އެމެރިކާގެ ޓެކްސަސްގެ މިސްކިތެއްގައި އަލިފާންރޯވެ އަނދައިފި

ޓެކްސަސްގައި އަލިފާނުގެ ޙާދިސާ ހިނގި މިސްކިތް

ޓެކްސަސް (ޖަނަވަރީ 29): އެމެރިކާގެ ޓެކްސަސްގެ މިސްކިތެއްގައި އަލިފާންރޯވެ އަނދައިފިއެވެ.

އެމެރިކާގެ މުސްލިމުންގެ ޖަމިއްޔާ، ކައުންސިލް ފޯރ އެމެރިކަން އިސްލާމިކް ރިލޭޝަންސް (ކީރް) ބުނިގޮތުގައި މިއީ ގަސްދުގައި ބަޔަކު ނުވަތަ މީހަކު ހިންގި އަމަލެއްކަމަށް ބެލެވޭކަމަށާއި ޓެކްސަސްގެ ފުލުހުންނަށް ހުށަހަޅައިގެން އެމައްސަލަ ބަލަމުންގެންދާނެ ކަމުގައެވެ.

މަންޒަރު ދުށްމީހުންނާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން މިހާދިސާގައި އެމިސްކިތުގެ ގާތްގަނޑަކަށް 85 އިންސައްތަ ވަނީ އަނދައި ހުލިވެފައެވެ. އަލިފާނުގެ ހާދިސާއަށްފަހު ޓެކްސަސްގެ ފުލުހުން އެތަނަށްގޮސް ހަރަކާތްތެރިވަމުންދާކަމަށްވެސް ޚަބަރުތައް ބުނެއެވެ. މި މިސްކިތަކީ ޓެކްސަސްގެ ހިޔުސްޓަންގެ ވިކްޓޯރިޔާ އަވަށުގައި ހުންނަ މިސްކިތެކެވެ. މި ހާދިސާ ހިނގާފައިމިވަނީ އިސްލާމީ 7 ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާކުރުމުގެ ހަރުކަށި ގަރާރެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވިތާ ސައުވީސް ގަޑީއިރުވެސް ނުވަނީހެވެ.

އެހެންކަމުން މިއީ މުސްލިމުންދެކެ ރުޅިއަންނަ އެމެރިކާގެ ހައްދު ފަހަނަޅާފައިވާ ދޮންމީހުންގެ އަމަލެއް ކަމަށް ބެލެވޭނެ ޖާގައެބައޮތް ކަމަށް އެމެރިކާގެ މުސްލިމުންގެ ޖަމިއްޔާގެ ވެރިއެއްކަމަށްވާ ނިހާދު އަވަޟު ވިދާޅުވިއެވެ.

އިސްލާމީ ހަތް ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާކުރުމުގެ ހަރުކަށި ގަރާރެއް ޓްރަމްޕް ނެރުއްވުމާ ގުޅިގެން އެމެރިކާގެ މެދުމިނުގެ ފިކުރުގެ އާންމުން ގެންދަނީ މުސްލިމުންނަށް ހަމްދަރްދީ ފާޅުކުރަމުންނެވެ.

ޓެކްސަސްގެ މިސްކިތުގައި އަލިފާންރޯވިތާ ދެތިން ގަޑިއިރު ތެރޭގައި އެ ސްޓޭޓްގެ އާންމުން ވަނީ އެ މިސްކިތް މަރާމާތު ކުރުމަށް ބޭނުންވާ ފައިސާގެ ބޮޑުބައެއް ޑޮނޭޝަންގެ ގޮތުގައި ދީފައެވެ. މިގޮތުން ތިންގަޑިއިރު ތެރޭގައި އެއްލައްކަ ޑޮލަރުގެ ޑޮނޭޝަން ލިބިފައިވާކަމަށް ޚަބަރުތައް ބުނެއެވެ. (އަލްޖަޒީރާ)

comment ކޮމެންޓް