ރާއްޖޭގެ އިޖުތިމާއީ މައިދާނުގައި ތަފާތު އެކި ހަރަކާތްތަކެއް ހިންގަމުންދާ އެކްސްޕަޓްރޭޓް ފްރެންޑްޝިޕް ކްލަބްއާ ސަން މީޑިއާ ގުރޫޕްއާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.
ސަންޓީވީ ސްޓްޑިއޯގައި މިއަދު ކުރިއަށް ގެންދިޔަ ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އެކްސްޕަޓްރޭޓް ފްރެންޑްޝިޕް ކްލަބްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ޖަމިއްޔާގެ ޗެނަރަލް ސެކެޓްްރީ ޑީ ސެންތިއު ކުމާރު އެވެ. ސަން މީޑިއާގެ ފަރާތުން ސޮއި ކުރެއްވީ ސަންގެ ޖެނެރަލް މެނޭޖަރު ސޭލްސް އެންޑް މާކެޓިން މިންހާ ފާއިޒު (މިންނު)އެވެ.
ސޮއި ކުރެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން އެކްސްޕަޓްރޭޓް ފްރެންޑްޝިޕް ކްލަބްގެ ޗެނަރަލް ސެކެޓްްރީ ސެންތުއު ވިދާޅުވީ އެބޭފުޅުންގެ މަގުުސަދަކީ ރާއްޖެ އާއި އިންޑި އާ ދެމެދު މިއޮތް ގުޅުން ހުރިހާ ގޮތަކުން ވެސް ވަރުގަދަ ކުރުން ކަމަށާއި އެކަމުގެ ހަބަރުތައް ގެނެސްދިނުމަށް މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ސަން ހަމަޖެހިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
"އަޅުގަނޑުމެންގެ އެންޖީއޯ އަކީ ވަރަށް ގިނަ ސޯޝަލް އެކްޓިވިޓީސްތަކުގައި ބައިވެރިވަމުން އަންނަ އެންޖީއޯއެއް. އޭގެ ފައިދާ ރާއްޖެ އާއި އިންޑިއާގެ ރައްޔިތުންނަށް ކުރަމުންދާނެ،" ސެންތިއު ވިދާޅުވި އެވެ.
ސެންތިއު ވިދާޅުވީ އެކްސްޕަޓްރޭޓް ފްރެންޑްޝިޕް ކްލަބްކީ ރާއްޖެއަށް އާ އެންޖީއޯ އެއް ނޫން ކަމަށާއި މީގެ ކުރިން ހަރަކާތްތެރިވަމުން އައީ އިންޑިއަން އެކަސްޕެޓްރޭޓް ފްރެންޑްޝިޕް އެސޯސިއޭޝަންގެ ނަމުގައި ކަމަށާއި ނަމަވެސް ހޯމް މިނިސްޓްރީގެ ލަފާގެ މަތިން ނަން ރީ ބްރޭންޑްކޮށްގެން ހަރަކާތްތަށް ހިންގަމުންދާ ކަމަށެވެ.
"އަޅުގަނޑުމެންގެ އެބަ އެހީ ވެދެން އެކިިފާރަތްތަކަށް އެޑިޔުކޭޝަން ޓްރިޕްތައް ހިންގުމަށް. އަޅުގަނޑުމެން ވަނީ މީގެ ކުރިން ދަރުމަވަންތަ ސްކޫލް އާއި ހިރިޔާ ސްކޫލް އާއި ތާޖުއްދީން ސްކޫލް އާއި އިމާދުއްދީން ސްކޫލްގެ ދަރިވަރުން ގޮވައިގެން ދަތުރުތަކެއް ވެސް ކޮށްފައި،" ސެންތިއު ވިދާޅުވި އެވެ.
ސެންތިއު ވިދާޅުވީ ސްކޫލްތަކުގެ ދަރިވަރުން ގޮވައިގެން ރާއްޖެއިން ބޭރަށް ދަތުރުކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އަދި އެބޭފުޅުންގެ މަސަތްކަތުން މިހާރު ވަނީ ގިނަ ފަރާތްތަކުގެ އިތުބާރު ގާއިމްކުރެވިފައި ކަމަށެވެ.
"އަޅުގަނޑުމެން މިދަނީ އިންޑިއަން ކަލްޗަރަލް ސެންޓަރާ ގުޅިގެން ރާއްޖޭގެ ރައްޔިތުންނަށް ސްކޮލަޝިޕްގެ ފުރުސަތުތަކެއް ވެސް ހުޅުވާލަމުން. ކުރި މުއްދަތަކަށް ހިިންގާ އެ ކޯސްތަކަކީ ވަރަށް ގިނަ ފަރާތްތަކަކަށް އެހާ ފެމެލިއާ ނޫން ކޯސްތަތަކަށް ވީ ނަމަވެސް އަޅުގަނޑުމެން އޭގެ މައުލޫމާތު ފޯރުކޮށްދޭނަން،" ސެންތިއު ވިދާޅުވި އެވެ.
ސޮއި ކުރެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން މިންނު ވިދާޅުވީ އެއްބަސްވުމުގެ ދަށުން އެކްސްޕަޓްރޭޓް ފްރެންޑްޝިޕް ކްލަބްގެ ހަރަތާތްތައް ސަން މީޑިއާގެ ހުރިހާ ވަސީލަތެއް މެދުވެރިކޮށް ގެނެސްދެވޭނެ ކަމަށެވެ.
"އެއް އަހަރުގެ މި އެއްބަސްވުމުގެ ދަށުން ސަންގެ މުއްޒަފުނަނަށް އެބޭފުޅުން ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ. އޭގެ ތެރޭގައި ޓްރެއިނިން ޕްރޮގްރާމްތަކާއި މަސަތްކަތަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތަށް ހިމެނޭ،" މިންނު ވިދާޅުވި އެވެ.
އެކްސްޕަޓްރޭޓް ފްރެންޑްޝިޕް ކްލަބްގެ ފަރާތުން އަންނަނީ އިންޑިއާގެ ދަނޑުވެރިން ފާހަގަކުރަމުން އަންނަ ޕޮންގަލް ޑޭ މާދަމާ އޮލިމްޕަސްގައި ފާހަގަކުރުމަށް ތައްޔާރިވަމުންނެވެ.