ވީއޭއެމްގެ ރައީސްކަމުގެ މަގާމު ހުސްވެއްޖެ!

ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް: ޔޫތު ސްޕޯޓްސް ކްލަބުގެ މެންބަރުކަމުން ލަތީފް ވަކިކުރުމާ ގުޅިގެން އޭނާއަށް މަގާމު ގެއްލިފައިވާކަމަށް އެކްލަބުން ބުނޭ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޔޫތު ސްޕޯޓްސް ކްލަބުގެ މެންބަރުކަމުން މުހައްމަދު ލަތީފް ވަކިކުރުމާ ގުޅިގެން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސްކަމުގެ މަގާމު ހުސްވެފައިވާ ކަމަށް އެކްލަބުން ބުނެފި އެވެ.

މިމަހުގެ ދެވަނަ ދުވަހު ބޭއްވި ޔޫތު ސްޕޯޓްސް ކްލަބުގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި އެކްލަބުގެ މެންބަރުކަމުން ވީއޭއެމްގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ލަތީފް ވަނީ ވަކިކޮށްފަ އެވެ. މީގެ ހަތަރު މަސްކުރިން ބޭއްވި ވީއޭއެމްގެ ރައީސް ކަމަށް އިންތިހާބުކުރި ލަތީފް، އެ އިންތިހާބުގައި ވާދަކޮށްފައި ވަނީ ޔޫތު ސްޕޯޓްސް ކްލަބުގެ މެންބަރެއްގެ ގޮތުގަ އެވެ.

ޔޫތު ސްޕޯޓްސް އިން ވަނީ އެ ކްލަބުގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި ލަތީފް ވަކިކުރިކަން އަންގައި ހޯމް މިނިސްޓްރީ އާއި ވީއޭއެމްއަށް ސިޓީއެއް ފޮނުވި އިރު، އެކަމާ ގުޅިގެން ލަތީފްއަށް ވީއޭއެމްގެ ރައީސްކަމުގެ މަގާމު ވެސް ގެއްލިގެންދާނެ ކަމަށް ވެސް އެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

ޔޫތު ސްޕޯޓްސްގެ އެ ސިޓީގައި ލަތީފްއަށް ވީއޭއެމްގެ ރައީސްކަމުގެ މަގާމު ގެއްލޭނެ ކަމަށް ބުނެފައި ވަނީ ވީއޭއެމް އަސާސީ ގަވާއިދުގެ 23 ވަނަ މާއްދާގެ (ށ)ގެ ފަސް ވަނަ ނަންބަރާ ހަވާލާދީ އެވެ. އެ މާއްދާގައި ބުނާ ގޮތުން، ވީއޭއެމްގެ ހިންގާ ކޮމިޓީއަށް އިންތިހާބުކޮށްފައިވާ މެންބަރަކު އޭނާ ރަޖިސްޓަރީވެފައިވާ ކްލަބު، ޖަމިއްޔާ ނުވަތަ ޖަމާއަތެއްގެ މެންބަރުކަމުން ވަކިކޮށްފި ނަމަ ނުވަތަ އިސްތިއުފާދީފި ނަމަ ހިންގާ ކޮމިޓީގެ މަގާމު ގެއްލޭނެ އެވެ.

އެކަމާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ވީއޭއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލަތީފް ވަނީ ޖަވާބުދާރީވެފަ އެވެ. ލަތީފް އޭރު ވިދާޅުވީ، ޔޫތު ސްޕޯޓްސް ކްލަބުން ވަކިކުރިކަމުގައި ވިޔަސް އޭނާއަކީ އެހެން ކްލަބުތަކުގެ މެންބަރެއް ކަމަށެވެ.

ހޯމް މިނިސްޓްރީ އަދި ވީއޭއެމްއަށް ޔޫތު ސްޕޯޓްސްއިން ފޮނުވި ސިޓީގައި ސޮއިކޮށްފައި ވަނީ އެކްލަބުގެ ރައީސް އަލީ އިޔާޒްއެވެ. އިޔާޒްއަކީ ވީއޭއެމްގެ ހިންގާ ކޮމިޓީގައި ކުރިން ހިމެނުނު މެންބަރެކެވެ. އިޔާޒް އިސްތިއުފާގެ ސިޓީއެއް ފޮނުވުމުން އޭނާއަށް މަގާމު ގެއްލިފައިވާ ކަމަށް ލަތީފް ވިދާޅުވާ އިރު، އެ ސިޓީއަކީ އިޔާޒް ލިޔެފައިވާ ސިޓީއެއް ނޫން ކަމަށް އިޔާޒް ވިދާޅުވެ އެވެ.

comment ކޮމެންޓް