ފިނޭންސް އަދި ފޮރިން މިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީން ހޯދަނީ

ފިނޭންސް މިނިސްޓްރީގެ އިމާރާތް ---

ސަރުކާރުގެ ދެ ވުޒާރާއެއްގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް މީހުން ހޯދުމަށް ސިވިލް ސާވިސް ކޮމިޝަނުން އިއުލާން ކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ވަކިވަކިން އިއްޔެ އިއުލާންކުރީ ފިނޭންސް މިނިސްޓްރީއާއި ފޮރިން މިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީން ހޯދުމަށެވެ.

ސިވިލް ސާވިސް ކޮމިޝަނުންބުނީ އެ ކޮމިޝަނުން އެކުލަވާލާ އުސޫލެއްގެ ދަށުން، އެ މަގާމަށް ހޮވޭ ފަރާތްތައް، މަގާމުގެ މުއްދަތުގައި އެއް އޮފީހުން އަނެއް އޮފީހަށް ދައުރުކުރުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބޭ ކަމަށެވެ.

ޕީއެސްގެ މަގާމަށް ކުރިމަތިލެވޭނީ މެނޭޖްމެންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ ޔޫތު މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ދާއިރާއަކުން ގައުމީ ސަނަދު އޮނިގަނޑުން ދަށްވެގެން ލެވެލް ހަތެއްގެ ސަނަދެއް ހާސިލުކޮށްފައިވާ، ނުވަތަ ސަރުކާރު، ޕަބްލިކް ޕްރައިވެޓް ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގުވާމީ ފެންވަރުގެ ޖަމިއްޔާއެއް ހިންގުމުގެ ދާއިރާގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ކަމަށް އިއުލާނުގައި ވެއެވެ.

ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގެ މުސާރައިގެ ގޮތުގައި މަހަކު 20،500 ރުފިޔާ ހަމަޖެހިފައިވާ އިރު، ލިވިންގް އެލަވަންސްއަށް ލިބޭ 15،000 ރުފިޔާއާ އެކު ޖުމްލަ 35،500 ރުފިޔާ ލިބޭނެއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނީ ޕީއެސްގެ މަގާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން ފެބްރުއަރީ 16 ވާ ދުވަހުގެ 14:00 ގެ ކުރިން އެ ކޮމިޝަނަށް އެޕްލިކޭޝަން ފޯމާއި، ހުށަހަޅަން ޖެހޭ ހުރިހާ ލިޔުމެއް ހުށަހަޅަން އެދޭ ކަމަށެވެ.

ޝަރުތު ހަމަވާ ފަރާތްތައް އިމްތިހާނު ކުރުމާއި، އިންޓަވިއު ކުރުމާއި އެފަރާތްތަކުގެ ޕްރެޒެންޓޭޝަން ހުށަހެޅުން، 2017 ފެބްރުއަރީ 26 އިން މާޗު 16 އަށް މާލޭގައި ިއޮންނާނެ ކަމަށް ވެސް ސިވިލް ސާވިސް ކޮމިޝަނުން ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުން ސިވިލް ސާވިސް ގާނޫނަށް މިދިޔަ އަހަރުގެ ތެރޭގައި ވަނީ، ޕާމަނަންޓް ސެކްރެޓެރީން އައްޔަނު ކުރާ އިރު އެ މިނިސްޓްރީއެއްގެ މިނިސްޓަރުގެ ލަފާ ހޯދަންޖެހޭނެ ކަމަށް ބުނާ އިސްލާހެއް ގެނެސްފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މި އިސްލާހު ތަސްދީގު ވެސް ކުރައްވައިފައެވެ.

އެ އިސްލާހުގައި ބުނެފައި ވަނީ ޕާމަނަންޓް ސެކެޓްރީގެ ޒިންމާއަކީ އޭނާ ވަޒީފާ އަދާކުރާ މިނިސްޓްރީގެ މިނިސްޓަރުގެ ދަށުން މިނިސްޓަރުގެ ލަފަ އާއި އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތީން އެ މިނިސްޓްރީއެއް ހިންގާ ބެލެހެއްޓުމާއި އެ މިނިސްޓްރީއެއްގެ މަސައްކަތްތަކާ ގުޅޭ ގޮތުން މިނިސްޓަރަށް، މިނިސްޓަރު ބޭނުންވެއްޖެ ހިނދެއްގައި ލަފާދީ އެހީތެރިވެދިނުން ކަމަށެވެ.

comment ކޮމެންޓް