ސްޕެޝަލް އިކޮނޮމިކް ޒޯނެއްގައި ހިންގިދާނެ އިގްތިސާދީ މަސައްކަތްތަކާއި އެ ޒޯނުތަކުގައި ހިމެނޭ ޖުމްލަ އިންވެސްޓުމެންޓުގެ އެންމެ ކުޑަ މިންގަނޑު ކަނޑައަޅައި، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގަރާރެއް ނެރުއްވައިފި އެވެ.
ރައީސް ޔާމީން މިއަދު ނެރުއްވި ގަރާރުގައިވާ ގޮތުން އެކްސްޕޯޓަށް އިސްކަންދީގެން ހިންގާ ބައެއް އިންވެސްޓްމެންޓްތަކަށް 150 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ކުޑަނޫން އަދަދެއް ހޭދަކުރަން ޖެހޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. މިއީ މިދިޔަ އަހަރު އެމަނިކުފާނު ނެރުއްވި ގަރާރުގައި ވެސް ބަޔާންކޮށްފައިވާ، އެސްއީޒެޑްގައި އިންވެސްޓު ކުރެވޭނެ އެންމެ ކުޑަ މިންގަނޑެވެ.
އެސްއީޒެޑް ގައި އިންވެސްޓު ކުރެވިދާނެ ކަމަށް ރައީސް ނެރުއްވި ގަރާރުގައި ބަޔާންކުރާ ކަންތައްތައް:
- އެކްސްޕޯޓަސް އިސްކަންދީގެން ހިންގާ މެނުފެކްޗަރިންގެ އެކި ބާވަތްތަކުގެ މަސައްކަތްތައް
- ޓްރާންޝިޕްމަންޓް ޕޯޓު، އިންޓަނޭޝަނަލް ލޮޖިސްޓިކްސް ޕޯޓު، އެއާޕޯޓު، ބަލްކް ބްރޭކިންގް، ޑޮކިންގް ސާވިސް
- ޔުނިވާސިޓީ، ޓާޝަރީ ހޮސްޕިޓަލް، ސުޕަ ސްޕެޝަލްޓީ ހޮސްޕިޓަލް، އަދި ދުނިޔޭގެ ފެންވަރުގެ ރިސާޗް އެންޑް ޑިވެލޮޕްމެންޓް ފެސިލިޓީސްތައް.
- ދުނިޔޭގެ ފެންވަރުގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ޕާކް އަދި އައިސީޓީއާ ގުޅޭ ފެސިލިޓީތައް
- އިންޓަނޭޝަނަލް ފައިނޭޝަލް ސާވިސަސް، އަދި އިންޓަނޭޝަނަލް ޓްރޭޑު ސެންޓަރުތައް
- އިޔާދަ ކުރަނިވި ހަކަތައާއި ހަކަތައިގެ ދާއިރާއާއި އޮއިލް އެންޑް ގޭސް އެކްސްޕޮލޮރޭޝަން ސެންޓަރުތައް
- ރާއްޖޭގައި ނެތް ޓެކްނޮލޮޖީއެއް ރާއްޖެއަށް އާންމުކުރުމަށް ހިންގޭ މަސައްކަތްތައް
ރައީސްގެ ގަރާރުގައި ވިދާޅުވެފައިވާ ގޮތުގައި މާލީ ދާއިރާ ފިޔަވައި އެހެން ދާއިރާތަކުގެ ހުށަހެޅުތައް ދިރާސާކުރުމުގައި އިންވެސްޓްމެންޓްގެ އަގުކަމުގައި ބަލާނީ ޑިވެލޮޕަރު ގާއިމްކުރުމަށް ހުށަހަޅާ މުޅި އިންވެސްޓްމަންޓް ގާއިމުކުރުމަށް އެފަރާތުން ހަރަދުކުރުމަށް ހުށަހަޅާ "މިނިމަމް ފިކްސްޑް" އިންވެސްޓްމެންޓްގެ އަދަދެވެ.
އަދި އެ ޑިވެލޮޕަރަކު ހުށަހަޅާ ޖުމްލަ އިންވެސްޓްމެންޓްގެ ތެރޭގައި ހިމެނޭ ސްޓްރެޓީޖިކް އިންވެސްޓްމެންޓްގެ ބައިތަކަށް ހަރަދުކުރާ ޖުމްލަ އިންވެސްޓްމެންޓްގެ މިންވަރަށްވުރެ ސްޓްރެޓީޖިކް ބައިތަކުގެ ބޭރުން އެ އިންވެސްޓްމަންޓްގައި ހިމެނޭ އެހެން ވިޔަފާރިތަކަށް ކުރާ ހޭދަ ބޮޑުވެގެން ނުވާނެ ކަމަށް ވެސް ގަރާރުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން، ގަރާރުގައި ބުނެފައި ވަނީ މާލީ ދާއިރާއިން ހުށަހަޅާ ހުށަހެޅުންތައް ދިރާސާކުރުމުގައި އިންވެސްޓްމަންޓްގެ އަގު ކަމުގައި ބަލާނީ ޑިވެލޮޕަރު އެތަނެއް ގާއިމްކުރަން ހަރަދުކުރާ ފިކްސްޑް އިންވެސްޓްމެންޓްގެ އިތުރުން މާލީ ހިދުމަތް ފަށައި ގަތުމަށް ދިވެހިރާއްޖެއަށް ގެނައުމަށް ޑިވެލޮޕަރު ކޮމިޓްކުރާ ކެޕިޓަލް އިންވެސްޓްމެންޓަށް ކަމަށެވެ.