ދިވެހި ޒުވާނުން ވަޒީފާގެ ބާޒާރަށް އަހުލުވެރިކުރުވައި ވަޒީފާއަށް ހުނަރުވެރި ބަޔަކަށް ހެދުމަށް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އިން މިދިޔަ އަހަރު ހިންގި ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.
ރޭ ބޭއްވި ރަސްމިއްޔާތުގައި ސެޓްފިކެޓް ދީފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ޑިސެމްބަރު މަހާ ހަމައަށް މާލޭގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމުތައް ފުރިހަމަ ކުރި ދަރިވަރުންނަށެވެ. އެގޮތުން ރޭ ވަނީ އެމްއައިޓީގެ ތަމްރީނު ފުރިހަމަ ކޮށް 96 ދަރިވަރަކު ސެޓްފިކެޓް ހާސިލްކޮށްފައެވެ.
ސެޓްފިކެޓް ހާސިލްކުރި ދަރިވަރުން ކިޔަވައިފައިވަނީ އިންޖީނިއަރިންގެ ދާއިރާއިންނެވެ. އެގޮތުން އެޑްވާންސް އިން އިލެކްޓްރިޝަން، ޑިޕްލޮމާއިން އިލެކްޓްރިކަލް އިންސްޓޮލޭޝަން އަދ ޑިޕްލޮމާ އިން ރެފްރިޖެރޭޝަން އެންޑް އެއާކޮންޑިޝަނިން ފަދަ ސެޓްފިކެޓްތައް އެ ދަރިވަރުންވަނީ ހާސިލް ކޮށްފައެވެ.
އޭގެ އިތުރުން އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަކޮށް، ސުޕަވައިޒަރީ މެނޭޖްމެންޓް ކޯހެއްވެސް އެ އިންސްޓިޓިއުޓުން މިދިޔަ އަހަރު ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ކޯސް ފުރިހަމަ ކުރި 27 ފަރާތެއް ރޭ ވަނީ ސެޓްފިކެޓް ހާސިލްކޮށްފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިން އޮތޯރިޓީ (ޓީވެޓް)ގެ ސީއީއޯ ޑރ. އަބްދުލް ހަންނާން ވަހީދު ވިދާޅުވީ، ވަޒީފާ ނެތިގެން ޒުވާނުން ގިނަ ވެގެން އުޅޭތަން ފެނުނު ކަމުގައި ވިޔަސް ހަގީގަތުގައި ވަޒީފާ އެބަހުރި ކަމަށާއި، އެންމެން "ޓައީ" އަޅައިގެން އަދާކުރާ ވަޒީފާތަކަށް ދާން ނުޖެހޭ ކަމަށެެވެ. އަދި ގައުމު ހިންގޭނީ ޓައީ އަޅައިގެން ނުތިބެ، މަސައްކަތް ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއައިޓީން 2005 ވަނަ އަހަރުން ފެށިގެން ދިވެހި ޒުވާނުން ވަޒީފާއަށް އަހުލުވެރި ކުރުވައި، ވަޒީފާއަށް ހުނަރުވެރި ބަޔަކަށް ހެދުމަށް ތަފާތު ދާއިރާތަކުން ދަނީ މަސައްކަތްތެރިކަމުގެ ކޯސްތައް ހިންގަމުންނެވެ.
އެމްއައިޓީން މައުލޫމާތު ދޭ ގޮތުގައި 2016 ވަނަ އަހަރު 22 ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާއިރު، އެ ޕްރޮގްރާމު ތަކަށް 943 ދަރިވަރުން އެންރޯލްވެފައިވެ އެވެ. އަދި 698 ދަރިވަރުން 2016 ވަނަ އަހަރު ކޯސް ފުރިހަމަ ކޮށްފައިވާ ކަމަށް އެ އިންސްޓިޓިއުޓުން ބުނެ އެވެ.
މާލޭގެ އިތުރުން މާލެ އަތޮޅުގެ ރަށްތަކުގައާއި ރިސޯޓުތަކުގައިވެސް އެ އިންސްޓިޓިއުޓްގެ ކޯސްތައް ހިންގަމުންދެއެވެ. އެ އިންސްޓިޓިއުޓުން ބުނީ ރާއްޖޭގައި މަސައްކަތްތެރިކަމުގެ ދާއިރާއިން ތަފާތު އިންޑަސްޓްރީތަކަށް ތަފާތު ފެންވަރުގެ ކޯސްތައް ހިންގުމަކީ އެ އިންސްޓިޓިއުޓުގެ އަމާޒު ކަމަށެވެ. އަދި އާމްދަނީ ހޯދޭނެ ފުރުސަތުތައް ގައުމުގެ އެކި އުމުރުފުރައިގެ އަދި އެކި ފެންވަރުގެ ފަރާތްތަކަށް ފޯރުކޮށްދިނުމަކީ އެ އިންސްޓިޓިއުޓް ގެ އަމާޒު ކަމަށެވެ.