ޖަމްސު: ފަސޭހައިން ކުރެވޭ މޮޅު މޭކަޕް ޓްރެންޑެއް

ޓްރެންޑް ތަކަކީ އަބަދުވެސް ބަދަލުވަމުން އަންނަ އެއްޗެކެވެ. ބައެއްފަހަރު ރީތިވުމަށް ނުވަތަ ރީތި ކަން ދެމެހެއްޓުމަށް އާދަޔާ ޚިލާފު ކަންކަންވެސް ކުރާތަން ފެނެއެވެ.

މިފަހަރު މިއޮތީ ހީވެސް ނުކުރާ ވަރުގެ ކަމެއްގެ ވާހަކައެވެ. ކޮރެއާގައި މިދުވަސްކޮޅު މާ މަޝްހޫރު ވެގެން އުޅޭ މޭކަޕް ޓްރެންޑެއްގެ ވާހަކަ އެވެ. މިއީ ގިނައިރު މޭކަޕް ހިފެހެއްޓުމަށް ނުވަތަ ކޮށްފައި ހުރި މޭކަޕުން މޫނު ތެޔޮވުން ދުރުކޮށްދިނުމަށް އޮތް ހައްލެއްކަމުގައި އެމީހުން ދެކެއެވެ. ޖަމްސު، (ޑައިވިން ނުވަތަ ދެ އެއްޗެއް އެއްވުން)، އަކީ މުޅި މޫނުގައި ބޭބީ ޕައުޑަރ ހޭކުމަށްފަހު އައިސް ފެން ތަށްޓެއްގެ ތެރެއަށް މޫނު 15-30 ސިކުންތު ވަންދެން ލައިގެން އިނުމަށް ފަހު މޫނުގައި ހުރި އިތުރުވެފައިވާ ފުށްތައް ފުހެލުމެވެ. މީގެ ސަބަބުން މޫނަށް މެޓް ފިނިޝްއެއް ލިބި މުޅި ދުވަހު މޭކަޕް ނުފޭދި ނުވަތަ ހަޑި ނުވެ ދަމަހައްޓައިދޭކަމަށް ވެއެވެ.

މި އާ ބިއުޓީ ޓްރެންޑްގެ ވާހަކަ އެނގުމުން މީގެ އަޖުމަ ބަލައިލީމެވެ. ކޮމްބިނޭޝަން ސްކިން ހުންނާތީ މޭކަޕް ލުކްގައި މެޓް ފިނިޝް ހުރުމަށް ލޯބި ކުރަމެވެ. ޖަމްސު ގެ ގޮތް ބަލައިލުމަށް މޫނު ފޭސް ވޮޝްއިން ދޮވެލުމަށްފަހު ސީރަމް ހާކާލައި މޮއިސްޗަރައިޒް ކޮށްލީމެވެ. އަދި ޕްރައިމަރ ހޭކުމަށްފަހު ޓިންޓެޑް އައި ބްރައިޓްނަރ ލޯކައިރީ ކަޅުވެފައިވާ ހުރިތަނުގައި ހާކާލީމެވެ. އެއަށްފަހު ފައުންޑޭޝަން ވެސް އުނގުޅުލައިލީމެވެ.

ބޭބީ ޕައުޑަރު މޫނުގައި ހޭކުމަށްފަހު އައިސް ފެންތައްޓެއްގެ ތެރެއަށް މޫނުލީމެވެ. މުޅި މޫނުގައި އައިސްފެން ރަނގަޅަށް ޖެއްސުމުގެ ގޮތުން ތަށީތެރޭގައި މޫނު އެކި ކޮޅު ކޮޅަށް އެނބުރީމެވެ. 20 ސިކުންތު ފަހުން މޫނު ނެގުމަށްފަހު ބަލައިލި އިރު މޫނުގެ އެކި ދިމަ ދިމާލުގައި ތަންތަންގަނޑު ހުދުވެފައި ހުއްޓެވެ. ޓިޝޫއަކުން މި ހުދު ތަންތަންގަޑު ސާފުކޮށްލީމެވެ. މޫނުގައި ކުރިން ހޭކި މޭކަޕްގެ ކުލަ ކޮންމެވެސް ވަރަކަށް ޓިޝޫގައި ހުއްޓެވެ. ނަމަވެސް މޫނުމަތީން މޭކަޕް އެކީ ފިލައިގެނެއް ނުދެއެވެ. މޫނު ފޮހެ ނިމިގެން ލޯގަނޑުން ބަލައިލިއިރު ހިތްހަމަޖެހުނެވެ. ޓައިޓް މެޓް ފިނިޝްއެއް މޫނަށް އައިސްފައި ހުއްޓެވެ. މޫނު ހުރީ ވަރަށް ބޮޑަށް މަޑުވެސް ވެފައެވެ. އަދި އެހާ އޮމާން ކަމަށް ވެސް ދައްކައެވެ. ބްލަޝް ވެސް ވަރަށް އޮމާންކޮށް ހާކާލެވުނެވެ. ބާމީ ލިޕްސްޓިކެއް ތުންފަތުގައި ހާކާލީމެވެ.

ފާހަގަވި ކަންކަން: ކޮންމެއަކަސް ޖަމްސު ވެގެން މިދިޔައީ އާދަޔާ ހިލާފު ފަސޭހައިން ކޮށްލެވޭ މޮޅު ކަމަކަށެވެ. ނަމަވެސް ކޮންމެ ދުވަހަކު ހެނދުނު ކުރަން މީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އައިސް ފެނުން އެހާ ހެނދުނާ ކޮންމެ ދުވަހަކު މޫނު ދޮންނަން ފަސޭހައެއް ނުވާނެއެވެ. ހާއްސަކޮށް ރީތި ވުމަށް އިތުރު ވަގުތު ވެސް ހޭދަވާތީ އެވެ. ނަމަވެސްހާއްސަ ހަފްލާތަކަށް ތައްޔާރުވާން މޭކަޕް ކުރާއިރު މި ޓްރެންޑް ބޭނުން ކުރެވޭނެ އެވެ. މޫނު ތެޔޮވުމުންނާއި އޮފްއެރުމުން އަދި މޫނުގެ މޭކަޕް ގިނައިރު ހިފަހައްޓަން ބޭނުންވާނީ އެންމެ ބޮޑަށް އެކަހަލަ ދުވަސްދުވަހުއެވެ. އަދި އެއް ނުކުތާ ފާހަގަ ކޮށްލާނަމަވެ. މޫނު ލެވޭވަރުގެ ހެޔޮވަރު ތަށްޓެއް މިކަމަށް ބޭނުން ވާނެއެވެ. ހޫނު ގަދަ ދުވަސްތަކުގައި މޭކަޕް މެލްޓްވިޔަ ނުދިނުމަށް ކުރެވޭނެ މޮޅު ކަމެއްގެ ގޮތުގައި މިކަން ފާހަގަވިއެވެ.

comment ކޮމެންޓް