ސްޕެނިޝްލީގުގައި ރޭ ރެއާލް ބެޓިސްއާ ދެކޮޅަަށް ބާސެލޯނާ ކުޅުނު މެޗު އެއްވަރުވެ، އެސްޕަންޔޯލް އަތުން ސެވިއްޔާ ބަލިވި އިރު، ރެއާލް މެޑްރިޑް އޭގެ ފައިދާ ނަގައި ލީގު ތާވަލުގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
މިފަހަކަށް އައިސް ރެއާލުން ނެރެމުން ދިޔަ ނަތީޖާތަކާ މެދު ސަޕޯޓަރުންގެ މެދުގައި ނުތަނަވަސްކަމެއް އުފެދިފައި ވަނިކޮށް، ރެއާލްގެ އަމިއްލަ ދަނޑުގައި ރޭ ރެއާލް ސޮސިއެޑާޑް އަތުން މެޑްރިޑް ޓީމް ވަނީ 3-0 ލަނޑުގެ ނަތީޖާއަކުން މޮޅުވެފައެވެ.
މި ނަތީޖާތަކާއެކު، އެހެން ޓީމުތަކަށް ވުރެ އެއްމެޗު މަދުން ކުޅެފައިވާ ރެއާލް، ތާވަލުގެ އެއްވަނައިގައި އޮތީ 46 ޕޮއިންޓާއެކު އެވެ. ތާވަލުގެ ދެވަނައިގައި 42 ޕޮއިންޓާއެކު އޮތް ސެވިއްޔާ ތިންވަނައަށް ވެއްޓިފައިވާ އިރު، ބެޓިސް އަތުން ލިބުނު ޕޮއިންޓާއެކު ޖުމުލަ 42 ޕޮއިންޓު ހަމަކޮށް ލަނޑުގެ ތަފާތުން ބާސާ ވަނީ ދެވަނައަށް ޖެހިލައިފައެވެ.
ރެއާލަށް ސޮސިއެޑާޑްގެ ގޯލް ހުޅުވާލަދިނީ، ކްރިސްޓިއާނޯ ރޮނާލްޑޯ ތަނަވަސްކޮށްދިން ފުރުސަތަކުން، 37 ވަނަ މިނިޓްގައި މަޓިއޯ ކޮވަސިޗެވެ. މިއީ އޭނާ ސްޕެނިސްޝް ލީގުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.
އެއް ލަނޑުގެ ލީޑަކާއެކު ދެވަނަ ހާފް ފަށައި، 51 ވަނަ މިނިޓްގައި ރޮނާލްޑޯ ވަނީ ރެއާލަށް ނަތީޖާ ފުޅާކޮށްދީފައެވެ. މި ލަނޑު ޖެހުމުގައި އޭނާއަށް އެހީތެރިވެދިނީ ކޮވަސިޗެވެ. ރޮނާލްޑޯގެ މި ލަނޑަކީ އޭނާ އެންމެ ފަހުން ކުޅުނު 13 މެޗުން ކާމިޔާބުކުރި 13 ވަނަ ލަނޑެވެ.
ސޮސިއެޑާޑްގެ އިނިގޯ މާޓިނޭޒަށް ދެ ރީނދޫ ކާޑު ހަމަވެ މެޗުގެ 74 ވަނަ މިނިޓްގައި ރަތްކާޑެއް ދައްކާފައިވާއިރު، 82 ވަނަ މިނިޓްގައި ރެއާލްގެ ތިން ވަނަ ލަނޑު ކާމިޔާބުކުރީ އަލްވާރޯ މޮރާޓާއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ސޮސިއެޑާޑްގެ ގޯލް ކުރިމައްޗަށް ލޫކަސް ވަޒްކުއެޒް ހުރަސްކޮށްލި ބޯޅައެއް ބޮލުން ޖަހައި ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.
ބާސެލޯނާ ރޭ ކުޅުނު މެޗުގެ 75 ވަނަ މިނިޓްގައި ރެއާލް ބެޓިސްގެ އެލެކްސެންޑާ އެލެގްރިއާ ކާމިޔާބުކޮށްދިން ލަނޑާއެކު ބެޓިސް އަތުން 1-0 ން ބަލިވާން ދަނިކޮށް މެޗުގެ ފަހު މިނިޓްގައި އެޓީމު ސަލާމަތްކޮށްދިނީ ލުއިސް ސުއަރޭޒްއެވެ.
އެސްޕަންޔޯލާ ދެކޮޅަށް ސެވިއްޔާ ކުޅުނު މެޗުގެ ދެވަނަ މިނިޓްގައި ސެވިއްޔާގެ ޑިފެންޑަރު ނިކޮލަސް ޕަރޭޖާއަށް ރަތްކާޑެއް ދެއްކުމާ ގުޅިގެން މުޅި މެޗު 10 ކުޅުންތެރީންނާއެކު އެޓީމަށް ފުރިހަމަ ކުރާން ޖެހުނު އިރު، އެސްޕަންޔޯލްގެ ފުރަތަމަ ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ، ހޯޒޭ އެންޓޯނިއޯ ރެޔެސްއެވެ.
މެޗުގެ 20 ވަނަ މިނިޓްގައި ސްޓީވަން ޖޮވެޓިޗް ސެވިއްޔާއަށް ނަތީޖާ ހަމަހަމަ ކޮށްދިން ނަމަވެސް ފުރަތަމަ ހާފް ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް މާކް ނަވަރޯ ވަނީ ދެވަނަ ފަހަރަށް އެސްޕަންޔޯލަށް މެޗުގެ ލީޑު ނަގައިދީފައެވެ. މެޗުގެ 71 ވަނަ މިނިޓްފައި އެސްޕަންޔޯލްގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޖެރާޑް މޮރީނޯއެވެ.