ވެސްޓް ހާމް ކުޅުންތެރިންނާ ޕަޔެޓް ވާހަކަ ނުދައްކައި އަށް ހަފްތާވަންދެން ހުރި: ސުލިވަން

ވެސްޓް ހާމް ދޫކޮށް، މާސޭއާ ގުޅުނު ފްރާންސް މިޑްފީލްޑަރު ޕަޔެޓް ---

ފްރާންސް މިޑްފީލްޑަރު ޑިމިޓްރީ ޕަޔެޓް، ވެސްޓް ހާމް ޔުނައިޓެޑްގެ ކުޅުންތެރިންނާ ވާހަކަނުދައްކައި އަށް ހަފްތާވަންދެން ހުރި ކަމަށް އެކްލަބުގެ ކޯ-އޯނަރު ޑޭވިޑް ސުލިވަން ބުނެފި އެވެ.

ޕަޔެޓް ވަނީ 25 މިލިއަން ޕައުންޑްގެ އަގެއްގައި މިދިޔަ އާދީއްތަ ދުވަހު އޭނާ ކުރީގެ ކްލަބު ފްރާންސްގެ މާސޭއާ އަލުން ގުޅިފަ އެވެ.

"ފާއިތުވެ ދިޔަ އަށް ހަފްތާ ވަންދެން އޭނާ ކްލަބުގެ އެއްވެސް މީހަކާ ވާހަކަނުދައްކާ ހުރި. އޭނާ ކާ އެއްޗެއް ކާންވިޔަސް ކްލަބުގެ އެހެން މީހުންނާ ދުރަށްދާނެ. ކުރިން އޭނާއަކީ ވަރަށް އުފަލާ އެކު އުޅޭ ކުޅުންތެރިއެއް. މެޗުގެ ކުރިން އެންމެންނާ ސަލާމްކޮށް ހަދާނެ،" ބީބީސީއަށް ދިން އިންޓަވިއުއެއްގައި ސުލިވަން ބުންޏެވެ.

ސުލިވަން ބުނީ، ޓެކްޓިކަލް ނޫނީ އެހެން ބަދަލަކާ ގުޅިގެން ޕަޔެޓްގެ ވިސްނުން ބަދަލުވި ކަމަށާއި ޓީމުން ވެސް ފަހުން ބޭނުންވީ އޭނާ ވަކިކުރަން ކަމަށެވެ. އަދި ފަހުން ކޯޗު ސްލެވަން ބިލިޗް ވެސް ޕަޔެޓް ދޫކޮށްލަން ބޭނުންވި ކަމަށް ވެސް އޭނާ ބުންޏެވެ.

"ކްލަބުގެ ވެރިން އޭނާ ބަހައްޓަން ކިޔަންމެ ބޭނުންވިޔަސް ޓީމުގެ ކުޅުންތެރިންނާއި ކޯޗުގެ އެދުމުގެ މަތިން އޭނާ ދޫކޮށްލަން ޖެހުނީ. މާސޭއަކީ މަޝްވަރާތައް ކުރަން އެހާ ފަސޭހަ ކްލަބެއް ނޫން. އެމީހުން ހުށަހެޅި 25 މިލިއަން ޕައުންޑްގެ އަގު އަހަރެމެން ގަބޫލުކުރުމަކީ މާސޭގެ ނަސީބު،" އޭނާ ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އަންނަ ބުދަ ދުވަހުގެ ރޭ ވެސްޓް ހާމްއިން މެންޗެސްޓާ ސިޓީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ނުކުންނަން ޖެހޭނެ އެވެ. މިވަގުތު ވެސްޓް ހާމް އޮތީ ލީގު ތާވަލުގެ ދިހަ ވަނައިގަ އެވެ.

comment ކޮމެންޓް