މުޒާހަރާތައް މަދުވެފައި އޮތީ ގާނޫނާ ހެދި ކަމަށް ގަބޫލު ނުކުރަން: ޝައިނީ

ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ "ސަން" އަށް ދެއްވި އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ސަރުކާރާ އިދިކޮޅު ސިޔާސީ ފަރާތްތަކުން މާލޭގައި މުޒާހަރާއަށް ނުނުކުތުމުގެ ސަބަބަަކީ، އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހު ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް މިދިޔަ އަހަރު ހުށަހެޅު އިސްލާހަކާ އެކު، މާލޭގައި މުޒާހަރާތަކާއި އެއްވުންތައް ބޭއްވޭނީ ފުލުހުންގެ ހުއްދަ ހޯދައިގެން، އަލިމަސް ކާނިވަލު ސަރަހައްދުގައި އެކަންޏެވެ.

ރާއްޖޭގެ ސިޔާސީ ހާލަތާ ގުޅޭގޮތުން އިންޑިއާގެ ނޫހަކަށް މިދިޔަ ހަފްތާގައި މިނިސްޓަރު ޝައިނީ ވިދާޅުވީ ރައީސް ޔާމީންގެ އިގްތިސާދީ އެޖެންޑާ ތަންފީޒު ކުރުމަށް ހުރި ހުރަސްތައް ނައްތާލުމަށްޓަކައި އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާކުރަން ފުރުސަތު ހުޅުވާލާފައިވާނެ ކަމަށެވެ.

އެހެން ނަމަވެސް ބޮޑެތި މަޝްވަރާތައް ބާއްވާވަރުގެ ހާލަތެއް ރާއްޖޭގައި ނެތް ކަމަށް ޝައިނީ ވިދާޅުވިއެވެ. އަދި ސަރުކާރުގެ މަސައްކަތްތައް ރައްޔިތުންނަށް ފެނި، ރައްޔިތުންވެސް މިހާރު މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރުން ފަދަ ކަންކަން ހުއްޓާލާފައިވާ ކަމަށް ޝައިނީ ވިދާޅުވިއެވެ.

"ސަން" އަށް ދެއްވި އިންޓަވިއުއެއްގައި، ޑރ. ޝައިނީ މިއަދު ވިދާޅުވީ، މަގުމަތީގައި މުޒާހަރާތައް ނުކުރާ ސަބަބަކީ އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހު ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ އެހެނެއް ނޫން. އޭގެ ފަހުންވެސް މާލެއާއި ރަށްރަށުގައި މަސައްކަތް ކޮށްގެން، މުޒާހަރާތަކަށް 50 ނުވަތަ 100 އެއްހާ މީހުން ނުކުމެފައި ހުރީ،" ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ ފިޝަރީޒް މިނިސްޓަރު ވިދާޅުވިއެވެ.

ޑރ. ޝައިނީ ވިދާޅުވި ގޮތުގައި، މާލޭގެ މަގުތަކުގައި ހުއްދައާ ނުލައި މުޒާހަރާކުރުން މަނާކުރީ، އެކަމުގެ ސަބަބުން އިގްތިސާދީ އަދި އިޖްތިމާއީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރާތީ ކަމަށެވެ.

"މިއީ އެއްލައްކައަށް ވުރެ ގިނަ މީހުންގެ އާބާދީއެއް ދިރިއުޅޭ ކުޑަކުޑަ ސިޓީއެއް. އެއްވެސް ގައުމެއްގެ ކެޕިޓަލް ސިޓީގައި ހުރިހާ ވިޔަފާރިއެއް ހުއްޓޭ ގޮތަށް، އެއްވެސް ބަޔަކު މުޒާހަރާކުރުމުގެ ފުރުސަތު ނުދޭނެ،"

ފިޝަރީޒް މިނިސްޓަރު ޝައިނީ ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމަކަށް ވެފައި، ރާއްޖޭގެ ނަޒަރުގައި މި މައްސަލައަށް ބަލާއިރު މީގެ ސަބަބުން ދިމާވާ ކަންކަން މާ ބޮޑީ ކަމަށެވެ.

"މިސާލަކަށް މަޖީދީ މަގަށް ނުކުމެއްޖެ ނަމަ މާލެ ހުއްޓުމަކަށް އަންނާނެ. ކިތައް ވިޔަފާރިއަށްތޯ ގެއްލުން ވާނީ. އެކަންކަން ކުރުމަށް ދުނިޔޭގެ އެއްވެސް ގައުމަކުން ނުދޭނެ ހުއްދައެއް. ރާއްޖެއަށް އެޕްލައި ކުރާ އިރު، ރާއްޖެއަކީ ކުޑަކުޑަ ތަންކޮޅެއް ވީމަ މުޅި މާލެ ފެންނަނީ. ރާއްޖޭގެ ކޮންޓެކްސްޓުގައި އެކަން ބޮޑުވެ، އަދި އަޅުގަނޑުމެން ކުޑަކުޑަ ތަންކޮޅެއްގައި އުޅޭތީ އެކަން [ބަޔަކު] ސިޔާސީ ކުރަނީ،" ޝައިނީ ވިދާޅުވިއެވެ.

ޑރ. ޝައިނީ ވިދާޅުވީ މި އިސްލާހުގެ ސަބަބުން ވިޔަސް، ނުވަތަ އެހެން ގޮތަކުން ވިޔަސް މަގުތައް އަމާންވުމުގެ ފައިދާ ނުލިބޭ ރައްޔިތަކު ނުހުންނާނެ ކަމަށެވެ.

"ވިޔަފާރިވެރިންގެ އެތައް ޝަކުވާތަކަކާ އެކު ސަރުކާރުން މިކަހަލަ ކަންކަން ކުރަންޖެހެނީ. އެބޭފުޅުންގެ ވިޔަފާރިތައް ހަލާކުވީމަ އޭގެ ބަދަލު ދޭން ސިޔާސީ ޕާޓީތަކުން ނާންނާނެ. ސަރުކާރުން ހުރިހާ އެންމެންގެ މަސްލަހަތު ރައްކާ ކޮށްދޭންޖެހޭ،" ޑރ. ޝައިނީ ވިދާޅުވިއެވެ.

ދަ ވަޔަރ ނޫހަށް ޝައިނީ ވިދާޅުވީ މަގުތަކަށް ރައްޔިތުން ނުކުމެ މުޒާހަރާ ކުރުމުގެ ސައްހަ ބޭނުމެއް މިއަދު ރާއްޖޭގައި ނެތް ކަމަށް ދުނިޔެއަށް އެނގި ހާމަވެއްޖެ ކަމަށެވެ. އަދި މީހުން ދިރިއުޅޭ ކޮންމެ ރަށަކާވެސް ސަރުކާރުން ބާއްވާ ގާތްކަމުގެ އިހްސާސް ރައްޔިތުންނަށް ކުރެވި، އެކަން ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގާތްގަނޑަކަށް ކޮންމެ ރަށެއްގައި ތަރައްގީގެ މަޝްރޫއެއް އެބަ ހިނގާ. ރައްޔިތުންނަށް މިކަންކަން އެބަ ފެނޭ. ރައްޔިތުން ބޭނުމެއް ނުވޭ ރައީސްގެ ތަރައްގީގެ މަޝްރޫއުތަކަށް ހުރަސް އަޅާކަށް. އެހެންކަމުން ރައްޔިތުން މަގުތަކަށް ނުކުތުންވެސް ހުއްޓާލީ،" ޝައިނީ ވިދާޅުވިއެވެ.

comment ކޮމެންޓް