މާދަމަ އިން ފެށިގެން މާލޭގައި މަރުވާ މީހުން ވަޅުލާނީ ހުޅުމާލޭގައި: މިނިސްޓްރީ

ހުޅުމާލޭގައި މައްޔިތާ ހިނެވުމުގެ ހުރިހާ ކަމަކާއި ކަށުނަމާދު ކުރާނީ މަސްޖިދުލް ޒައިދު ބިން ސާބިތުގައި --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މާދަމާ ހެނދުނު ހަ އަކުން ފެށިގެން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި މަރުވާ މީހުން ވަޅުލަމުން ގެންދާނީ ހުޅުމާލޭ ގަބުރުސްތާނަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މާލޭ ސަހަރާތަކުގެ ޖާގަ ފުރި މީހުން ވަޅުލުމުގައި ދަތިތަކެއް ކުރިމަތިވަމުންދާތީވެ، މާލެ ސަރަހައްދުގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ފެށުމަށްް މިދިޔަ އަހަރު ނިމުމުގެ ކުރިން ވެސް އިސްލާމިކް މިނިސްޓްރީން މަސައްކަތްކުރި އެވެ.

އިސްލާމިކް މިނިސްޓްރީގެ ފަރާތުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ހުޅުމާލޭ ސަހަރާގައި މީހުން ވަޅުލުމުގެ ހުރިހާ ކަމެއް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ.

އެގޮތުން މާދަމާ ހެނދުނު 6:00 އިން ފެށިގެން މާލޭ ސަރަހައްދުގައި މަރުވާ މީހުން ވަޅުލަމުން ގެންދާނީ ހުޅުމާލޭ ގަބުރުސްތާނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީގެ ފަރާތުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ވަހީދު މީޑިއާއަށް މައުލޫމާތު ދެއްވަނީ --- ފޮޓޯ/ ސަން

މާލެ ސަރަހައްދުގައި މަރުވާ މީހުން މާދަމާ އިން ފެށިގެން ހުޅުމާލޭގައި ވަޅުލަން ނިންމާފައިވާ އިރު، ހުޅުމާލެއަށް މައްޔިތާ ގެންދިއުމަށް ކުރިން ނިންމާފައި ވަނީ އެކަމަށް ހާއްސަ ފެރީއެއްގަ އެވެ. އެ ފެރީގައި މައްޔިތާއާ އެކު 60 މީހުންނަށް ދަތުރުކުރެވޭ އިރު، އެއްފަހަރާ ދެ މައްޔިތުން އޭގައި ގެންދެވޭނެ ކަމަށް އޭރު އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މާލޭ މަސްވެރިންގެ ޕާކު ކައިރީގައި ބާއްވާފައި އޮންނަ އެ ފެރީއަށް މައްޔިތާ ގެންދާނީ މަރުވާ ހޮސްޕިޓަލުން އެމްބިއުލާންސް އެއްގަ އެވެ. އަދި ފެރީގައި ހުޅުމާލޭ އެމްޕީއެލް ކައިރީގައި ހަދާފައި ހުންނަ އެޗްޑީސީ އަށް ހާއްސަ ޖެޓީއަށް ބޭލުމަށް ފަހު، ޖެޓީއިން ފެށިގެން ގަބުރުސްތާނަށް ގެންދާނީ ރެޑް ކުރެސެންޓުގެ ހާއްސަ އެމްބިއުލާންސެއްގަ އެވެ.

އަދި ވިލިމާލޭގައި މަރުވާ މީހުން ވެސް، ސީދާ ވިލިމާލެއިން ހުޅުމާލެ ގެންދިއުމަށް ހަމަޖެހިފައިވަނީ މައްޔިތާ އުފުލުމަށް ހަމަޖެހިފައިވާ ފެރީގަ އެވެ.

ހުޅުމާލޭގައި މީހުން ވަޅުލާ ގަބުރުސްތާން --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ނަމަވެސް މިއަދުގެ ޕްރެސްގައި އަލީ ވަހީދު ވިދާޅުވީ، މިހާރު ހަމަޖެހިފައިވާ ގޮތުން މައްޔިތާ ގެންދާނީ ކޮންކަހަލަ އުޅަނދެއްގައިކަން ވިދާޅުވުމަށް ދަތި ކަމަށެވެ. ނަމަވެސް މިހާރު ހަމަޖެހިފައިވާ އުޅަނދުގައި މައްޔިތާއާ އެކު ހުޅުމާލެއަށް ދެވޭނީ ތިން މީހަކަށް އެކަނި ކަމަށާއި އޭގައި ވެސް ދެ މައްޔިތުން އެއްފަހަރާ ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މައްޔިތާއާ އެކު ހުޅުމާލެއަށް ދާން ބޭނުންވާ މީހުން ހުޅުމާލެ ދާންޖެހޭނީ ޓިކެޓް ނަގައިގެން އާއްމުން ދަތުރުކުރާ ފެރީގަ އެވެ. އަދި ދަންވަރު ވަގުތުގައި ފެރީގެ ހިދުމަތް މެދުކެނޑިފައި އޮންނަ ވަގުތުގައި އެމްޓީސީސީގެ ފަރާތުން ހާއްސަ ފެރީއެއް އެކަމަށް ހަމަޖައްސައިދޭނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މައްޔިތާ ހިނެވުމުގެ ހުރިހާ ކަމަކާއި ކަށުނަމާދު ކުރާނީ ހުޅުމާލޭގައި ގާއިމްކޮށްފައިވާ މަސްޖިދުލް ޒައިދު ބިން ސާބިތުގައި ހުންނަ ހިނަވާގޭގައި ކަމަށެވެ.

މާލެއަށް ވުރެ ތަނަވަސް ކޮށް ހަދާފައިވާ އެ ހިނަވާގޭގައި އެއްފަހަރާ ހަތަރު މީހުން ހިނެވުމުގެ ކަންކަން ކުރިއަށް ގެންދެވޭ އިރު، އާއިލާއާއި ރަހްމަތްތެރިންނަށް މަޑުކޮށްލައިގެން ތިބޭނެ ގޮތަށް އެތަނުގައި ހަދާފައި ހުރެ އެވެ.

އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ ގާތްގަނޑަކަށް ވިހަ ހާސް އަކަފޫޓުގެ ސަރަހައްދެއްގައި އަލަށް ހެދި ސަހަރާއަކީ ދެ ލޭޔަރަކަށް 8800 މީހުން ވަޅުލެވޭނެ ސަހަރާއެއް ކަމަށެވެ. އަދި އެޗްޑީސީއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ހަ އަހަރަށް އެ ސަހަރާގައި މީހުން ވަޅުލެވޭނެ އެވެ.

އަލީ ވަހީދު ވިދާޅުވީ، މާދަމާ އިން ފެށިގެން އާސަހަރާގެ ހިނަވާގެއާ ވަޅުލުމުގެ ކަންކަން ބަންދުކުރާ އިރު، އާސަހަރާ މިސްކިތް ހުންނާނީ ހުޅުވިފަ އެވެ. އަދި ކުރިން ވިހެއުމަށް ފަހު އާއިލާއާ ހަވާލުކުރާ މަސްކޮޅު ނައްތާލުމުގެ ކަންކަން އާސަހަރާގައި ކުރިއަށްގެންދިޔަ ނަމަވެސް، މާދަމާ އިން ފެށިގެން އަންނަ ބަދަލާއެކު އެ މަސްކޮޅު ނައްތާލާނީ ގަލޮޅު ސަހަރާގައި ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް