މެމްބަރު ނަޝީދު ދުއްވި ކާރެއް އެކްސިޑެންޓުވެ މީހެއްގެ ފައި ބިނދިއްޖެ

ނަޝީދު ދުއްވި ކާރު އެކްސިޑެންޓު ވެފައި---

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ދުއްވި ކާރެއް އެކްސިޑެންޓުވެ މީހެއްގެ ފައި ބިނދިއްޖެ އެވެ.

އެ އެކްސިޑެންޓު ހިނގާފައި ވަނީ މިއަދު ހެނދުނު ހދ. ކުޅުދުއްފުށީ، އަމީނީމަގުގައި ހުންނަ ހަސަނާތު މިސްކިތް ކައިރީގަ އެވެ. އެ އެކްސިޑެންޓު ހިނގީ ނަޝީދު ދުއްވި ކާރުގައި ސައިކަލެއް ޖެހިގެންނެވެ. އެކްސިޑެންޓުގައި ފައި ބިންދައިގެން ދިޔައީ ސައިކަލު ދުއްވަން އިން މީހާގެ އެވެ.

އެކްސިޑެންޓާ ގުޅިގެން މެމްބަރު ނަޝީދު "ސަން"އަށް މިއަދު ވިދާޅުވީ، އޭނާ ދުއްވި ކާރެއް ސައިކަލެއްގައި ޖެހި އެކްސިޑެންޓުވެ، ސައިކަލު ދުއްވި މީހާގެ ފައި ބިނދިފައިވާ ކަމަށެވެ.

ނަޝީދު ވިިދާޅުވީ، ފައި ބިންދައިގެން ދިޔަ މީހާއަށް އިތުރު ފަރުވާއަށް ދިނުމަށް މާލެ ގެންނަން ނިންމާފައިވާ ކަމަށެވެ. ނަޝީދުގެ ހަރަދުގައި އެ މީހާ މާލެ ގައުމަށްޓަކާ މިއަދު އިރުއޮއްސި 6:30ގައި ކުޅުދުއްފުށިން ފުރާނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް 'ސަން' އަށް ވިދާޅުވީ، މިއަދު ހެނދުނު 10:45ގައި ކުޅުދުއްފުށީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ފަރުވާދެމުން ގެންދާ ކަމަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ފާތިމަތު ހަސަން 'ސަން' އަށް ވިދާޅުވީ، އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ހޮސްޕިޓަލުން ދެވެން ހުރި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް