ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި އެމްޑީޕީން ބައިވެރި ނުވާން ނިންމައިފި

މިދޔަ އަހަރު ރިޔާސީ ބަޔާން ދެއްވުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާއަށް ރައީސް ޔާމީން ވަޑައިގަންނަވަނީ -- ފައިލް ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި އިދިކޮޅު ޕާޓީ، އެމްޑީޕީން ބައިވެރި ނުވާން ނިންމައިފި އެވެ.

އެމްޑީޕީގެ ސްޕޯކްސް ޕާސަން އަދި މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އިމްތިޔާޒު ފަހުމީ 'ސަން' އަށް ވިދާޅުވީ، މާދަމާ ބާއްވާ ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި އެމްޑީޕީން ބައިވެރި ނުވާން ޕީޖީ ބައްދަލުވުމުގައި ނިންމަވާފައިވާ ކަމަށެވެ.

އިމްތިޔާޒު ވިދާޅުވިީ އެ ޖަލްސާގައި ބައިވެރި ނުވާން ނިންމީ، ރައީސް ޔާމީން ގާނޫނު އަސާސީއާ ހިލާފަށް ހިންގަވާ އަމަލުތަކާއި ކަންކަން، ބަދަލުކޮށްގެން ދައްކާ ވާހަކަތައް އަޑު އަހަން ބޭނުން ނުވާތީ ކަމަށެވެ.

އިމްތިޔާޒު ވިދާޅުވީ އެ ޖަލްސާގައި އެމްޑީޕީގެ އެއްވެސް މެމްބަރެއް ބައިވެރި ނުވާނެ ކަމަށެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ބޭއްވުމަށް ހަމަޖައްސާފައި ވަނީ ދަރުބާރު ގޭގަ އެވެ.

ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބުނެފައި ވަނީ ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ، އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އިއްވަން ވާނެ ކަމަށެވެ.

comment ކޮމެންޓް