އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގައި ޓްރަމްޕް ތަގުރީރު ކުރެއްވުމާ ދެކޮޅު: މަޖިލީހުގެ ރައީސް

އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ ރައީސް ޖޯން ބާކޯ -- ފޮޓޯ: އޭއެފްޕީ

ލަންޑަން (ފެބްރުއަރީ 7): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގައި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރެއްވުމާ ދެކޮޅު ކަމަށް އިނގިރޭސި ގާނުނު ހަދާ މަޖިލީހުގެ ރައީސް ޖޯން ބާކޯ ވިދާޅުވެއްޖެ އެވެ.

ބާކޯ ވިދާޅުވި ގޮތުގައި އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރައްވަން ރައީސް ޓްރަމްޕަށް ފުރުސަތު ދީގެން ނުވާނެ ސަބަބަކީ އެމަޖިލީހަކީ ނަސްލީ އަދި ޖިންސީ ތަފާތު ކުރުމާ ދެކޮޅު އަދި ގާނޫނު ކުރިމަތީގައި ހަމަހަމަކަމަށް ތާއިދު ކުރާ މެމްބަރުން ތިބި މަޖިލީހަކަށްވާތީ އެވެ. އަދި އޭނާ ވަނީ ބައެއް ގައުމުތަކުގެ ރައްޔިތުން އެމެރިކާ އަށް ދިޔުން މަނާ ކުރި އަމުރަށް އިޝާރާތް ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.

"ހިޖުރަވެރިން އެމެރިކާ އަށް ދިޔުން މަނާ ކުރުމުގެ ކުރިން ވެސް، ޓްރަމްޕް އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރެއްވުމާ އަޅުގަނޑު ދެކޮޅު. އަދި މިހާރު އެއަމުރު ކުރެއްވުމުން އޭނާ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރެއްވުމާ އަޅުގަނޑު އިތުރަށް ދެކޮޅު،" ބާކޯ ވިދާޅުވި އެވެ.

ބާކޯ އެފަދައިން ވިދާޅުވުމާ އެކު ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުން ވަނީ އެބަސްފުޅަށް ތާއިދު ކުރައްވާފަ އެވެ.

މީގެ އިތުރުން ބާކޯ ވިދާޅުވި ގޮތުގައި ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރެއްވުމަކީ ވަކި މަގާމަކާ އެކު ލިބޭ ހައްގެއް ނޫނެވެ. ނަމަވެސް އެއީ މަސައްކަތްކޮށްގެން ހާސިލު ކުރަން ޖެހޭ ޝަރަފެކެވެ.

އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ މިދިޔަ ހަފްތާ ތެރޭގައި އެމެރިކާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު އެކަމަނާ ވަނީ އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ރައީސް ޓްރަމްޕަށް ދައުވަތު އަރުވާފަ އެވެ. ޓްރަމްޕް އިނގިރޭސިވިލާތަށް ވަޑައިގަންނަވާނެ ދުވަހެއް އަދި ކަނޑައަޅާފައި ނުވި ނަމަވެސް އޭނާ އިނގިރޭސިވިލާތަށް ވަނުން މަނާކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި ގާތްގަނޑަކަށް ދެ މިލިޔަން މީހުން ވަނީ ސޮއިކޮށްފި އެވެ. (އިންޑިޕެންޑެންޓް)

comment ކޮމެންޓް