މައުތު ވޮޝް ނުވަތަ އަނގަ ދޮންނަން ޚާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ދިޔާ ބޭސް، އަކީ އަނގައިން ނުބައިވަސް ދުވުމާއި އަނގަ ސާފުކުރުމަށް ބޭނުން ކުރާ އެއްޗެކެވެ. އޭގައި އެންޓިސެޕްޓިކް އާއި އެންޓިފަންގަލް މާއްދާ ހިމެނޭއިރު އަނގަދޮވުމުގެ އިތުރުން ވެސް މައުތު ވޮޝްއިން ހިފޭ ގިނަ ބޭނުންތަކެއް ހުރެއެވެ.
ވަސް ނައްތައިލުން
މައުތު ވޮޝްއަކީ ކޮންމެ ކަހަލަ ވަހެއް ވެސް ނައްތައިލަން އެހީވެދޭ އެއްޗެކެވެ. އެގޮތުން ފިޔާ، ލޮނުމެދު ނުވަތަ މަހުގެ ބާވަތްތައް ބޭނުން ކުރުމަށް ފަހު އަތުން ވަސްކަނޑުވައިލަން ބޭނުން ނަމަ މައުތުވޮޝް އަތުގައި ހާކައިލެވިދާނެއެވެ. ފައި ތިލައިން ނުބައިވަސް ދުވާނަމަ ފެންވެރުމަށްފަހު ފޮތިކޮޅެއް ނުވަތަ ކުޑަ ތުވާއްޔަކަށް މައުތު ވޮޝް އެޅުމަށްފަހު ފައިގެ ދަށްފުށް މަސާޖްކޮށްލެވިދާނެ އެވެ. ކުނިކޮތަޅުން ނުބައިވަސް ދުވިޔަނުދީ ހިފެހެއްޓުމަށް ކަފަކޮޅަކަށް ނުވަތަ ޓިޝޫ އަކަށް މައުތު ވޮޝް އެޅުމަށްފަހު ކުނިކޮތަޅު ތެރެއަށް ލުމުން ކުނިވަސް ކަނޑުވައިދޭނެ އެވެ.
އަތާއި ފައިގެ ނިޔަފަތިން ފަންގަސް ނައްތައިލުމަށް އެހީއެއް
މައުތު ވޮޝް އާއި ވިނެގަރ އެއްވަރަކަށް ތަށްޓަކަށް އެޅުމަށް ފަހު ކަފަކޮޅަކުން ދުވާލަކު ދެތިން ފަހަރު އަތާއި ފައިގެ ނިޔަފަތި ތަކުގައި ހާކައިލާށެވެ. މިގޮތަށް ތަކުރާރު ކުރުމުން ހަފްތާއެއްތެރޭގައި ތަފާތު ފެނިގެންދާނެއެވެ.
ބޮލުން ހަންފޮޅުމުން ރައްކާކޮށްދޭ
މައުތު ވޮޝްގައި ހިމެނޭ އެންޓިފަންގަލް މާއްދާ އަކީ ބޮލުން ހަންފޮޅުމުން ސަލާމަށްވުމަށް އޮތް ރަނގަޅު ފަރުވާއެކެވެ. ފެންވެރުމުގެ ކުރީން މައުތު ވޮޝް އާއި ފެން އެއްވަރަކަށް ތައްޓެއްގައި އެއްކޮށްލާށެވެ. ޝޭމްޕޫއިން ބޯދޮވުމަށްފަހު ތައްޔާރުކުރި މިކްސް ބޭނުންކޮށްގެން ބޮލުގެ ތަލައިގައި މަސާޖް ކޮށްލުމަށްފަހު ކުޑަ އިރުކޮޅަކު ބަހައްޓާލާފައި ބޯ ދޮވެލާށެވެ.
މަދިރި ހަފާފައި ހުންނަ ތަންތަނަށް ފަރުވާއެއް
ގައިގައި މަދިރި ހެފުމުން ތަންތަންގަނޑު ރަތްވެ ކަހައި ހިރުވާގޮތް ދިމާވެއެވެ. މިކަމަށް ހައްލެއްގެ ގޮތުގައި ކަފަކޮޅެއްގައި މައުތު ވޮޝް ހޭކުމަށްފަހު މަދިރި ހަފާފައި ހުރި ތަނުގައި ހާކައިލާށެވެ.
ފޭޝަލް ޓޯނަރެއްގެ ގޮތުގައި ބޭނުން ކުރުން
ފޭޝަލް ޓޯނަރ ހުސްވެފައިވާނަމަ މައުތު ވޮޝް އޭގެ ބަދަލުގައި ބޭނުން ކުރެވިދާނެއެވެ. މިއީ ހަމައެކަނި މޫނުގައި ހުރި އިތުރުވެފައިވާ މޭކަޕްތައް ފޮހެލުމުގެ އިތުރުން މޫނުގައި ހުރި ކިލާތަކާއި އަދި މޫނުން ބިހިނެގުން ހުއްޓުވުމަށް ވެސް ފަރުވާ އަކަށް ވެއެވެ. ކަފަކޮޅަކަށް މައުތު ވޮޝް އެޅުމަށްފަހު މޫނުގައި ހާކައިލާށެވެ. މޫނުގެ ހަމަކީ ނާޒުކު ހަމެއްނަމަ މިކަން ކުރުން އެހާ ރަނގަޅެއް ނުވާނެއެވެ.
އިންފެކްޝަން ތަކުން ދުރުކޮށްދީ ގައިގައި ފާރުވެފައިވާ ތަންތަނަށް ފަރުވާއެއް
ކަންފަތް ތޮރުފުމަކީ ދިވެހީންގެ މެދުގައި އާންމު ކަމެކެވެ. ތޮރުފުމުން ބައެއްމީހުންގެ ކަންފަތް އިންފެކްޓް ވެއެވެ. މައުތު ވޮޝް އަކީ ހަންގަނޑު ފެސޭހައިން ފަސޭހަކޮށްދޭ އަދި އިންފެކްޝަނުން ރައްކާތެރި ކޮށްދޭ އެއްޗެކެވެ.
ޑިއޯޑްރަންޓެއްގޮތުގައި ބޭނުން ކުރެވޭ
ގައިން ނުބައި ވަސް ދުވާކަމަށްވާނަމަ ޑިއޯޑްރަންޓެއްގެ ބަދަލުގައި މައުތު ވޮޝް ކަފަކޮޅަކަށް އެޅުމަށްފަހު ކިހިލިފަތްދޮށުގައި ހާކައިލެވިދާނެއެވެ.
ބޮލުގައި އުކުނު އެޅުމުން ދުރުކޮށްދޭ
ބޮލުގައި އުކުނު ހުންނަ މީހުނަށް މިއީ އުފާވެރި ޚަބަރެކެވެ. މައުތު ވޮޝްއަކީ އުކުނު މަރައިލަދޭ އެއްޗެކެވެ. މައުތު ވޮޝްއިން ބޯ ތެއްމައިލުމަށްފަހު ޝަވަރ ކެޕެއް އަޅައިލާށެވެ. 15 ނުވަތަ 20 މިނެޓު މަޑުކޮށްލުމަށްފަހު ބޯ ދޮވެލާށެވެ.
ފައި ރިލެކްސް ކޮށްދޭ
ފައި ވަރުބަލިވެފައި ވާނަމަ މައުތު ވޮޝް އަކީ އެއަށް އޮތް ފަރުވާއެކެވެ. ފައިލެވޭވަރުގެ ތަށްޓަކަށް ތާފަނާ ފެން އެޅުމަށްފަހު ދޭއް ނުވަތަ ތިން މަތިގަނޑު މައުތު ވޮޝް ފެނާ އެއްކޮށްލާށެވެ. އަދި އޭގެ ތެރެއަށް ފައި ލުމަށްފަހު 15 މިނިޓް މަޑުކޮށްލާށެވެ.
އެކި ވައްތަރުގެ ފުޅި އަދި ބިއްލޫރި ސާފުކުރުމަށް
ފުޅިތަކުގެ އެތެރެ ސާފުކޮށް ވަސްކެނޑުވުން އެއީ ފަސޭހަ ކަމެއް ނޫނެވެ. މި ކަމަށް ވެސް މައުތު ވޮޝް ބޭނުން ކުރެވިދާނެ އެވެ. ފުޅީގެ ތިންބައިކުޅަ އެއްބަޔަށް ފެން އެޅުމަށް ފަހު ބާކީ ހުރި ތަނަށް މައުތު ވޮޝް އަޅައި ރޭގަނޑު އެއްކޮށް ބަހައްޓާފައި ހެނދުނު ދޮވެލާށެވެ.
ބިއްލޫރި ސާފު ކޮށްލުމުގެ ގޮތުން މައުތު ވޮޝް ބިއްލޫރިގަނޑުގައި ހާކައިލުމަށްފަހު މަޑު ފޮތިކޮޅަކުން ބިއްލޫރިގަނޑު ފުހެލާށެވެ.
ދަތްއުނގުޅާ ބުރުސް ސާފުކުރުމަށް
މައުތު ވޮޝްގައި އެންޓިސެޕްޓިކް މާއްދާ ހިމެނޭތީ ދައްއުނގުޅާ ބުރުސް އޭގެން ފަސޭހައިން ސާފުކޮށްލަދެއެވެ. މައުތު ވޮޝް އަޅާފައި ހުރި ތަށްޓެއްގެ ތެރެއަށް ދަތްއުނގުޅާ ބުރުސް ލުމަށްފަހު އިރުކޮޅެއްވަންދެން (ބޮޑަށް ރަނގަޅީ ރޭގަނޑު އެއްކޮށް) ބެހެއްޓުމަށް ފަހު ހޫނު ފެނުން ބުރުސް ދޮވެލާށެވެ.
ފާހާނާ ސާފުކުރުމަށް
ފާހާނާގެ ތަށިމުށިތައް ސާފުކޮށްލަން ބޭނުން ނަމަ އެއް ޖޯޑު ފެނަށް ބައި ޖޯޑު މައުތު ވޮޝް އަޅައިލުމަށްފަހު ސާފުކޮށްލާށެވެ. ފާހާނާ ތަށިން ވަސް ކަނޑުވައިލުމަށާއި ޖަރާސީމު ނައްތައިލުމަށް ބައިޖޯޑު މައުތު ވޮޝް ފާހާނާ ތައްޓަށް އެޅުމަށްފަހު އެއްގަޑިއިރު ބަހައްޓާލާށެވެ. އަދި އެއަށްފަހު ފާހާނާ ދޮންނަ ބުރުހަކުން ތަށި ސާފުކޮށްލާށެވެ.
މަދިރިން ރައްކާތެރިވުމަށް
މަދިރިއަށް މެންތޯލްގެ ވަހަކީ މާ ކަމުދާ ވަހަކަށް ނުވެއެވެ. އެހެންކަމުން މައުތު ވޮޝް ގޭތެރެއަށް ސްޕްރޭ ކޮށްލުމުން މަދިރިތައް ދުރަށް ހިނގައިދާނެ އެވެ.
މާތައް ފްރެޝްކޮށް ބެހެއްޓުމަށް
މާތައް ފެނަށް ލާއިރު ކޮންމެ ބައި ލީޓަރު ފެނަށް ތިން މަތިގަނޑު މައުތު ވޮޝް އަޅައިލާށެވެ. މީގެން މާތައް ގިނަދުވަސްވަންދެން ފްރެޝްކޮށް ރީތިކޮށް ބަހައްޓަން އެހީއަކަށް ވެގެންދެއެވެ.