ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ގަތުމަށް ބީލަމުގައި ބައިވެރިވުން މާދަމާ

ހުޅުމާލޭގެ މޮޑެލް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ހުޅުމާލޭ ދެވަނަ ފިޔަވަހިން ބީލަމުގެ އުޞޫލުން ވިއްކުމަށް ހަމަޖެހިފައިވާ ޖުމްލަ 101،954.33 އަކަފޫޓުގެ ބިމުގެ ތެރެއިން ބިން ގަންނަން ބޭނުންވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން މާދަމާ ހުޅުވާލާނެ އެވެ.

އެ ކުންފުނިން ޖެނުއަރީ މަހުގެ ހަތަރުވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ބިން ގަންނަން ބޭނުންވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ކަންކަން ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 3:00 އަށް ހޮޓެލް ޖެންގައި ކުރިއަށް ދާނެ ކަމަށެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހިން ވިއްކަން ހަމަޖައްސާފައި ވަނީ ޖުމްލަ 101،954.33 އަކަފޫޓުގެ ބިމެވެ. އެގޮތުން ބިން ގަންނަން ބޭނުންވާ ފަރާތްތަކަށް ގަންނަން ހުށަހެޅޭނީ 2000 އަކަފޫޓާއި 6000 އަކަފޫޓާ ދެމެދުގެ ބިންތައް ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނި ގޮތުގައި މާދަމާގެ ބިޑް ގައި ބައިވެރިވެވޭނީ ބިޑް ސެކިއުރިޓީގެ ގޮތުގައި 2000 އަކަފޫޓަށް 300،000 ރުފިޔާ، އަދި އިތުރުވާ ކޮންމެ 1000 އަކަފޫޓަކަށް އިތުރު 100،000 ރުފިޔާ ދައްކައިގެން ކަމަށެވެ.

އެ ކުންފުނިން ބުނީ ބީލަން ކާމިޔާބު ކުރުމުގައި އިސްކަންދޭނީ އެންމެ މަތިން އަގު ހުށަހަޅާ، އެއްފަހަރާ އަގު އަދާ ކުރާ ފަރާތްތަކަށް ކަމަށާއި، އެއް ފަހަރާ އަގު އަދާ ކުރުމަށް ތިން މަސް އަދި ތާޑް ޕާޓީ ފައިނޭންސްއިން އަގު އަދާ ކުރަން ބޭނުންވާ ނަމަ ތިން މަސް ދުވަސް ދެވޭނެ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ގަތުމުގެ ބިޑުގައި ބައިވެރިވުމަށް ރަޖިސްޓްރީވުން މާދަމާ ކުރިއަށްގެންދަން ހަމަޖައްސާފައިވާއިރު ބިޑު ހުށަހެޅުން އޮންނާނީ ފެބްރުއަރީ ހަ ވަނަ ދުވަހުގެ 12:00 ގައި ހޮޓެލް ޖެންގަ އެވެ. ބީލަން ހުޅުވުން އޮންނާނީ ހަމަ އެ ދުވަހުގެ 13:00 އިން ފެށިގެން ހަވީރު 15:00 އާ ހަމައަށެވެ.

comment ކޮމެންޓް