ސްޓާބަކްސްއިން 10،000 ރެފިއުޖީންނަށް ވަޒީފާ ދެނީ

ސްޓާބަކްސްގެ ސީއީއޯ ހަވަޑް ޝޫލްޓްޒް -- ފޮޓޯ/ ގެޓީ

ދުނިޔޭގެ މަޝްހޫރު ކޮފީ ޗެއިން ސްޓާބަކްސްއިން ކުރިޔަށް އޮތް ފަސް އަހަރު ދުވަސް ތެރޭގައި 10،000 ރެފިއުޖީންނަށް ވަޒީފާ ދޭނެކަމަށް އެކުންފުނީގެ ސީއީއޯ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރައީސް ޓްރަމްޕްގެ ރިޔާސީ އަމުރެއްގެ ދަށުން، އިސްލާމީ ހަތް ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާކުރުމާއި، އެމެރިކާއިން ހިންގަމުން އައި، ރެފިއުޖީންނަށް މަރުހަބާ ކިޔުމުގެ ޕްރޮގްރާމް ވަނީ ހުއްޓާލައިފައެވެ. މިކަމާ ގުޅިގެން ގިނަ އަދަދެއްގެ ރެފިއުޖީން ބިކަވެފައިވާ އިރު، އެމެރިކާގައި ދިރިއުޅޭ، ނަމަވެސް އެމެރިކާއިން ބޭރުގައި ތިބި އެ ހަތް ގައުމުގެ ބައެއް ރައްޔިތުންނަށް ވަނީ އެނބުރި އެމެރިކާއަށް ދިއުމުގެ ފުރުސަތު ބީވެފައެވެ.

ރައީސް ޓްރަމްޕްގެ މި އިމިގްރޭޝަން ސިޔާސަތާ ގުޅިގެން، ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގެ އިސްވެރިން ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

ދުނިޔޭގެ މަޝްހޫރު ކޮފީ ކޮމްޕެނީ ސްޓާބަކްސްގެ ސީއީއޯ ހަވަޑް ޝޫލްޓްޒް ވިދާޅުވީ ރައީސް ޓްރަމްޕްގެ އަމުރުފުޅުގެ ސަބަބުން ގިނަ ބައެއްގެ މެދުގައި ޝައްކާއި ވަހުމު އަދި ދެބަސްވުންތަކާއި ދެކޮޅުވެރިކަން އުފެދިފައިވާ ކަމަށެވެ.

ޝޫލްޓްޒް ވިދާޅުވީ 10،000 މުވައްޒަފުން އެމެރިކާއިން ނަގަން ފަށާ އިރު، އޭގެ ތެރޭގައި ބޮޑަށް އަހަންމިއްޔަތުކަން ދޭނީ އަސްކަރިއްޔާގައި މަސައްކަތް ކޮށްފައިވާ، އަދި އަސްކަރިއްޔާއަށް އެހީތެރިކަން ފޯރުކޮށްދޭ މީހުންނަށް ކަމަށެވެ.

އޭނާ ވިދާޅުވީ އެމެރިކާގެ އާ ސަރުކާރުގެ އެފަދަ ބޭއިންސާފު ސިޔާސަތުތަކާ އެކުންފުނިން ދެކޮޅު ކަމަށާއި، އެކަމާ ދެކޮޅަށް ސްޓާބަކްސްއިން އަޑު އުފުލާނެ ކަމަށެވެ.

ދުނިޔޭގެ 75 ގައުމެއްގައި، ސްޓާބަކްސްގެ 25،000 އައުޓްލެޓް އޮޕަރޭޓް ކުރެއެވެ.

ސްޓާބަކްސްއިން މިހެން ބުނެފައިވާ އިރު، ފޭސްބުކް، ގޫގްލް އަދި އެއާ ބީއެންބީ ފަދަ ބޮޑެތި ކުންފުނިތަކުން ވަނީ ރައީސް ޓްރަމްޕްގެ ސިޔާސަތުތަކަށް ތާއީދު ނުކުރާ ކަމަށް ބުނެ، ރައީސް ޓްރަމްޕަށް ފާޑު ކިޔާފައެވެ.

comment ކޮމެންޓް