ބޮލީވުޑްގައި ހުރީ އުފަލުން، ހޮލީވުޑަށް ދިއުމުގެ ވިސްނުމެއް ނެތް: ސޮނާކްޝީ

ޕްރިޔަންކާ ޗޯޕްރާ އަދި ދީޕިކާ ޕަދުކޯން ފަދަ ބޮލީވުޑުގެ ފަންނާނުން ހޮލީވުޑުގައި ކުރަމުން އަންނަ މަސައްކަތާ މެދު އުފާވާ ކަމަށާއި، ނަމަވެސް ހޮލީވުޑަށް ނުކުތުމުގެ ވިސްނުމެއް ނެތް ކަމަށް ބަތަލާ ސޮނާކްޝީ ސިންހާ ބުނެފި އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ސޮނާކްޝީ ބުނެފައި ވަނީ އޭނާ ބޮލީވުޑުގައި ހުރީ އުފަލުން ކަމަށާއި، ކުރިއަށް ދާނީ ވެސް ބޮލީވުޑުން ކަމަށެވެ.

"ނޭނގެ ބައެއް މީހުން އަހަރެން ހޮލީވުޑަށް ފޮނުވާލަން އުޅެނީ ކީއްްވެ ކަމެއް. އަހަރެން ބޮލީވުޑުގައި މި ހުރީ ވަރަށް އުފަލުން، އަހަންނަށް ލިބޭ މަސައްކަތްތަކާ މެދު ހިތްހަމަ ޖެހިގެން. ހޮލީވުޑަށް ނުކުތުމަށް ނުވިސްނަން. ހޮލީވުޑުގައި މަސައްކަތް ކުރަމުން އަންނަ ބޮލީވުޑުގެ ފަންނާނުން ކުރަމުން އަންނަ މަސައްކަތާ މެދު އުފާވޭ،" ސޮނާކްޝީ ބުންޏެވެ.

'ދަބާންގް' އިން ބޮލީވުޑަށް ތައާރަފުވި ސޮނާކްޝީ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްވި ފިލްމު 'އަކީރާ' އިންނެވެ. ސޮނާކްޝީ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ފިލްމު 'ނޫރް' އިންނެވެ. އެ ފިލްމު ރިލީޒް ކުރާނީ މި އަހަރުގެ އޭޕްރީލް މަހު އެވެ.

comment ކޮމެންޓް