ސައްޙަ ނޫން ކޯޓު އަމުރެއް ނެރެގެން ގާނޫނާ ޚިލާފަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރަން އުޅުނުކަން ސާބިތުވެ އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ނިހާން 17 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް މިއަދު ފަށައިފިއެވެ.
ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކުރި ހުކުމްގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހުގެ ރޭގެ ދަންވަރު އާންމު އުސޫލުތަކާ ޚިލާފަށް ނިހާން ކޯޓު ހުޅުވައިގެން ކަމާ ނުބެހޭ މީހުން ވައްދައި، އަދި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިންއާ އެކު އެ ކޯޓުގެ ލެޕްޓޮޕް ކައިރީ އިންނެވިކަން ހެކީންގެ ހެކިބަހުން އެނގެން އޮންނަ ކަމަށެވެ.
ހެކީންގެ ހެކިބަހުން އެކަން އެނގެން އޮންނައިރު، މާމިގިލީ ކޯޓުގެ ލެޕްޓޮޕުން، ރައީސް ޔާމީން ހައްޔަރުކުރުމާ ގުޅޭގޮތުން ކޯޓު އަމުރެއް ތައްޔާރުކުރަން އުޅެފައިވާ ލިޔުމެއް ފެނިފައިވާކަން ދައުލަތުން ހުށަހެޅި ކޮމްޕިއުޓާ ފޮރެންސިކް ރިޕޯޓުން އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
ޓެރަރިޒަމްގެ ދައުވާގެ އިސްތިއުނާފު ފުރަތަމަ އަޑުއެހުމުގައި ނިހާންގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ ނިހާނާ ދެކޮޅަށް ހެކިބަސްދިން މީހުންގެ އަދުލުވެރިކަމާ މެދު ސުވާލު އުފެދޭއިރު އެކަމުގެ މައްޗަށް މައްސަލަ ނިންމި އިރު ރިއާޔަތްކޮށްފައިނުވާ ކަމަށެވެ.
އެ ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅީ ހަދަކަމުން މީހަކު ފޮރުވަން އުޅުނުކަން ސާބިތުވާ ކަމަށް ނިންމުމަށްފަހުގައި ކަމަށާއި ނަމަވެސް ގަދަކަމުން މީހަކު ފޮރުވަން އަމަލީގޮތުން އޭނާ ކުރި އެއްވެސް ކަމެއް ދައުލަތަށް ސާބިތުކޮށްނުދެވޭ ކަމަށް ސުއޫދު ވިދާޅުވިއެވެ.
އެ މައްސަލައިގެ ދެން ބާއްވާ އަޑުއެހުމެއްގައި އޮންނާނީ އިސްތިއުނާފު މައްސަލައަށް ދައުލަތުން ޖަވާބުދާރީވުމެވެ.
ޓެރަރިޒަމްގެ ދައުވާ ސާބިތުވިޔަސް ނިހާން އަދިވެސް ނިހާން ފަނޑިޔާރުކަމުން ވަކިކޮށްފައެއް ނުވެއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ނިހާން ވަނީ ސަސްޕެންޑްކޮށްފައި ކަމަށާއި އޭނާ ފަނޑިޔާރުކަމުން ވަކިކުރުމާ މެދު ގޮތެއް ނިންމާނީ އިސްތިއުނާފުގެ މަރުހަލާތައް ނިމުމުން ކަމަށެވެ.