޭ ނަމަ ޓްރެޓްނޮއިން އަށް ބަދަލު ކޮށްލެވިދާނެއެވެ. މިއީ އާންމުކޮށް ޑޮކްޓަރުގެ ލިޔުމެއް ބޭނުންވާ އެއްޗެކެވެ. ނަމަވެސް ރާއްޖޭގެ ބޭސް ފިހާރަތަކުން، ބޭސް ސިޓީއަކާ ނުލައި މި ގަންނަން ލިބޭނެއެވެ.
ރެޓިނޯލް ބޭނުން ކުރާއިރު ކޮންމެހެން ވެސް މޮއިސްޗަރައިޒް ކުރަން ޖެހޭނެއެވެ. އެއާއެކު ރެޓިނޯލް ހޭކުމަށްފަހު ދެން މޮއިސްޗަރައިޒް ކުރުން ވަރަށް މުހިއްމެވެ. އަދި ރެޓިނޯލް ބޭނުން ކުރާނީ ރޭގަނޑު ނިދުމުގެ ކުރީންނެވެ. އެއީ ވިޓަމިން އޭ އަކީ އަތްވަށް ރިއެކްޓް ކުރާ އެއްޗަކަށް ވުމުން ދުވާލުގަޑީގައި އެއިން ހަންގަނޑު ކަހައި އުނދަގޫވުން ކަހަލަ ކަންތައް ވާނެތީއެވެ.