އިރާނުން އެމެރިކާ ޑޮލަރު ބޭނުންކުރުން ހުއްޓަލަނީ

އިރާނުގެ ކަރަންސީ އިރާނިއަން ރިޔާލް، އަދި އެމެރިކާ ޑޮލަރުތަކެއް -- ފޮޓޯ/ ގެތީ

ބައިނަލްއަގުވާމީ ވިޔަފާރީގައި އެންމެ ގިނައިން ބޭނުންކުރާ އެމެރިކާ ޑޮލަރު ބޭނުންކުރުން ހުއްޓާލަން އިރާނުން ނިންމައިފިއެވެ.

އިރާނުން މި ނިންމުން ނިންމީ، އެމެރިކާއިން އިރާނު ހިމެނޭ ގޮތަށް، އިސްލާމީ ހަތް ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާކުރުމުންނެވެ.

އެ މައްސަލައިގައި، އިރާނަށް އެމެރިކާ މީހުން ވަނުން މަނާކުރަން ވެސް އިރާނުން މިދިޔަ ހަފްތާގައި ނިންމިއެވެ.

ްއިރާނުން އެމެރިކާ ޑޮލަރު ބޭނުންކުރުން ހުއްޓާލަން ނިންމީ މިއަދުއެވެ. އެގައުމުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ވަލީއުﷲ ސައިފް މިއަދު ވިދާޅުވީ ބައިނަލްއަގުވާމީ ވިޔަފާރީގެ މުއާމަލާތްތައް ކުރުމަށް އެމެރިކާ ޑޮލަރު ނޫން އެހެން ހާޑް ކަރަންސީއެއް ހޯދާނެ ކަމަށެވެ.

ހާޑް ކަރަންސީއަކީ ދުނިޔޭގައި އެންމެ ރަނގަޅު އިގްތިސާދުތަކުގައި ބޭނުންކުރާ، އަދި ފައިސާގެ އަގު އެއްހަމައެއްގައި ހިފެހެއްޓޭނެކަމުގެ ޔަގީންކަން އޮވެ، އެ ފައިސާއެއް ބައިނަލްއަގުވާމީ ވިޔަފަރީގައި ބޭނުންކުރާ ފައިސާތަކެވެ. އޭގެ ތެރޭގައި ހިމެނެނީ އެމެރިކާ ޑޮލަރު، އިނގިރޭސި ޕައުންޑް، ޔޫރޯ އަދި ޖަޕާނުގެ ޔެންއެވެ.

ނަމަވެސް އިރާނުގެ ސެންޓްރަލް ބޭންކުން ދެން ނަގާނީ ކޮން ކަރަންސީއެއް ކަމެއް ނޭނގެއެވެ.

އިރާނުން އެންމެ ގިނައިން އެކްސްޕޯޓު ކުރަނީ ތެލެވެ. ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ ވިޔަފާރިތައް ކޮށް، ތެލުގެ އަގު ކަނޑައަޅަނީ ޑޮލަރުންނެވެ. އިރާނުން ޑޮލަރު ބޭނުންކުރުން ހުއްޓާލައި އެހެން ކަރަންސީއަކުން ވިޔަފާރިކުރަން ފަށައިފި ނަމަ، އިރާނުން ތެލުގެ ވިޔަފާރިން ހޯދާ އާމްދަނީއަށް އަސަރު ކުރާނެކަމަށް ބެލެވެއެވެ.

comment ކޮމެންޓް