ކޮރަޕްޝަންގެ ދައުވާ އަށް އައްޑޫ ސިޓީގެ މޭޔަރު އިންކާރު ކުރައްވައިފި

އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު: އޭނާ ވަނީ ދައުލަތުން އުފުލި ކޮރަޕްޝަންގެ ދައުވާ އަށް އިންކާރު ކުރައްވާފައި ---- ސަން ފައިލް ފޮޓޯ

އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު ހަސަން ޝާހިދުގެ މައްޗަށް ދައުލަތުން އުފުލި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ދައުވާ އަށް އެ ދެ ބޭފުޅުން އިންކާރު ކުރައްވައިފިއެވެ.

އެ ދެ ބޭފުޅުން އެ ދައުވާ އަށް އިންކާރު ކުރެއްވީ މިއަދު މެންދުރުފަހު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ.

ޝަރީއަތުގެ މަޖިލީހަށްފަހު ސޯބެ ސަން އަށް ވިދާޅުވީ ގާނޫނީ ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު ބޭނުންވާ ކަމަށް ދެންނެވުމުން 14 ދުވަހުގެ ފުރުސަތެއް ކޯޓުން ދީފައިވާ ކަމަށެވެ.

ސޯބެ އާއި ޝާހިދުގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ އައްޑޫ ސިޓީގައި ބޭއްވި 17 ވަނަ ސާކް ސަމިޓަށް އެ ސިޓީގެ އިކުއިޓޯރިއަކް ކޮންވެންޝަން ސެންޓަރުގައި ކުރެހުންތަކެއް ބަހައްޓަން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ބަޔަކާ ހަވާލުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ.

އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 2011 ވަނަ އަހަރުގެ އޯގަސްޓު މަހުން ފެށިގެން އެ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް އައްޑޫ ސިޓީ ކައުންސިލުން ކުރަން ޖެހޭ ހުރިހާ ޑިޒައިން އާއި އާޓް ވޯކްގެ މަސައްކަތްތައް ކުރުމަށް މަހަކު 15،000 ރުފިޔާއަށް ކުންފުންޏަކާ އެކު އެއްބަސްވެފައިވާ ކަމަށެވެ.

ނަމަވެސް ކޮންވެންޝަން ސެންޓަރުގެ ކޮންކްރީޓް ރީފިލް މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ އިއުލާނު ކުރުމެއް ނެތި ކަމަށާއި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މޭޔަރުކަން އެނގެން އޮންނަ ކަމަށް އޭސީސީ އިން ބުންޏެވެ.

އޭސީސީ އިން ބުނީ އެއްބަސްވުމުގައި 84 ރިފިލް އާޓް އަދި 20 ސިއްކަ ހެދުމަށް ނަމަވެސް، އެ އަދަދަށްވުރެ 64 ރީފިލް އާޓްގެ މަސައްކަތް ކުރުމަށްފަހު، އެ މަސައްކަތަށް 336،000 ރުފިޔާ ބިލްކުރުމުން ކައުންސިލުން ދެ ފަހަރެއްގެ މަތިން ފައިސާ ދޫކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން ޕޭމަންޓު ވައުޗާ ދޫކޮށްފައި ވަނީ އިންސްޕެކްޝަން އެއް ހަދައިގެން ނަމަވެސް އެ އިންސްޕެކްޝަން ހަދާފައި ވަނީ ސާކް ސަމިޓު ނިމުނު ފަހުން ގާތްގަނޑަކަށް ތިން މަސް ދުވަސް ފަހުން ކަމަށް ވާތީ، ކަނޑައެޅިފައިވާ ދުވަހަށް މަސައްކަތް ނިމުނުކަންވެސް ކަށަވަރު ނުވާކަމަށް އޭސީސީ އިން ނެރުނު ބަޔާނުގައި ވެއެވެ.

އަދި އެ މަސައްކަތް ހަވާލުކުރުމަށް އެ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުން ހަދާފައި ވަނީވެސް މޭޔަރުގެ އެންގުމަށްކަން ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށް އޭސީސީގެ ބަޔާނުގައި ވެއެވެ.

comment ކޮމެންޓް