ދެވަނަ އިންޓަ އޮފީސް ހޭންޑްބޯލް މުބާރާތް ފަށައިފި

އިންޓަ އޮފީސް ހޭންޑްބޯލް މުބާރާތުގެ ތެރެއިން --- ފޮޓޯ/ ހޭންޑްބޯލް މޯލްޑިވްސް

ހޭންޑްބޯލް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ދެވަނަ އިންޓަ އޮފީސް ހޭންޑްބޯލް މުބާރާތް ފަށައިފިއެވެ.

ޓްރެފިކް ޕޮލިސް ކުރިމަތީ އޮންނަ މާފަންނު ސްޓޭޑިއަމް ވެލިދަނޑުގައި ކުރިއަށްގެންދާ އިންޓަ އޮފީސް ހޭންޑްބޯލް މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު އިއްޔެ ހަވީރު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އާދަމްއެވެ.

މުބާރާތް ފެށިގެންދިޔައީ އިއްޔެ ކުޅުނު ހާއްސަ މެޗަކާއެކުއެވެ. އެ މެޗުގައި ބައްދަލުކުރީ ހޭންޑްބޯލް މޯލްޑިވްސްއިން ހޮވާލެވުނު 21 އަހަރުންދަށުގެ ޓީމަކާއި މޯލްޑިވްސް ޑެފް އެސޯސިއޭޝަންގެ ޓީމެކެވެ.

އިންޓަ އޮފީސް ހޭންޑްބޯލް މުބާރާތުގެ ތެރެއިން --- ފޮޓޯ/ ހޭންޑްބޯލް މޯލްޑިވްސް

އެ މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ކުޅުނީ އަންހެން ޑިވިޝަންގެ މެޗެކެވެ. އެ މެޗުގައި ބައްދަލުކުރީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އާއި މޯލްޑިވް ގޭސްއެވެ. އެ މެޗު 19-3 ލަނޑުން ކާމިޔާބުކުރީ ޔޫތު މިނިސްޓްރީގެ ޓީމެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޔޫތު މިނިސްޓްރީ އަދި އެފްއޭއެމް ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ އައިޝަތު ނާޒިމާއެވެ.

މުބާރާތުގައި ރޭ ވެސް މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. ނަމަވެސް ވިއްސާރައިގެ ސަބަބުން ރޭ ކުޅުމަށް ހަމަޖެހުނު މެޗުތައް ވަނީ ފަސްކޮށްފައެވެ.

އިއްޔެއިން ފެށިގެން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގެ އަންހެން ޑިވިޝަންގައި އަށް ޓީމެއް ބައިވެރިވިއިރު، ފިރިހެން ޑިވިޝަންގައި ބައިވެރިވެފައިވަނީ ހަތަރު ޓީމެވެ. ފިރިހެން ޑިވިޝަންގައި ވާދަކުރާ ހަތަރު ޓީމަކީ މޯލްޑިވްގޭސްއާއި، ސްޓެލްކޯއާއި، ޕޮލިސް ކްލަބު އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެވެ.

އިންޓަ އޮފީސް ހޭންޑްބޯލް މުބާރާތުގެ ތެރެއިން --- ފޮޓޯ/ ހޭންޑްބޯލް މޯލްޑިވްސް

އަންހެން ޑިވިޝަންގެ ގްރޫޕް 'އޭ'ގައި ހިމެނެނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއާއި، މޯލްޑިވްގޭސްއާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަދި މިނިސްޓްރީ އޮފް ޓޫރިޒަމެވެ. ގްރޫޕް 'ބީ'ގައި ހިމެނެނީ ޕޮލިސް ކްލަބާއި، އިމިގްރޭޝަން އެންޑް އެމިގްރޭޝަންއާއި، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަދި ފްލައިމީއެވެ.

އެ މުބާރާތުގެ އަންހެން ޑިވިޝަންގައި ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ އަދި ދެވަނަ ޓީމެއް ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. ސެމީގެ ފުރަތަމަ މެޗު އަންނަ މަހުގެ އަށްވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، ސެމީގެ ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ނުވަވަނަ ދުވަހުއެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަން ކުރިއަށްދާނީ ލީގު އުސޫލަށެވެ. އެގޮތުން އެ ޑިވިޝަންގައި ދެ ބުރު ކުޅުމަށް ހަމަޖެހިފައިވާއިރު، އެއްވަނަ އަދި ދެވަނަ ހޯދާ ޓީމެއް ފައިނަލަށް ދަތުރުކުރާނެއެވެ. ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަންގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހުއެވެ.

comment ކޮމެންޓް